ބަންކަރިންނަށް އެސްޓީއޯ އިން ގެންނަނީ ބިޔަ ދެ އުޅަނދު

ބަންކަރިންގެ ހިދުމަތް ފަަށަން އެސްޓީއޯއިން ގެންނަ 4،000 މެޓްރިކް ޓަނުގެ ތެޔޮ އުފުލޭ ދެ އުޅަނދު މިމަހު ރާއްޖެ ވަންނާނެ އެވެ.

ޓޫރިޒަމް ފިޔަވައި އިތުރު ސިނާއަތަކަށް ރާއްޖެ ފުރޮޅާލަން ވާހަކަ ދައްކާތާ ލައްކަ ޒަމާން ވެއްޖެ އެވެ. ރާއްޖެ އޮތް ސަރަހައްދުގެ ބޭނުންކޮށްގެން ރާއްޖެ ހުރަސްކޮށް ދަތުރުކުރާ އާގު ބޯޓު ފަހަރަށް ހިދުމަތް ދެވޭނެ ކަމަށް ދިރާސާތަކުން ދެއްކިނަމަވެސް މި މަސައްކަތެއް ނުފެށުނެވެ. ބޮޑުކޮށް ފަަށަން ކިޔަން ތިއްބައި މި ފުރުސަތު ހަނިވުމާ ގާތަށް ވަނީ ގޮސްފަ އެވެ. އެހެންވެ ސަރުކާރުން ބޭނުންވީ މި ވިޔަފާރީގެ ތެރެއަށް ކޮންމެ ގޮތެއް ހަދާފައިވެސް ނުކުތުމަށެވެ. ކުޑަކޮށް ފަށައިގެން އިންވެސްޓްމަންޓްތައް ގެނެސް މި ވިޔަފާރި ފުޅާ ކުރާށެވެ. މި ހިދުމަތް ދިނުމުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާނި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިންނެވެ. މި ހިދުމަތް ފަށަން އެސްޓީއޯއިން ދެ އުޅަނދު ގެންނައިރު މި އުޅަނދުތައް މިހާރު އޮތީ ރާއްޖެ ވަނުމުގެ މަގުމަތީގަ އެވެ. 

ދަ މިރާ އަށް އެނގިފައިވާ ގޮތުގައި ބަންކަރިން ވިޔަފާރި ފަށަން ރާއްޖެ ސަރަހައްދުން ދަތުރު ކުރާ ބޯޓު ފަހަރަށް ތެޔޮ އެޅުމުގެ ހިދުމަތް ދޭން ގެންނަ ދެ އުޅަނދު މިހާރު އަންނަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެސްޓީއިން މި ހިދުމަތް ފަށަން ގެންނަނީ 4،000 މެޓްރިކް ޓަނުގެ ދެ ބާޖެވެ. މި އުޅަނދުތައް އަންނަނީ ސިންގަޕޫރުންނެވެ. މޫސުން ރަނގަޅު ނަމަ މިމަހުގެ މެދެންހާ ހިސާބުން ރާއްޖެއަށް ބަނދަރު ކުރާނެ އެވެ. މި ދެ އުޅަނދު ރާއްޖެ އަންނަ ގޮތަށް ބަނދަރު ކުރާނީ އިހަވަންދިއްޕޮޅު ސަރަހައްދުގަ އެވެ. 

ސަރުކާރުން ވަނީ މި މަހުގެ ތެރޭގައި ރަސްމީކޮށް ބަންކަރިންގެ ވިޔަފާރި ފަށާނެ ކަމަށް ބުނެފަ އެވެ. މި ރަސްމިއްޔާތު އޮންނާނީ އިހަވަންދިއްޕޮޅުގައި މިވަގުތު އެންމެ ގިނަ މަސައްކަތްކޮށްފައިވާ ހއ. ހޯރަފުށީގަ އެވެ. 

ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަނަށް ފުރުޅާލަން ސަރުކާރުން ކުރާ މަސައްކަތް ފެށުމުގައި އެންމެ އިސް ދައުރެއް އަދާ ކުރާނީ އެސްޓީއޯ އިން މި ވިޔަފާރި ކުރާނީ ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރު ކުރާ ބިޔަ އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ އެޅުމާއި ކާބޯ ތަކެތި ފޯރުކޮށް ދިނުން ފަދަ ހިދުމަތްތަކުންނެވެ. އެސްޓީއޯ އިން ރާއްޖެ ގެންނަ ދެ އުޅަނދުން ބޯޓު ފަހަރަށް ތެޔޮ އަޅައިދިނުމުގެ ވިޔަފާރި ކުރާނީ ހޯރަފުށީ ބޭރު ކަނޑުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ. 

ވިޓޯލް -- އެސްޓީއޯގެ ދެ އުޅަނދު އެތަނުގައި ހަރަކާތްތެރިވާއިރު މި އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭނީ ދުނިޔޭގައި ބަންކަރިން ވިޔަފާރީގައި އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށްވާ ހޮލެންޑުގެ މަންޓިނޭޝަނަލް ކުންފުނި ވިޓޯލް އިންނެވެ. އޭޝިއާގެ ފުރަތަމަ ބަރޯފިއުލް ބާޖު ހަދައި ހިދުމަތް ފެށި ވިޓޯލް ކުންފުންޏަކީ 16 މިލިއަން ކިއުބިކް މީޓަރުގެ ތެޔޮ ރައްކާ ކުރުމުގެ ކެޕޭސިޓީ ހުރި ކުންފުންޏެކެވެ. އަހަރެއްގެ މައްޗަށް 15 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާ މި ކުންފުންޏަކީ ބަންކަރިން ހިދުމަތްދޭ 10 ބަނދަރަކަށް ތެޔޮ ފޯރުކޮށްދޭ ކުންފުންޏެކެވެ. ޗައިނާ އާއި ޔޫއޭއީ އަދި ޔޫއޭއީގެ ފުޖެއިރާގެ އިތުރުން ދުނިޔޭގެ ބަންކަރިން ވިޔަފާރީގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ސިންގަޕޫރާއި ސައުތު ކޮރެއާގައި ވެސް ވިޓޯލްގެ ހިދުމަތް ވަނީ ފުޅާކޮށްފަ އެވެ. މީގެ އިތުރުން މި ކުންފުންޏަކީ ތެޔޮ ސާފު ކުރުމަށް ރިފައިނަރީ ވެސް ހިންގާ ކުންފުންޏެކެވެ.  

މީހުން ތަމްރީން ކުރުން ކުރިއަށް

އެސްޓީއޯއިން ބަންކަރިން ހިދުމަތަށް މީހުން ތަމްރީން ކުރަނީ

މިކަމަށް އެސްޓީއޯ އިން ދަނީ ފުރިހަމަ އަށް ތައްޔާރުވަމުންނެވެ. މިގޮތުން މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ. މެރިޓައިމް ދާއިރާއަށް މީހުން ތަމްރީން ކުރާ ކުންފުންޏެއް މެދުވެރިކޮށް މި ވިޔަފާރީގައި ހަރަކާތްތެރިވާން ފުރަތަމަ ބެޗުގައި 20 މީހަކު ވަނީ ތަމްރީންކޮށްފަ އެވެ. 

ފަށާތާ އަހަރަކު 400 މިލިއަން ޑޮލަރުގެ ފައިދާ

އެމްޕީއެލްއިން ބަންކަރިން ހިދުމަތުގައި ބޭނުންކުރާނެ ޕައިލެޓް ބޯޓު ކުޅުދުއްފުށީ ބަނދަރަށް ވަންނަަނީ -- އެމްޕީއެލް

ބަންކަރިން މަސައްކަތަކީ ހިދުމަތް ފެށުމުގެ ވަށައިގެން ގިނަ ހިދުމަތްތަކެއް އޮންނަ ވިޔަފާރިއެކެވެ. އެކަމުގައި ހަރަކާތްތެރިވާނީ އެމްއެންޑީއެފް އާއި އެމްޕީއެލް އަދި ކަސްޓަމްސް އާއި އިމިގްރޭޝަން އެވެ. އެސްޓީއޯ ނަގާފައި ދެން އެންމެ އިސް ދައުރެއް އަދާކުރާނެ ކުންފުންޏަކީ އެމްޕީއެލް އިންނެވެ. އެ ކުންފުނިން މިހާރު ވަނީ އުތުރަށް ބޭނުންވާ ބައެއް އުޅަނދުތައް ވެސް ގެންގޮސްފަ އެވެ. އަދި ބައެއް ހިދުމަތްތައް ވެސް ގާއިމްކޮށްފަ އެވެ. 

ބަންކަރިން ހިދުމަތް ރާއްޖޭގައި ފަށާއިރު ރާއްޖެ ސަރަހައްދުން ދުވާލެއްގެ މައްޗަށް 300-400 އާ ދެމެދުގެ އަދަދަކަށް އާގު ބޯޓު ހުރަސްކުރެ އެވެ. ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި މި ވިޔަފާރި ފަށާތާ އަހަރެއްގެ ތެރޭ އާމްދަނީގެ ގޮތުގައި 400 މިލިއަން ޑޮލަރު އިގްތިސޯދަށް ލިބޭނެ އެވެ.  

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.