ބަންކަރިންގެ ހިދުމަތަށް ބޭނުންވާ އޮފީސް އިމާރާތް ނިމުމަކާ ގާތަށް

މި ހިދުމަތް ފަށާތާ އަހަރެއްގެ ތެރޭ އިގްތިސޯދަށް 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެ އެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހުއާއި އިސްވެރިން އެ ކުންފުނީގެ ޕޯޓެއްގައި -- އެމްޕީއެލް

ރާއްޖެ ސަރަހައްދުން ދަތުރުކުރާ ބޮޑެތި ބޯޓު ފަހަރަށް ހިދުމަތް ދިނުމުގެ ވިޔަފާރި ނުވަތަ ބަންކަރިންގެ ހިދުމަތް ފަށަން ހަދާ އޮފީސް އިމާރާތްތައް ނިމުމަކާ ގާތް ވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސޯދު ބޮޑު ބަދަލެއްގެ ތެރެއަށްދާނެ ކަމަށް ބެލެވޭ މި ވިޔަފާރި އިހަވަންދިއްޕޮޅުގައި ފެށުމުގައި މުހިންމު ދައުރެއް އަދާކުރާ މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ބަންކަރިން ސާވިސް އާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތްވެސް އެމްޕީއެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ހިދުމަތުންވެސް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިން. މި މަހުގެ 10 އަށް މި އޮފީސް ޖާގައިގެ މަސައްކަތްތައް ވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ،" ވަޖީހް ވިދާޅުވި  އެވެ. 

ސަރުކާރުން ބަންކަރިން މަސައްކަތް ފަށަން ނިންމާފައި ވަނީ ފްލޯޓިން އުޅަނދުތަކެއް ބޭނުންކޮށްގެން މިމަހު އެވެ. މި ހިދުމަތް ފަށަން ސަރުކާރުން ވަނީ ދުނިޔޭގައި މި ވިޔަފާރީގައި މަޝްހޫރު ވިޓޯލް ކުންފުންޏަށް ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިން ވަނީ "ބަންކަރިން ޗާޓު" ގައި ރާއްޖެ އިސްތިހާރު ކުރަން ފަށާފަ އެވެ. އަދި މި ހިދުމަތް ފަށަން ބޭނުންވާ ބައެއް އުޅަނދު ފަހަރު ވެސް ގަނެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި އެވެ. މި ހިދުމަތް ދޭން ބޭނުންވާ މުހިންމު އިމާރާތްތައް ހަދަނީ އުލިގަމުގަ އެވެ. 

ފަށާތާ އަހަރެއްގެ ތެރޭ 400 މިލިއަން ޑޮލަރު ލިބޭނެ

މިނިވަން ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ ހިދުމަތް ފައްޓަވާ ހަގީގަތަކަށް ހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ އެކަމަށް ދެން ދިގު އިންތިޒާރެއް ނެތް ކަަމަށެވެ. އަންނަ މަހު ހިދުމަތް ފައްޓަޗާނެ ކަމަށް ވިދާޅުވި އެވެ.

"މި ހިދުމަތް ފެށުނީމަ ފުރަތަމަ އަހަރު ނިމޭއިރު ވެސް ޖީޑީޕީއަށް އިތުރުކޮށްދޭނެ އިރާދަކުރެެއްވިއްޔާ އިތުރަށް 400 މިލިއަން ޑޮލަރު، އެއް އަހަރުގެ ތެރޭގައި. އޭރުން ދަރަނި އެބަ ދަށްވޭ،" ރައީސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ މި ހިދުމަތާއެކު އިތުރު ކިތަންމެ ނަފާ / ފައިދާއެއް ލިބޭނެ ކަމަށެވެ. އެގޮތުން ބީޕީޓީން ލިބޭ ފައިދާ އާއި އެ ހިދުމަތާ އެކު އުފެދޭ ވަޒީފާގެ ފުރުސަތު ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ މި ހިދުމަތާ އެކު އެމްޕީއެލް ފުޅާވެ ހަރުދާނާ ވާނެ ކަމަށެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް ފަށަން އުޅޭތާ ލައްކަ ޒަމާން ވެއްޖެ އެވެ. އެކަމަކު މި ހިދުމަތް ފެށިފައެއް ނުވެ އެވެ. ނަމަވެސް މި ސަރަހައްދަކީ ދުވާލަކު 400 އެއްހާ އާގުބޯޓު ހުރަސް ކުރެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.