ކޮންޓްރޯލަރުގެ އިންޒާރު: ކުޑަ ދޮރަކުން ވިޔަސް ބިދޭސީން ވިޔަފާރި ކުރާނަމަ ހުއްޓުވާނަން

އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އޮޕަރޭޝަން ޖައްސަނީ ފުރިހަމަ އިންޓެލް މައުލޫމާތާއެކު ސައްހަކަން ޔަގީންކޮށްގެން ރޭވުންތެރިކަމާއެކު އެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު ޝަންމާން

ރާއްޖޭގެ ގަވައިދާއި ގާނޫނުތަކާ ހިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީން ފޮނުވާލުމުގެ އޮޕަރޭޝަން ފެށުމާއެކު ބައެއް ތަންތަން ބަންދުކޮށް ކުޑަ ދޮރެއް ހުޅުވައިގެން ވަގަށް ވިޔަފާރި ކުރާކަން އެނގޭ ކަމަށާ، އެ ތަންތަނާ ހަމައަށް ވެސް އިމިގްރޭޝަނުން ދާނެކަމުގެ އިންޒާރު ކޮންޓްރޯލަރު ދެއްވައިފި އެވެ. 

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އިމިގްރޭޝަން ކޮންޓްރޯލަރު ޝަންމާން ވިދާޅުވި ގޮތުގައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ފެށި އޮޕަރޭޝަންގެ ސަބަބުން ގަވައިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން އަމިއް ލައަށް ވިޔާފާރި ބަންދުކުރަމުންދާކަން ފާހަގަ ކުރެވެމުންދެ އެވެ. އަދި ރަސްމީކޮށް ތަން ބަންދު ކުރުމަށްފަހު ކުޑަ ދޮރެއް ހުޅުވައިގެން ވަގަށް ހަމަ އެ ވިޔަފާރި ކުރަމުންދާކަން އިމިގްރޭޝަނަށް އެނގޭ ކަމަށާ އެގޮތަށް ވިޔަފާރި ކުރިނަމަވެސް  އިމިގްރޭޝަނުން އެތަނެއް ބަންދު ކުރަން ދާނެ އެވެ. 

"މިހާރު ފާހަގަ ކުރެވޭ ބައެއް ގަޑިތަކުގައި ތަންތަން ހުޅުވާކަން. އަދި އެއްކޮށް ބަންދުކޮށްގެން ކުޑަ ދޮރެއް ހުޅުވައިގެން ވިޔަފާރި ކުރާކަން. އެ ތަންތަން އިތުރަށް ބަލަމުން މިދަނީ. ފިޔަވަޅު އަޅާނަން. ބަންދު ކުރާނަން،" ޝަންމާން ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ދާދި ފަހުން ބިދޭސީން ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ތަނެއް ބަންދު ކުރަން ދިޔައިރު އެތަން ރޫޅާލަމުން ދިޔަ ކަމަށާ، އެ މީހުން އެގޮތަށް އަމަލު ކުރީ ސޯޝަލް މީޑިއާގައި އާއްމުން ޝަކުވާ ކުރަމުންދާތީ އިމިގްރޭޝަނުން އަންނާނެކަން އެނގޭތީ އެވެ.

"އަޅުގަނޑުމެންނަށް އެނގިއްޖެ އެތަން ރޫޅަން ފަށައިފިކަން އެހެންވެ އެ ދުވަހުގެ ހަވީރު ހިންގަން ނިންމި އޮޕަރޭޝަން އަވަސްކޮށް ވަގުތުން ހިންގީ. އެ ތަނުން ވެސް ގަވައިދާ ހިލާފަށް ތިބި ބަޔަކު އަތުލެވުނު،" ޝަންމާން ވިދާޅުވި އެވެ.

އެއް ދުވަހާ 36 މީހުން ޑީޕޯޓް، ޓާގެޓު ބައިލައްކައިން މަތި

އޭނާ އިތުރަށް ވިދާޅުވީ ގަވައިދާ ހިލާފަށް މަސައްކަތް ކުރާ / ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރަން ކުރަމުންދާ މަސައްކަތުގެ ދަށުން ހޮނިހިރު ދުވަހު 36 މީހަކު ޑީޕޯޓް ކޮށްލާފައިވާ ކަމަށާ ޓާކެޓަކީ މި އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް ފަސް އަހަރުތެރޭގައި ގެންދިއުމެވެ. 

މިހާރު މި މަސައްކަތް ހަލުވިވެފައިވަނީ ހޯމް މިނިސްޓަރު ކެޕްޓަން އަލީ އިހުސާންގެ ބެލުމުގެ ދަށުން ތަންފީީޒީ ވުޒާރާތައް އެއްކޮށް މަސައްކަތް ކުރުމުގެ ނަތީއެއްގެ ގޮތުންކަމަށް ޝަންމާން ފާހަގަ ކުރެއްވި އެވެ. 

"ކުރިން އޮތީ ވަކިވަކިން މަސައްކަތް ކުރާ ގޮތަށް. އެކަމަކު މިހާރު ތަންފީޒީ ހުރިހާ ވުޒާރާތަކެއް އެއްކޮށް މިއޮތީ. އެންމެ ބޮޑު ފަސޭހައަކީ ތަންފީޒީ ވުޒާރާތައް ހޯމް މިނިސްޓްރީގެ ދަށަށް ގެނައުން. މިނިސްޓަރު އިހުސާންގެ އިރުޝާދާއެކު އިމިގްރޭޝަނުން ލީޑް ކުރާ ގޮތަށް ފުލުހުންނާއެކު ޓާކްސް ފޯސް ކުރިއަށް މިދަނީ. މީގެ ސަބަބުން ވަރަށް ފަސޭހަ. ތަންތަން ބަލައި ފާސް ކުރަން ވެސް ފަސޭހަ. މަސައްކަތް ޑުޕްލިކޭޓެއް ނުވޭ މިހާރު. މައުލޫމާތު ހިއްސާ ކުރަން ފަސޭ،" ޝަންމާން ވިދާޅުވި އެވެ.

އަދިވެސް ހިތްހަމަ ޖެހޭ ވަރަށް އޮޕަރޭޝަން ނުޖެއްސޭ

ގަވައިދާ ހިލާފަށް ހިންގާ ބިދޭސީންގެ ޓޭކްއަވޭ ފިހާރައެއްގައި އިމިގްރޭޝަނާއި ފުލުހުން؛ ބިދޭސީން އަންނަނީ މާލެ ސަރަހައްދުގައި މިފަދަ ގިނަ ތަންތަން ހިންގަމުން -- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި ގޮތުގައި މަސައްކަތުގައި ކާމިޔާބު ތަކެއް ހޯދެމުން ދިޔަނަމަވެސް އަދި ވެސް ހިތްހަމަ ޖެހޭ ދުވެލީގައި އޮޕަރޭޝަން ކުރިއަށް ނުގެންދެވެ އެވެ. ސަބަބެއްގެ ގޮތުގައި ޝަންމާން ފާހަގަ ކުރެއްވީ ރިސޯސް ހުރިގޮތާއި ފޮނުވާލާ ބިދޭސީން ބަލަހައްޓާ ތަނުގެ ކެޕޭސިޓީގެ ދަތިކަމެވެ. 

"އިމިގްރޭޝަން ވޮޗްގެ ސަބަބުން ގިނަ މައުލޫމާތުތަކެއް އާއްމުންގެ ފަރާތުން އެބަ ލިބޭ. އިތުބާރު ލިބޭ. ފުލުހުންނާއި އަޅުގަނޑުމެންގެ އަތުގައި ގިނަ މައުލޫމާތު ތަކެއް އެބަހުރި،" ޝަންމާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް 200 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާއިރު އޮޕަރޭޝަން ކުރިއަށް އޮތްތަނުގައި ފުޅާ ކުރައްވާނެ އެވެ.

"ކުރިން ބިދޭސީން ވިޔަފާރި ކުރަމުން ދިޔަ ތަންތަން މިބެލީ. އެކަމަކު މިހާރު އެހެން ތަންތަންވެސް ބަލަން ފަށައިފިން ސްޕާތަކާއި ޓޭކްއަވޭ ބިދޭސީން ތިބޭ ތަންތަން އެމީހުން ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ބަލަން ފަށައިފިން،" ޝަންމާން ވިދާޅުވި އެވެ.

ދިވެއްސަކު ފްރޮންޓުގަ ބެހެއްޓިޔަސް ސަލާމަތެއް ނުވާނެ

ޝަންމާން ވަނީ މި އޮޕަރޭޝަންގައި ފާހަގަ ކުރެވުނު ބައެއް އިތުރު ކަންކަން ހިއްސާ ކުރައްވާފަ އެވެ. އެގޮތުން ގޮޅިތަކުގައި ތިބި ބިދޭސީން އިމިގްރޭޝަނުން ނަގަން ފެށުމާއެކު އެތަނުގައި ތިބި ދިވެހިންގެ ފަރާތްތަކުން ޝަކުވާގެ ސިޓީ ފޮނުވިކަން ފާހަގަ ކުރެއްވި އެވެ. 

"ގޮޅިތަކުގަ ތިބި ދިވެހިން ސިޓީ ވެސް ފޮނުވި. ބުނަނީ ތިޔަ ގެންދިޔަ މީހާއަކީ ތިމަންނަ ފާހާނާ އަށް ދާން ވެގެން ބެހެއްޓި މީހެކޭ. ނޫނީ މިތަނުގަ ގެންގުޅޭ މީހާއޭ،" ޝަންމާން ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ފުލުހުންނާއެކު ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ހަމަ ތިބެފަ ތަނަކަށް ގޮސް ވަދެގަނެގެން ހިންގާ ކަމެއް ނޫން ކަމަށާ މި ކަމަކީ ރޭވުންތެރިކަމާއެކު ލިބޭ މައުލޫމާތުތަކުގެ ސައްހަކަން ޔަގީންކޮށް ފުރިހަމަ އިންޓެލް މައުލޫމާތު ހޯދައިގެން ކުރާ ކަމެކެވެ. 

"އޮޕަރޭޝަން ޖެއްސި ދުވަސް ނޫން އަނެއް ދުވަހު ގޮޅިތައް ހުޅުވި. އެހެންވެ ޖެހިގެން އައި ދުވަހު އަވަސް އޮޕަރޭޝަނެއް ހިންގައިގެން ގިނަ ބަޔަކު އަނެއްކާވެސް އަތުލައި ގަތިން. އަނެއްކާ ވެސް މައުލޫމާތު އެބަހުރި މަސައްކަތް ކުރާކަން. އެކަމަކު މިހާރު އެމީހުންގެ ޓްރެންޑް ތަފާތު ކޮށްފި. މިހާރު ފްރޮންޓުގައި ދިވެއްސަކު ބަހައްޓާ. އެކަމަކު އަޅުގަނޑުމެން ޔަގީން ކުރާނަން އެ ވިޔަފާރި ކުރަނީ ދިވެއްސެއް ތޯ ނޫނީ ބިދޭސީއެއް ތޯ؟ އެކަން ޔަގީންކޮށް އެ ބިދޭސީންއެއް އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންނާނަން،" ކޮންޓްރޯލަރު ވިދާޅުވި އެވެ. 

ކޮމެންޓް

1
450
ޙަބީބާ
1 month ago

ބަރާބަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.