އާންމުންގެ މެދުގައި ބޮޑު އިތުބާރެއް އޮތް އާޒިމަކީ މާލެ ސިޓީގެ މޭޔަރެވެ. އެމްޑީޕީގެ ޓިކެޓްގައި އެ މަގާމަށް ވަޑައިގަތުމުގެ ކުރީން އާޒިމް ވަނީ ރައީސް ސޯލިހްގެ ސަރުކާރު ގައި ބޮޑު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ.
އެމްޑީޕީގެ ދާއިރާތަކުގެ ރައީސުންގެ މަގާމުތަކުގެ ތެރެއިން ހުސްވެފައިވާ މަގާމުތަކަށް ބޭފުޅުން ހޮވުމަށް މިއަދު އޮތް ބައި އިލެކްޝަން ގައި މާލެ ދާއިރާގެ ރައީސް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އިންތިހާބު ވެވަޑައިގެންފި އެވެ.
އެކާވީސް ދާއިރާއެއްގެ ބައި އިލެކްޝަން މިއަދު އޮތެވެ. އެންމެ ބޮޑު ވާދައެއް އޮތީ މާލެ ދާއިރާގެ ރައީސް ކަމަށެވެ.
އާޒިމްއާ ވާދަކުރެއްވީ މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހެވެ. އެމްޑީޕީގެ ވަރަށް ހިދުމަތްތެރި / އެ ޕާޓީގެ އެންމެ ވަރުގަދަ އެއް މެންބަރުގެ ގޮތުގައި ހުންނެވި ފަލާހުގެ މައްޗަށް އާޒިމް ކުރި ހޯއްދެވީ ބޮޑު ތަފާތަކުންނެވެ.
އާންމުންގެ މެދުގައި ބޮޑު އިތުބާރެއް އޮތް އާޒިމަކީ މާލެ ސިޓީގެ މޭޔަރެވެ. އެމްޑީޕީގެ ޓިކެޓްގައި އެ މަގާމަށް ވަޑައިގަތުމުގެ ކުރީން އާޒިމް ވަނީ ރައީސް ސޯލިހްގެ ސަރުކާރު ގައި ބޮޑު ދެ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފަ އެވެ. ފުރަތަމަ ހުންނެވީ ފެން ކުންފުނި -- އެމްޑަބްލިއުއެސްސީ ގަ އެވެ. އޭގެ ފަހުން އެމްޓީސީސީ ގަ އެވެ.
އެ ކުންފުނީގައި ހުންނަވައިގެން އާޒިމް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފަ އެވެ.
އެމްޑީޕީއާ ގުޅިވަޑައިގަތީ މި ފަހުން ނަމަވެސް އާޒިމްގެ ބޭބެ، ކާނަލް މުހައްމަދު ނާޒިމް، ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ޖަލަށް ލެއްވި ފަހުން އެމްޑީޕީއާއެކު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެ އެވެ. ފަހުން ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީއާ އެވެ. ނަމަވެސް ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދުމަށް ހިންގުނު ކެމްޕެއިން ގައި މުހިންމު ދައުރެއް އާޒިމް އަދާ ކުރެއްވި އެވެ.
އާޒިމްއާ ވާދަކުރެއްވި ފަލާހަކީ އެމްޑީޕީގެ ވަރަށް ދުވަސްވީ އެ ޕާޓީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. މި ފަހުން ޕާޓީގައި އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޕާޓީ ހީނަރުވިޔަ ނުދީ ހިފެހެއްޓުމުގައި ވަރަށް މުހިންމު ދައުރެއް ފަލާހު އަދާކުރެއްވި އެވެ.