ހަސީނާ އިސްތިއުފާ ދެއްވިއިރު ވެރިރަށް ޑާކާއި އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާތައް ހުއްޓާ ނުލައި ކުރަމުން ދެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ރަސްމީ ގެކޮޅަށް ވެސް މުޒާހަރާގެ މީހުން ވަދެފައިވެ އެވެ.
ހަމަނުޖެހުންތައް ބޮޑުވެ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތައް ފަށައި ގަތުމުން އެތައް ބަޔަކު މަރުވެ، ނިޒާމް ގެއްލިފައިވާ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހު ހަސީނާ، މަގާމުން އެ އިސްތިއުފާ ދެއްވައިފި އެވެ.
މީޑީއާ ރިޕޯޓްތައް ބުނާ ގޮތުން އިސްތިއުފާ ދެއްވުމާއެކު އެކަމަނާ ގައުމު ދޫކުރައްވާ ވަޑައިގެންފަ އެވެ. އެކަމަނާ ވެރިރަށް ޑާކާ ދޫ ކުރައްވާ ގައުމުން ބޭރަށް ވަޑައިގަތީ ބޮޑެތި މުޒާހަރާތަކާއި ހަޅުތާލުތައް ކޮންޓްރޯލް ކުރެވޭނެ އެއްވެސް ގޮތެއް ނެތި މަޖުބޫރު ވެގެން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ހެލިކޮޕްޓަރެއްގައި އެކަމަނާ ވަޑައިގެންނެވި އިންޑިއާއަށެވެ.
ދެހާސް ނުވަވަނަ އަހަރުން ފެށިގެން ބަންގްލަދޭޝް ލީޑް ކުރަމުން ގެންދަވާ ހަސީނާ ވަޑައިގެންނެވީ އިންޑިއާގެ ސިޓީއެއް ކަމަށްވާ އަގަރްތަލާ އަށެވެ.
ހަސީނާގެ އިސްތިއުފާއާ ގުޅިގެން ސިފައިންގެ ވެރިޔާ ޖެނެރަލް ވޭކަ އުޒް ޒަމާން ގައުމާ މުހާތަބު ކުރައްވަން ހަމަޖެހިފައިވީ ނަމަވެސް އޭނާގެ ތަގުރީރު މިހާރު ވަނީ ލަސްވެފަ އެވެ. އޭނާ ސްޓޭކްހޯލްޑަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ވެއެވެ.
ހަސީނާ އިސްތިއުފާ ދެއްވި އިރު ވެސް ވެރިރަށް ޑާކާއި އެތައް ހާސް ބަޔަކު އެއްވެ މުޒާހަރާތައް ހުއްޓާ ނުލައި ކުރަމުން ދެއެވެ. އަދި ބައެއް ރިޕޯޓްތައް ބުނާ ގޮތުން ހަސީނާގެ ރަސްމީ ގެކޮޅަށް ވެސް މުޒާހަރާގެ ބައެއް މީހުން ވަދެފައިވެ އެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާ ކުރާ މީހުންނާ ދެކޮޅަށް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އެޅުމުގެ ސަބަބުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި 300 އެއްހާ މީހުން ވަނީ ބަންގާޅުން މަރުވެފަ އެވެ
ބަންގާޅު ހަލަބޮލިވެ ސަލާމަތް ނުވާ ދަރަޖައަށް ދިޔައީ ސިވިލް ސާވިސްގެ ވަޒީފާތަކުގައި ކޯޓާ އުވާލުމަށް ސުލްހަވެރިކަމާއެކު ޑިމާންޑް ކުރުމުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެނެވެ.