ފުލުހުން ވަނީ ދެ މައްސަލައެއްގެ ފައިސާ ހޯދަން 500 އަށްވުރެ ގިނަ ބޭންކް އެކައުންޓް އެނެލައިޒްކޮށްފަ އެވެ. ފައިސާ ވަނީ އެތައް ރަށެއްގެ އެކައުންޓްތަކަށް ފޮނުވާފަ އެވެ. އެކި ރަށްރަށުން ފައިސާ ނަގަން މަސައްކަތް ކޮށްފަ އެވެ.
ސްކޭމްގެ މައްސަލަތަކެއްގެ ފައިސާ ހޯދަން "އެންޓި ސްކޭމް" ސެންޓަރުގެ އިސްނެގުމާއެކު ފުލުހުން ކުރި ބުރަ މަސައްކަތްތަކެއްގެ މައުލޫމާތު މަޖިލީހަށް މިއަދު ހިއްސާކޮށްފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީ -- އެސްއޯއީ ކޮމެޓީގެ އެންގުމަކަށް ސްކޭމް މައްސަލަތަކާ ބެހޭ ގޮތުން ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވާ ކަމާގުޅޭ ސެންޓަރުގެ ވެރިޔާ / އިންސްޕެކްޓަރު އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވި ގޮތުގައި ސްކޭމް ސެންޓަރު އުފުއްދުމުގެ ކުރިން މައްސަލަތައް ތަހުގީގު ކުރަމުން ދިޔަ ފޯމެޓަށް ބޮޑު ބަދަލުތަކެއް މިހާރު ވަނީ ގެނެވިފަ އެވެ.
މިގޮތުން ގެނެވުނު ބަދަލާއެކު މިހާރު އިސްކަން ދެނީ އެންމެ ފުރަތަމަ ގެއްލުނު ފައިސާ ރިކަވާ ކުރާށެވެ. އެގޮތުން ފުރަތަމަ 72 ގަޑިއިރުގެ ތެރޭގައި "ރެޕިޑް ރެސްޕޯންސް" ގެ ގޮތުގައި ފުލުހުން ކުރާނީ އެ މަސައްކަތެވެ.
މި ބަދަލާއެކު ފުލުހުން ވަނީ ސްކޭމްގެ ބައެއް ކޭސްތަކުގެ ފައިސާ ރިކަވާ ކުރުމުގައި ކުރިއާ ހިލާފަށް ބޮޑު ކުރިއެރުން ތަކެއް ވެސް ހޯދާފަ އެވެ. މިގޮތުން 500،000ރ. ގެއްލުނު "ފައިވްހަންރެޑް ކޭ" ގެ ނަން ފުލުހުން ދީފައިވާ މައްސަލަ ތަހުގީގުކޮށް އެއް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފަ އެވެ.
އެފަދަ އެއް މައްސަލައެއްގެ ތަފްސީލު ދެއްވާ މަރިޔަމް ވިދާޅުވި ގޮތުގައި 587،000 ރުފިޔާ ގެއްލުނު މައްސަލަ ހުށަހެޅުނީ މައްސަލަ ހިންގިތާ އެއް ގަޑިއިރު ފަހުންނެވެ.
"ވިކްޓިމް އަށް އެނގުނީ ވެސް އެއް ގަޑިއިރު ފަހުން. ފައިސާގެ މުއާމަލާތްތައް ދެ ލޭޔަރެއްގައި ކުރިއަށް ގެންގޮސްފައިވޭ. މި މައްސަލަ ހުށަހެޅިއިރު 16 މީހެއްގެ އެކައުންޓަކުން ބެހި ގެންގޮސް އެކި ރަށްރަށުން ލޭޔަރުތަކަށް މި ފައިސާ ވަނީ ބެހިގެން ގޮސްފަ. އެހިސާބުން ފެށިގެން ފުލުހުން މަސައްކަތް ފަށައިފިން،" މަރިޔަމް ވިދާޅުވި އެވެ.
ދެވަނަ މައްސަލައަކީ ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިގެން ރިޕޯޓްކުރި މައްސަލައެކެވެ.
އިންސްޕެކްޓަރު އޮފް ޕޮލިސް މަރިޔަމް ވިދާޅުވި ގޮތުގައި މި މައްސަލައަކީ ވިޔަފާރި އަށް މުދާ ސަޕްލައި ކޮށްދޭނެ ކަމަށް ބުނެ ފޯނުން ގުޅައިގެން އީމެއިލް ކޮމްޕްރިމައިޒްކޮށްގެން ހިނގި މައްސަލައެކެވެ.
"މި ހާދިސާ ހިންގާފަވަނީ މެންދުރު 1:00 އެހާއިރު އެކަމަކު މައްސަލަ ހުށަހެޅީ ހަވީރު 5:00 ޖެހިފަހުން. އެ ހިސާބުން ފެށިގެން އިދާރާތަކުން މައުލޫމާތު ހޯދައިގެން މަސައްކަތް ފެށުނީ ރޭގަނޑު 10.22 އެހާއިރު. މި މައްސަލާގެ ފުރަތަމަ ލޭޔަރުގައި 57 މީހުން ހިމެނޭ. 1.9 މިލިއަން ރުފިޔާ ދޮޅު ގަޑިއިރުތެރޭ އެއްކޮށް ފައިނޭންޝަލް ސިސްޓަމުން ނަގާފައިވޭ. މި މައްސަލާގައި ފަސް ލައްކަ ރުފިޔާ ރިކަވާ ކުރެވުނު ވިކްޓިމް އަށް ރިއަލަޒް ވެގެން ސިސްޓަމުން ރިކަވާ ކުރެވުނީ 8 ލައްކަ ރުފިޔާ. އަޅުގަނޑުމެން ފަސް ލައްކަ ރުފިޔާ ރިކަވާ ކުރެވުނު،" މަރިޔަމް ވިދާޅުވި އެވެ.
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ސްކޭމްގެ 1،600 ގިނަ މައްސަލަ 20 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވެ އެވެ. އަދި މިދިޔަ އަހަރު 2023 މެއިމަހަ ހަމަށް ބީއެމްއެލް އަށް 380 ސްކޭމް މައްސަލަ ހުށަހެޅުނެވެ. އަދި މި އަހަރުގެ މެއިމަހު ވަނީ މި އަދަދު 880 އަށް އިތުރު / 200 ޕަސެންޓް އިތުރުވުމެއް އައިސްފަ އެވެ. މިހާރު ގޮތަށް ދާނަމަ ފުލުހުންގެ ދިރާސާތަކުން ދައްކާ ގޮތުން ހުރިހާ މުވައްސަސާއެއް ގުޅގެން ނުކޮށްފިނަމަ މި އަދަދު 2،900 އަރައިގެންދާނެ އެވެ.
އާ އެޕްރޯޗާއެކު ނަތީޖާ - އެހެންވެ އެމްއެމްއޭގެ ލަފާއާއެކު ހުރިހާ މުވައްސަސާ ތަކުން މިހާރު ވަނީ މަލްޓި އެޖެންސީ އެޕްރޯޗެއްގައި ކުރީގެ ވިސްނުން ދޫކޮށް އާގޮތަކަށް މަސައްކަތް ފަށާފަ އެވެ. ކޮންމެ އަތޮޅެއްގައި ސްކޭމް ކަންތައްތަކާ ބެހޭ ހާއްސަ އޮފިސަރެއް މިހާރު ވަނީ ބަހައްޓާފަ އެވެ. މި އަހަރުގެ މިހާތަނަށް ސްކޭގެ މައްސަލަތަކާ ގުޅިގެން 293 ކާޑެއް ޓާމިނޭޓް ކުރެވިފައިވެ އެވެ. އަދި 782 ޑިވައިސެއް ނެޓްވޯކް ބްލޮކްކޮޑް، 70 ނެޓްލިންކެއް ބްލިކް ކޮށްފައިވެ އެވެ. އަދި 500 އަށްވުރެ ގިނަ އެކައުންޓް ތަޅުއަޅުވާފައިވެ އެވެ. އަދި 156 މައްސަލަ އެއް ޕްރޮސިއުޓް ކުރަން ފޮނުވައި ގިނަ މައްސަލަ ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.