ފެނަކައަށް ގެއްލުން ވާތީ އޭޓީއެމް ބެހެއްޓުމާއި އައިސް ޕްލާންޓުތައް ދޫކޮށްލައިފި

ފެނަކައިން ލ.އަތޮޅުގެ ރަށެއްގައި އަމިއްލަ މީހެއްގެ އަތުން އައިސް ޕްލާންޓެއް ގަތް މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފަ އެވެ.

ފެނަކަ މިހާރުގެ އެމްޑީ މުއާޒު އަދި ކުރީގެ އެމްޑީ ސައީދު

ފެނަކައިގެ ގެއްލުންތައް ކުޑަ ކުރުމުގެ ގޮތުން އައިސް ޕްލާންޓުތައް ހިންގުމާއި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ހުއްޓާލައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މިފްކޯ އަށް ލިބޭ ގެއްލުން ކުޑަ ކުރުމުގެ ނަމުގައި ފެނަކަ ކުންފުންޏާ ހަވާލުކުރި އައިސް ޕްލާންޓުގެ މަސައްކަތް ދޫކޮށްލިކަން ހާމަކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ އައިސް ޕްލާންޓް ހިންގުމަކީ އެ ކުންފުންޏަށް ގެއްލުން ބޮޑު ކަމެއް ކަމަށާ އެހެންކަމުން އެ މަސައްކަތް މިއަދުން ފެށިގެން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. 

"މިނިސްޓްރީއާ ވެސް ވާހަކަ ދައްކަގެން އެމްބަސްވުމަކަށް އައިސްފައި ވަނީ. ވަރަށް ބޮޑު ގެއްލުންވޭ. އައިސް ޕްލާންޓް ބެލެހެއްޓުމުގެ އޮޕަރޭޝަނަލީ އަހަރު 12 މިލިއަން ރުފިޔާގެ ގެއްލުންވާކަމެއް. އެހެންވީމަ ކުންފުންޏަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރާނެ. އެހެންވެ އެކަންވެސް ހުއްޓާލީ،" މުއާޒު ވިދާޅުވި އެވެ. 

މީހެއްގެ އަތުން އައިސް ޕްލާންޓެއް ގަނެފަ އެބަހުރި

މުއާޒު ވިދާޅުވި ގޮތުގައި އެ ކުންފުނިން ލ. މާމެންދޫގައި ހުރި އައިސް ޕްލާންޓެއް 11 މިލިއަން ރުފިޔާ ކުރީގެ މެނޭޖުމަންޓުން ގެނެފައިވާ ކަމަށާ އެކަމުގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. 

"އަމިއްލަ މީހެއްގެ އަތުން އައިސް ޕްލާންޓް ގެނެފަ އެމީހުންނަށް ފައިސާވެސް ނުދޭ. ކޮންމެ ވެސް ވަރަށް ފައިސާ ދީފައިހުރީ. މީގެ އިތުރަށް އެ ރަށުގަ އެބަހުރި ފެނަކައިން އައިސް ޕްލާންޓެއް އަޅަންވެސް ފަށާފަ. އެހެންވެ ސުވާލު އުފެދޭ ޕްރައިވެޓް ޕާޓީއެއްގެ އަތުން އަގުގަ އައިސް ޕްލާންޓް ގެނެފަ އަނެއްކާ ވެސް އިތުރު އައިސް ޕްލާންޓެއް އަޅަނީ ކީކުރަން ބާއޭ؟ އެހެންވެ އެ މައްސަލަ މިހާރު ވާނީ އޭސީސީ އަށް ފޮނުވާފަ.. އޭސީސީ އިން މިހާރު އަންގާފައި  އެބައޮތް އެ [އައިސް ޕްލާންޓް ގަތް މީހުން] ނަށް ފައިސާ ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލަން،" މުއާޒު ވިދާޅުވި އެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރަމުން ދިޔަ ކަމަށާ މިކަމަކީ ފެނަކައިގެ ހިދުމަތާ އެއްވެސް ގުޅުމެއް ނެތް ކަމެކެވެ.

"އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް ކޮށްފައި ހުރީ. ދެން އޭޓީއެމްއެއްވެސް ނުބަހައްޓާނެ،" މުއާޒު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.