"އަލުން ދަރުސް ދޭން ފަށަން އެދުނީ މިއަދު. ދެ މަަރުކަޒު ނޫން ތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވާނީ ދަންނަވާފައި،"
އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް އަމިއްލަފުޅަށް ހުއްޓަވާލެއްވި ފަހުން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް ހުއްޓާލަަން އިސްލާމިކް މިނިސްޓްރީން މިއަދު އަންގާފައިވާ ކަމަަށް ވިދާޅުވުމާއި ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މީޑިއާތަކަށް ދޭން ބޭނުންވާ މައުލޫމާތު ހިއްސާކުރަން ހަދާފައި އޮންނަ ވަޓްސްއަޕް ގުރޫޕަށް ދެންމެ ޝަހީމް ހިއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ އިޔާޒްް އަމިއްލަފުޅަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަލިތާ މަހަށް ވުރެ ގިނަ ވެއްޖެ ކަމަށެވެ.
އަދި ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ކުރިއަށް ގެންދަމުން އައި ދަރުހެއް ހުއްޓުވާފަ ނުވާނެ ކަމަށެވެ.
"އަލުން ދަރުސް ދޭން ފަށަން އެދުނީ މިއަދު. ދެ މަަރުކަޒު ނޫން ތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވާނީ ދަންނަވާފައި،" ސައުދީގައި ހުންނަވާ ޝަހީމް ފޮނުއްވެވި މެސެޖުގައި ވިދާޅުވި އެވެ.
މަރުކަޒުގައި އަލުން ކްލާސްތައް ފަށަން ހުއްދަ ނުދިން ސަބަބެއް ވިދާޅެއް ނުވެ އެވެ. އިސްލާމިކް މިނިސްޓްރީން ހަދާފައިވާ މީޑިއާ ގުރޫޕަކީ އެހެން މިނިސްޓްރީތަކާއި މުއައްސަސާތަކާ ހިލާފަށް ނޫސްވެރީންނަށް އެ ގުރޫޕްގައި ސުވާލު ނުކުރެވޭ ގޮތަށް ހަމައެކަނި މިނިސްޓްރީން ބޭނުންވާ މައުލޫމާތެއް ހިއްސާ ކުރެވޭ ގޮތަށް ހަދާފައި އޮންނަ ގުރޫޕެކެވެ.
އިޔާޒްގެ ވަރަށް ގާތް ބޭފުޅަކު "ދަ މިރާ" އަށް މިރޭ ވިދާޅުވި ގޮތުގައި މަރުކަޒުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް ހުއްޓާލަަން މިނިސްޓްރީން އެންގީ މިއަދު އެވެ.
"މިނިސްޓްރީގެ މުވައްޒިފެއް ގުޅީ. ވިދާޅުވީ މިއަދުން ފެށިގެން މަރުކަޒުގެ ކުލާސްތައް ހުއްޓާލަން. ދެން މަރުކަޒުގައި ތަފްސީރު ކުލާސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް،"
މިނިސްޓްރީން އެންގީ ފުރުގާން މިސްކިތުގައި ކުރިއަށް ގެންދާ ތަފްސީރު ކުލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށާ މަރުކަޒުގައި ކުރިއަށް ގެންދާ ކުލާސްތައް ހުއްޓާލުމަށެވެ. އަދި އޭގެ ބަދަލުގައި އެހެން މިސްކިތެއްގައި އެ ކުލާސްތައް ކުރިއަށް ގެންދަން ބޭނުން ނަމަ އެ ފުރުސަތު އޮތް ކަމަށެވެ. މަރުކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން ކޮންމެ މިސްކިތެއް ގައި ވެސް ކުލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިޔާޒް ވަނީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެފަދަ އެންގުމެއް މިނިސްޓްރީގެ މުވައްޒިފަކު ފޯނުން ގުޅާ އަންގާފައިވާތީ އެއީ ސައްހަ އެންގުމެއްތޯ ސާފުކޮށް ދިނުމަށް އެދިފައިވެ އެވެ. އަދި އެއީ މިނިސްޓަރު ޝަހީމް ނުވަތަ މިނިސްޓްރީން އަންގައިގެން އެންގި އެންގުމެއްތޯ ސާފުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.
މަރުކަޒުގައި އިޔާޒްގެ ތަފްސީރު ކުލާސްތައް 2018 ވަނަ އަހަރުން ފެށިގެން ހިންގަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.