މަރުކަޒުގައި އިޔާޒްގެ ތަފްސީރު ކުލާސްތައް 2018 ވަނަ އަހަރުން ފެށިގެން ދިޔައީ ހިންގަމުންނެވެ. އެ ކުލާސްތައް ހުއްޓާލަން އެންގި ސަބަބެއް މިނިސްޓްރީން ސާފުވާ ގޮތެއް ނުވެ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރީންގެ މަޖިލީހުގެ ނާއިބު ރައީސް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް ހުއްޓާލަަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިޔާޒްގެ ވަރަށް ގާތް ބޭފުޅަކު "ދަ މިރާ" އަށް މިރޭ ވިދާޅުވި ގޮތުގައި މަރުކަޒުގައި ކުރިއަށް ގެންދަވާ ތަފްސީރު ކުލާސްތައް ހުއްޓާލަަން މިނިސްޓްރީން އެންގީ މިއަދު އެވެ.
"މިނިސްޓްރީގެ މުވައްޒިފެއް ގުޅީ. ވިދާޅުވީ މިއަދުން ފެށިގެން މަރުކަޒުގެ ކުލާސްތައް ހުއްޓާލަން. ދެން މަރުކަޒުގައި ތަފްސީރު ކުލާސްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް،"
މިނިސްޓްރީން އެންގީ ފުރުގާން މިސްކިތުގައި ކުރިއަށް ގެންދާ ތަފްސީރު ކުލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށާ މަރުކަޒުގައި ކުރިއަށް ގެންދާ ކުލާސްތައް ހުއްޓާލުމަށެވެ. އަދި އޭގެ ބަދަލުގައި އެހެން މިސްކިތެއްގައި އެ ކުލާސްތައް ކުރިއަށް ގެންދަން ބޭނުން ނަމަ އެ ފުރުސަތު އޮތް ކަމަށެވެ. މަރުކަޒާއި ސަލްމާން މިސްކިތް ފިޔަވާ އެހެން ކޮންމެ މިސްކިތެއް ގައި ވެސް ކުލާސްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިޔާޒް ވަނީ މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެފަދަ އެންގުމެއް މިނިސްޓްރީގެ މުވައްޒިފަކު ފޯނުން ގުޅާ އަންގާފައިވާތީ އެއީ ސައްހަ އެންގުމެއްތޯ ސާފުކޮށް ދިނުމަށް އެދިފައިވެ އެވެ. އަދި އެއީ މިނިސްޓަރު ޝަހީމް ނުވަތަ މިނިސްޓްރީން އަންގައިގެން އެންގި އެންގުމެއްތޯ ސާފުކޮށް ދިނުމަށް ވެސް އެދިފައިވެ އެވެ.
މަރުކަޒުގައި އިޔާޒްގެ ތަފްސީރު ކުލާސްތައް 2018 ވަނަ އަހަރުން ފެށިގެން ދިޔައީ ހިންގަމުންނެވެ. އެ ކުލާސްތައް ހުއްޓާލަން އެންގި ސަބަބެއް މިނިސްޓްރީން ސާފުވާ ގޮތެއް ނުވެ އެވެ.
އިޔާޒަކީ މިދިޔަ ސަރުކާރު ދިފާއު ކުރަން އެންމެ ކުރިއަށް ނިކުމެ ހުންނެވި ދީނީ އިލްމުވެރިޔާ އެވެ. އޭނާ ނިސްބަތްވާ އަދާލަތު ޕާޓީ އަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ސަރުކާރު ދިފާއުކުރުމަށް ވަރަށް ބޮޑަށް ސިޔާސީ ވެވަޑައިގަތެވެ. އެކަމާއި ގުޅިގެން އާންމުންގެ މެދުގައި އިޔާޒަށް އޮތް އިތުބާރަށް ވަރަށް ބޮޑަށް ބުރޫއެރި އެވެ.
އޭގެ ކުރީން އިޔާޒަކީ އާންމުންގެ ވަރަށް ބޮޑު ލޯބްތަކާއި އިތުބާރެއް އޮތް ދީނީ މަސައްކަތު ގައި އެންމެ ހަރަކާތްތެރި އިލްމުވެރިޔާ އެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކަށް ދީނީ މައުލޫމާތު ފޯރުކޮށްދީ ކަން އޮންނަ ގޮތް ބަޔާން ކޮށް ދިނުމަށް ވަރަށް ގިނަ ވަގުތު ހޭދަ ކުރެ އެވެ. އެކަންކަން ކުރައްވަނީ އެއްވެސް ފޫހިކަމެއް ނެތި ވަރަށް ބޮޑު ޝައުގުވެރި ކަމެއްގަ އެވެ.
އާންމުންނަށް އެންމެ ފަސޭހައިން ގުޅޭ އިލްމުވެރިއަކީ ވެސް އޭނާ އެވެ.