އާރުޑީސީގައި އެއްވެސް ލިޔެކިޔުމެއް ނެތެވެ. ކުންފުނި 2021 އަދި 2022 ގައި އޮޑިޓު ވެސް ނުކުރެ އެވެ. ކުންފުނީގެ އެކައުންޓުގައި ހުރީ އެންމެ 4 މިލިއަން ރުފިޔާ އެވެ. މަޝްރޫއުއެއް ނުހިންގާ ކޮށްފައިވަނީ ހަރަދުތަކެކެވެ.
ކޮރަޕްޝަންގެ ތުހުމަތު އޮވެގެން ފުލުހުން ތަހުގީގު ހިންގާ، އާރުޑީސީ ކުންފުނިން މިދިޔަ ރިޔާސީ އިންތިހާބުގެ ބޯމަތިވެފައިވަނިކޮށް ޖުލައި މަހުން ފެށިގެން 200 މިލިއަން ރުފިޔާ ދޫކޮށްފައި ހުރިކަން ހާމަވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މައުލޫމާތު ދެއްވަމުން އާރުޑީސީގެ އެމްޑީ ކެޕްޓަން އަލީ ޒުހައިރު ވިދާޅުވި އާ މެނޭޖުމަންޓުން ކުންފުނާ ހަވާލުވިއިރު ކުންފުނީގައި އެއްވެސް ލިޔުމެއް ނެތް ކަމަށާ، ފުލުހުން ތަހުގީގަށް ހުރިހާ އެއްޗެއް ގެންގޮސްފައިވާއިރު، އެ ކުންފުނީގެ އެކައުންޓުގައި ހުރީ އެންމެ ހަތަރު މިލިއަން ރުފިޔާ ކަމަށެވެ.
އަދި ކުންފުނީގެ ހާލަތު ދެނެގަންނަ އެންމެ މުހިންމު ލިޔުންތައް ކަމަށާ 2021 އާއި 2022 ގައި ކުންފުނީގެ އޮޑިޓު ވެސް ކޮށްފައެއް ނެތެވެ.
އާރުޑީސީ އިން މިއަދު ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ކުންފުނިން މަސައްކަތް ނުކުރާތާ ހަތް މަސްވެފައިވާއިރު ރިޔާސީ އިންތިހާބު އޮތް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 200 މިލިއަން ރުފިޔާ ވަނީ އެކައުންޓުން ދޫކޮށްފަ އެވެ.
"ފައިސާ ދޫކުރުން ޓްރެންޑެއްގައި ހުރިކަން ފާހަގަ ކުރެވޭ. މީގައި އެބައުޅޭ ޓްރެންޑެއް. އޮންނަ އުސޫލަކީ ބިލް ހުށަހެޅުމުން ފައިސާ ދެއްކުން،" ޒުހައިރު ވިދާޅުވި އެވެ.
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މިދިޔަ ފަސް އަހަރު ހުންނެވީ އެމްޑީޕީގެ ގައުމީ މަޖިލީޙުގެ މެމްބަރު އަދި ރައްޔިތުން މަޖިލީހަށް ވާދަ ކުރެއްވި މޫސާ އަލީ މަނިކު (މޫކޭ) އެވެ. އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ބޮޑު ހޭދައެއް ވެސް ކުރައްވާފަ އެވެ. ނަމަވެސް އެ ގޮނޑި ކާމިޔާބެއް ނުވި އެވެ.
އެމްޑީ ޒުހައިރު ވިދާޅުވީ ކުންފުންޏަށް އާ މެނޭޖުމަންޓުން ގެނެސްފައިވާ ބަދަލާއެކު ކުރިން 17 ރަށު މަޝްރޫއު ހިންގީ 746 މިލިއަން ރުފިޔާއިން ކަމަށާ ނަމަވެސް މިހާރު 27 ރަަށުގައި މަޝްރޫއު ހިންގަން ހަރަދުވަނީ 42 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މީގެ ސަބަބެއްގެ ގޮތުގައި ކުރިން ސިފައިންގެ އިސް މަގާމުތަކެއް ފުރުއްވި ޒުހައިރު ވިދާޅުވީ ކުންފުނިން ކުރަމުން ދިޔަ އިޝްރާފާއި ތަކެތި ކުއްޔަށް ނެގުމުގައި މާކެޓު ރޭޓަށްވުރެ ބޮޑުކޮށް ތަކެތި ކުއްޔަށް ނަގަމުން ގޮސްފައިވުމެވެ.
"ވަރަށް ބައިވަރު ވެހިކަލް ހުރި ބޮޑު އަގުގައި ނަގާފަ، މި ތަކެތި ހުރީވެސް މާކެޓް ރޭޓަށް ބަދަލުކޮށް . ބޭނުން ނެތް ވެހިކަލް ވެސް ހުރި. އެ ވެހިކަލްތައް ދޫކޮށްލައިފިން މިހާރު. އޭރު މަހަކު އެކަމަށް އެކަނި 15 މިލިއަން ހަރަދުވި. މިހާރު ބަދަލު ގެނައީމަ ހަރަދުވަނީ މަހަކު 7-5 މިލިއަނަށް،" ޒުހައިރު ވިދާޅުވ އެވެ.
އޭނާ ވިދާޅުވީ މީގެ އިތުރުން ގެނެވުނު އަނެއް ބަދަލަކީ ކުންފުނީގައި ތިބި ބޭނުމެއް ނެތް ބިދޭސީ މުވައްޒަފުން ފޮނުވާލުމާއި ތިބި މުވައްޒަފުންގެ ބޭނުން ވަޒީފާގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ގިނައިރު ބޭނުން ކުރުމެވެ. އަދި މިހާރު ތަކެތި ގަތުމުގެ އަގު 35 ޕަސެންޓް ކުޑަކޮށްފައިވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
"ގާނޫނީ ގޮތުން ލިބުނު 48 ގަޑިއިރު މުވައްޒަފުން ބޭނުން ކުރަން އިސްކަން ދިނިން. ކުރިން ހަތް ގަޑިއިރު މަސައްކަތްކޮށްފަ ބޮޑު އޯވަޓައިމެއް ނަގަމުން ގެންދިޔައީ. މިހާރު ހޮނިހިރު ދުވަސް ވެސް ރަސްމީ ދުވަހަށް ހަދައިފިން. މީގެ ސަބަބުން މަސައްކަތް ފެށި ލުއިތަކެއް އައި މުސާރަ ދޭން ވެސް،" ޒުހައިރު ވިދާޅުވި އެވެ.
މަޖިލީހުގައި މިއަދު އޮތް އެސްއޯއީ ކޮމެޓީގައި މެންބަރުން ވަނީ ތަކުރާރުކޮށް އެ ކުންފުނީގެ ފައިނޭންޝަލް މައުލޫމާތު ދޭން އެދިފަ އެވެ. ނަމަވެސް އެ ކުންފުނިން ބުނެފައިވަނީ އެ މައުލޫމާތު ދެވޭނީ ފުލުހުން ކުރަމުން ގެންދާ ތަހުގީގު ނިމުމުންނެވެ. ނަމަވެސް އެ ކުންފުނީގެ އެކައުންޓުން ފައިސާ ދީފައިވާ ފަރާތްތަކުގެ މައުލޫމާތު ކޮމެޓީއަށް ދޭނެ ކަމަށް އެމްޑީ ޒުހައިރު ވަނީ ވިދާޅުވެފަ އެވެ.