ސަރުކާރުން ވަނީ އާގު ބޯޓުތަކަށް ހިދުމަތް ދިނުމުގެ ވިޔަފާރި މިމަހު ފަށާނެ ކަމަށް ބުނެފަ އެވެ. ރާއްޖެ ސަރަހައްދުން ދުވާލަކު 400 އެއްހާ ބޯޓު ހުރަސް ކުރެ އެވެ. ސަރުކާރުގެ އެސްޓީއޯއާއެކު ތެލުގެ ވިޔަފާރި ފަށާނީ މަޝްހޫރު ވިޓޯލްއިންނެވެ.
މިމަހު ރާއްޖޭގެ އިގްތިސޯދު އާ ސިނާއަތަކަށް ފޮރޮޅާލަން އާ ހަރުފަތެއް ގިރާ ކުރާނެއެވެ. އެއީ އިންޓަނޭޝަނަލް ބަންކަރިން ހިދުމަތް ފުރަތަމަ ފަހަރަށް އަމަލީ ގޮތުން ފެށިގެން ދިއުމެވެ. އިހަވަންދިއްޕޮޅު ހުރަސްކޮށް ރާއްޖެ ސަރަހައްދުން ދަތުރުކުރާ މާސިންގަހަ އާގު ބޯޓުތަކަށް ހިދުމަތް ދޭން ފެށުމެވެ. މިކަމަށް ބޭނުން ކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މި ވިޔަފާރީގައި ބޭނުންކުރާ ދެ އުޅަނދު މިހާރު ވަނީ ކުޅުދުއްފުށްޓަށް އައިސްފަ އެވެ.
އެމްޕީއެލްއަކީ ސަރުކާރުގެ ކުންފުނިތައް ގުޅިގެން ބަންކަރިން ފަށާ މި ވިޔަފާރީގެ އެންމެ މުހިންމު އެއް ބައިވެރިވެ އެވެ. އެ ކުންފުނީގެ ޒިންމާއަކީ ޕޯޓު ބެލެހެއްޓުމެވެ. މިކަމަށްޓަކައި އެމްޕީއެލް އިން އިހަވަންދިއްޕޮޅަށް ގެނެސްފައިވަނީ ޕައިލެޓް ބޯޓާއި ޓަގް ބޯޓެކެވެ.
މި އުޅަނދުތަކާ ކުޅުއްފުށީ ބަނދަރުން ހަވާލުވީ އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ.
އުޅަނދުތަކުގެ ބޭނުން -- ޕައިލެޓް ބޯޓުގެ ބޭނުމަކީ ތެޔޮ އަޅަން ނުވަތަ ހިދުމަތް ދޭން މަޑުކުރާ ބޯޓުގެ ރޫޓް ޗެކްކޮށް މަގު ދެއްކުމެވެ. އަދި ޓަގު ބޯޓަކީ ހިދުމަތް ދޭން ދާ އުޅަނދު ކޮންޓްރޯލް ކުރާ ނުވަތަ ކަފު ޖަހަން ޖެހޭ ހިނދެއްގައި އެކަން ކުރަން ބޭނުން ކުރާނެ އުޅަނދެކެވެ.
ސަރުކާރުން ބުނެފައިވަނީ ބަންކަރިން ހިދުމަތް ކުޑަކޮށް ފަށައި މި ހިދުމަތަށް ބޭނުންވާ ބޮޑެތި އިންވެސްޓްމަންޓްތައް އިތުރު ކުރުމަކީ މިހާރު ސަރުކާރުގެ ވިސްނުން ހުރި ގޮތެވެ. އެގޮތުން މި ހިދުމަތް ދޭން ބަންކަރިން ހިދުމަތުގައި އެންމެ ވަރުގަދަ ކުންފުނި ކަމަށްވާ ވިޓޯލްއާއެކު އެސްޓީއޯ އިން ވަނީ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތްތަކުގެ ދަށުން އެސްޓީއޯއިން ވަނީ ބޯޓު ފަހަރަށް ތެޔޮ ސަޕްލައި ކުރަން ބޭނުންކުރާ ދެ އުޅަނދެއް ވެސް ހޯދާފަ އެވެ.
އެމްޕީއެލް އިން މީގެ އިތުރުން ވަނީ މި ހިދުމަތް ފަށަން ބޭނުން ކުރާ މުހިންމު އިމާރާތްތަކުގެ މަސައްކަތް ވެސް ނިންމުމަކާ ގާތަށް ގެންގޮސްފަ އެވެ. އެމްއެންޑީއެފް އާއި ކަސްޓަމްސް އައި ޕޯޓް ހެލްތުގެ އިމާރާތުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިންމާފަ އެވެ.
މި ހިދުމަތް ދޭން ބޭނުންވާ މުހިންމު އިމާރާތްތައް ހަދަނީ އުލިގަމުގަ އެވެ.
ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމްޕީއެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހިދުމަތުން ވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިން. މި މަހުގެ 10 އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައް ވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހް ވިދާޅުވި އެވެ.
ފަހުގެ ޓެކްނޮލޮޖީގެ ބޭނުންކޮށް އުފައްދާފައިވާ ޑްރޯން ސިފައިން ގެނައި އެއް ބޭނުމަކީ ވެސް މިފަދަ ހިދުމަތްތަކުގައި ބޭނުން ކުރުމެވެ. އިގްތިސޯދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން މި އުޅަނދުތަކަކީ އަމާޒަށް ސިކުންތު ކޮޅެއްގެ ތެރޭގައި ހަމަލާ ދެވޭނެ ގާބިލް އުޅަނދެކެވެ. އެހެންވެ މިއީ ބަންކަރިން ފަދަ މެރިޓައިމް ބޮޑު މަސައްކަތެއް ފަށާއިރު ސަލާމަތީ ކަންކަން ޔަގީން ކުރަން ބޭނުންކުރާނެ އުޅަނދެކެވެ.
މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތް ފައްޓަވާ ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ދެން ދިގު އިންތިޒާރެއް ނެތް ކަަމަށެވެ. އަންނަ މަހު ހިދުމަތް ފައްޓަޗާނެ ކަމަށް ވިދާޅުވި އެވެ.
"މި ހިދުމަތް ފެށުނީމަ ފުރަތަމަ އަހަރު ނިމޭއިރު ވެސް ޖީޑީޕީއަށް އިތުރުކޮށްދޭނެ އިރާދަކުރެެއްވިއްޔާ އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި. އޭރުން ދަރަނި އެބަ ދަށްވޭ،" ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި ހިދުމަތާއެކު އިތުރު ކިތަންމެ ނަފާ / ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ބީޕީޓީން ލިބޭ ފައިދާ އާއި އެ ހިދުމަތާ އެކު އުފެދޭ ވަޒީފާގެ ފުރުސަތު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި ހިދުމަތާ އެކު އެމްޕީއެލް ފުޅާވެ ހަރުދާނާ ވާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖެ ސަރަހަދުން ދަތުރުކުރާ އުޅަނދުތަކުގެ ތެރޭން އެއް ޕަސެންޓަށް ހިދުމަތް ދޭން ލިބުނުނަމަވެސް އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންދާނެ އެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން އުޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. އެކަމަކު މި ހިދުމަތް ފެށިފައެއް ނުވެ އެވެ. ނަމަވެސް މި ސަރަހައްދަކީ ދުވާލަކު 400 އެއްހާ އާގުބޯޓު ހުރަސް ކުރެ އެވެ.
ރާއްޖޭގެ އިގްތިސޯދުގެ ސައިޒަކީ މި ވަގުތު ހަ ބިލިއަން ޑޮލަރެވެ. އިގްތިސޯދުގެ 80 ޕަސެންޓް އޮތީ ޓޫރިޒަމްގަ އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތާއެކު އިތުރު ސިނާއަތެއް އުފެދިގެންދާނެ އެވެ.