މިހާރު ލައިސަން ހޯދައިގެން ހިންގާ އިންޝުއަރެންސް ކުންފުނިތައް ގާނޫނު ވުޖޫދުވިޔަސް ދެމިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އިންޝުއަރެންސް ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި 50 މިލިއަން ރުފިޔާ ހުންނަން ލާޒިމްކޮށް، އިންޝުއަރެންސް ވިޔަފާރިގެ ބިލު މަޖިލީހަށް ހުށަހަޅައިފި އެވެ.
އިންޝުއަރެންސްގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހަށް ވަނީ އިއްވާފަ އެވެ. މިއީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރިގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކާ އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމުގެ ބޭނުމުގައި މަޖިލީހަށް ހުށަހެޅި ބިލެކެވެ.
އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި، އެ ފަރާރްރައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރެވޭނެ އުސޫލުތައް މި ބިލުގައި ވަނީ ހިމަނާފަ އެވެ.
ބިލުގައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންމެ އިންޝުއަރެންސް ކުންފުންޏަކުން ވެސް ޖެނެރަލް އިންޝުއަރެންސް ވިޔަފާރިއަށް މަދުވެގެން 50 މިލިއަން ރުފިޔާ ރައުސްމާލުގައި ބަހައްޓަން ޖެހެ އެވެ. އަދި، ލޯންގްޓާމް އިންޝުއަރެންސް ވިޔަފާރިއަށް 30 މިލިއަން ރުފިޔާއަށްވުރެ މަދު ނޫން އަދަދެއް ބަހައްޓަން ޖެހެ އެވެ.
މިހާރު ލައިސަން ހޯދައިގެން ހިންގާ އިންޝުއަރެންސް ކުންފުނިތައް ގާނޫނު ވުޖޫދުވިޔަސް ދެމިގެންދާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން އެއީ މި ގާނޫނުގެ ދަށުން ލައިސަންސް ލިބިފައިވާ ކުންފުނިތައް ކަމުގައި ވެގެން ދާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން، ލައިސަންސް ނުނަގާ ހިދުމަތްދޭނަމަ އެއްލައްކަ ރުފިޔާ އާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ކުންފުންޏެއް ޖޫރިމަނާ ކުރާނެ އެވެ. އަދި، ހައްގު ނޫން މަންފާއެއް ހޯދާނަން ވެސް އެ އަދަދުން ޖޫރިމަނާ ކުރާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.