"ފޮރުވިފައި އޮތް އެހެން މަގުސަދެއް ނެތް، ކުރާނީ އިލްމީ މަސައްކަތްތަކެއް"

"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ މި މަސައްކަތަކީ އިލްމީ މަސައްކަތެކޭ. މި މަސައްކަތް ފަށައިގެން ކުރިއަށްދާން ފެށީމަ ހުރިހާ ބޭފުޅުންނަށް ވެސް ސާފުވެވަޑަައިގަންނަވާނެ މީކީ އެހެން ފޮރުވިފައި އޮތް މަގުސަދެއް ގައި ބަޔަކު ކުރަން އުޅޭ ކަމެއް ނޫންކަން"

މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް -- ޕޮލިސީ އެމްވީ އުފެއްދެވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް -- ޕޮލިސީ އެމްވީ އުފެއްދެވީ އިލްމީ މަސައްކަތްތަކެއް ކުރުމަށް ކަމަށާ އެ މުއައްސަސާ އުފެއްދުމުގައި ފޮރުވިފައިވާ އިތުރު އެއްވެސް މަގުސަދެއް ނެތް ކަމަށް ޕޮލިސީ އެމްވީގެ ބޯޑުގެ ޗެއާމަން / ކުރީގެ ރައީސް ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއަށް އަސަރުކުރާނޭ އަދި ކޮށްފާނޭ ހުރިހާ ދާއިރާއެއްގައި، ބައިނަލްއަޤްވާމީ އަދި ޤައުމީ މައްސަލަތަކާއި އަދި ސިޔާސަތުތަކާބެހޭ ގޮތުން ޢިލްމީ އަދި ފަންނީ ދިރާސާކުރުމަށް އުފައްދާފައިވާ ޕްލެޓްފޯމް ވުޖޫދުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ ކުރީކޮޅުއެވެ.

މި މަސައްކަތުގައި އިސްކޮށް ތިއްބެވީ ދައުލަތަށް ގިނަ ދުވަސްތަކަކު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ތިއްބެވި، ވަރަށް ޢިލްމީ ބޭފުޅުންނެވެ. މުއައްސިސުންނަކީ؛

  •  ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން
  •  ​އަލްފާޟިލާ އަނީސާ އަޙްމަދު
  •  ​އަލްފާޟިލް ޙަމްދޫން ޙަމީދު
  •  ​އަލްފާޟިލާ ޒާހިޔާ ޒަރީރު
  •  ​އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު
  •  ​އަލްފާޟިލް އަޙްމަދު ސަރީރު
  •  ​ޑރ. ޢަލީ ފަވާޒު ޝަރީފް

އެ ބޭފުޅުން މިއަދު ވަނީ މާގިރީގައި ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވަވާ އެ މުއައްސަސާ އުފެއްދި މަގުސަދާއި ކުރަން ނިންމާފައި މަސައްކަތްތަކާއި ގުޅޭ ތަފްސީލު ހިއްސާކޮށްފަ އެވެ.

ރައީސް ވަހީދު ވިދާޅުވީ އެ މުއައްސަސާ އިން ކުރާނީ އިލްމީ މަސައްކަތްތަކެއް ކަމަށެވެ. އަދި އެ މަސައްކަތް ފެއްޓެވީ ކުޑަކޮށް ނަމަވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމުގެ އުންމީދުގައި ކަމަށާ އެކަމުގައި ހެޔޮ ނިޔަތް ނޫން އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންގެ މި މަސައްކަތަކީ އިލްމީ މަސައްކަތެކޭ. މި މަސައްކަތް ފަށައިގެން ކުރިއަށްދާން ފެށީމަ ހުރިހާ ބޭފުޅުންނަށް ވެސް ސާފުވެވަޑަައިގަންނަވާނެ މީކީ އެހެން ފޮރުވިފައި އޮތް މަގުސަދެއް ގައި ބަޔަކު ކުރަން އުޅޭ ކަމެއް ނޫންކަން. މިއީ ހަމަ ހަގީގަތުގައި ވެސް ތައުލީމީ މީހުންނަށް ފުރުސަތެއް ހުޅުވާލުން،"

އެ ބޭފުޅުން ވިދާޅުވީ އުންމީދަކީ ވީހާވެސް ގާބިލް ބޭފުޅުން އެ މަސައްކަތްޕުޅުގައި އުޅުއްވުން ކަމަށެވެ. އަދި އެފަދަ ހުރިހާ ބޭފުޅުންނަށް ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މޯލްޑިވްސް ސެންޓާ ފޯ ޕޮލިސީ ސްޓަޑީޒް -- ޕޮލިސީ އެމްވީ އުފެއްދެވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުން

ޕޮލިސީ އެމްވީ އުފެއްދެވުމުގައި އިސްކޮށް ތިއްބެވީ ދައުލަތަށް ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަ ކުރައްވާ ރައީސް ވަހީދު ވިދާޅުވީ ކަމެއް ނުކޮށް ގޭގައި ތިއްބެން އެއީ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާ އެއީ ގައުމު ވެސް އެދޭނެ ގޮތް ނޫން ކަމަށެވެ.

ކުޑަގޮތަކަށް ފެއްޓެވި ނަމަވެސް މުސްތަގުބަލުގައި ޕޮލިސީ އެމްވީ ވެގެން ދާނީ މި ގައުމުގެ ހަރުދަނާ ރަނގަޅު މުއައްސަސާ އަކަށް ކަމަށް ވިދާޅުވި އެވެ.

"މިއީ ގައުމަށް ހިދުމަތެއް ކުރުމުގެ ރޫހުގައި އަޅުގަނޑުމެން އިންދާ އޮށެއް މިއީ،" ރައީސް ވަހީދު ވިދާޅުވި އެވެ.

ނޫސްވެރީންގެ ބައްދަލްވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެން ބޭފުޅުން ވެސް ވަނީ އެ ވާހަކަފުޅުތައް ތަކުރާރު ކުރައްވާ އެ ބޭފުޅުން ކުރައްވާނީ އިލްމީ / ގައުމަށް މުހިންމު މަސައްކަތްޕުޅުތަކެއް ކަން ފާހަގަ ކުރައްވާފަ އެވެ.

ފުރަތަމަ މަސައްކަތަކަށް ދައުލަތް ހިންގުމުގެ ދިރާސާއެއް

ކުރީގެ ދެބަންޑާރަނާއިބުން ކަމުގައިވާ އާޒިމާ ޝަކޫރާއި ދިޔާނާ ސައީދު އިސްވެ ތިއްބަވައިގެން، ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑާއި އެ އޮނިގަނޑުގެ ދަށުން ދައުލަތް ހިންގުމުގެ ދިރާސާއެއް ހައްދަވަން ވަނީ ނިންމަވާފަ އެވެ. މިއީ ޕޮލިސީ އެމްވީގެ ފުރަތަމަ މަަސައްކަތެވެ.

ދަމިރާ" އަށް މައުލޫމާތު ދެއްވަމުން، އެބޭފުޅުން ވިދާޅުވީ، މިއީ އިލްމީ އަދި ފަންނީ މަސައްކަތެއް ކަމުގައެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަން ނިންމީ ގައުމީ ހިދުމަތެއްގެ ގޮތުގައި. އަދި ގާނޫނުއަސާސީ ތަސްދީގު ކުރެވިގެން މިހިނގާ 16 އަހަރުގެ ތެރޭގައި އެކަށީގެންވާ ދިރާސާއެއް ކުރެވިފައިނުވާތީ އާއި އަދި ރާއްޖޭގެ ދުސްތޫރީ މުސްތަގްބަލުގެ ރާސްތާ ކަނޑައެޅުމުގައި މިފަދަ ދިރާސާއެއް ކުރެވި، ދިވެހިރާއްޖޭގެ ތަޖުރިބާ އާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ތަޖުރިބާވެސް ބަލައިލުލަމީ މުހިންމުކަމެއް ކަމުގައި ދެކޭތީ. އަދި މިފަދަ ކަންކަމުން ތަޖުރިބާ ލިބިގަނެގެން ދުސްތޫރީ މުސްތަގުބަލު ކަނޑައެޅުމަކީ ގައުމަށް އެންމެ ފައިދާވާނޭ ގޮތްކަމުގައިވެސް ފެނިގެން،"

މީގެ އިތުރުން ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތުގައި ބައިވެރިވި، އަދި ގާނޫނުއަސާސީ ތަންފީޒުކުރުމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނު ބައެއްގެ ހައިސިއްޔަތުން، މިފަދަ މަސައްކަތެއްކޮށް، ލިޔެ، ރިކޯޑުކޮށް، މިހާރުގެ ދިވެހި މުޖްތަމައަށާއި، ކިޔަވާކުދިންނަށާއި އަދި މުސްތަގްބަލަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަމުގައި ދެކޭތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި މަސައްކަތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ހަމަތަކާއި ދައުލަތް ހިންގުމުގައްޔާއި ގާނޫނުއަސާސީއަށް އަމަލުކުރުމުގައި ކަންކަން ހިނގާފައިވާގޮތް ދިރާސާކޮށް މުސްތަގްބަލް އޮންނަން ވާނޭ ގޮތް ކަމަށް އަޅުގަނޑުމެން ދެކޭ ގޮތުގެ ތަސައްވުރަށް ވާސިލުވުމުގައި ގާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކަށް އަލިއެޅުވުމަށް ގަސްދު ކުރަން،"

ކުރީގެ ދެ ބަންޑާރަ ނާއިބުން

މި މަސައްކަތަކީ ދުސްތޫރީ އިލްމަށް ހާއްސަ ރާއްޖެއިން ބޭރުގެ ފަސް ތަޖުރިބާކާރުންނާ އެކު، ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށް ވެސް ވިދާޅުވި އެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެކިދާއިރާތަކުގެ ތަޖުރިބާކާރުންނާއި އަދި އާންމު ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާއާއި ހިޔާލު ހޯދުމަށް ރޭވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ދިރާސާގެ މައުލޫމާތު ހާމަކުރުމަށް މާދަމާ ރޭ ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވިއިރު ބަންޑާރަ ނާއިބަކަށް ހުންނެވީ އާޒިމާ އެވެ. އޭގެ ފަހުން އުފެދުނު ސަރުކާރުގައި ފުރަތަމަ ބަންޑާރަ ނާއިބުކަން ކުރެއްވި ބޭފުޅަކީ ދިޔާނާ އެވެ.

ކޮމެންޓް

1
450
އާދަމް ޢަބުދުއްރަޙްމާން
3 months ago

މަޤުޞަދު ރަނގަޅު ހަރަކާތެއް. ސިޔާސީ ފިއްތުމެއް ނުވަތަ ވަކިބަޔަކާމެދު ރުހުމުގެ ލޮލަކުން ބެލުމެއް ނެތި ކުރިއަށް ދެވިއްޖެނަމަ ޤައުމާއި މެދު ވިސްނާނެ ގިނަބަޔަކު ކުރިމަގުގައި ނުކުންނާނެ.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.