މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ބަދަލުގެ ވާހަކަ ފެށުމާއެކު މެންބަރު އަޙްމަދު ޝަމްހީދު އާއި މެންބަރު އަބްދުލްޣަފޫރު މޫސާ ވަނި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަދަލުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ދިން ގޮތާއި ދީފައިވާ ފަރާތްތައް ބަލަން ހުށަހެޅުމުން އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކޮށްފި އެވެ.
މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ދެ ބިލިއަން ރުފިޔާ ދިން ފަރާތްތަކާއި ދީފައިވާ އުސޫލު ބަލަން ހުށަހެޅުއްވީ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެވެ.
މި ހުށަހެޅުމާ ބެހޭ ގޮތުން ކޮމެޓީގައި އަޒާން ވިދާޅުވި ގޮތުގައި ބަދަލު ދިން ބައެއް ފަރާތްތަކަށް ބަދަލު ދީފައިވަނީ ރަނގަޅަށް ކަމަށްވުންވެސް އެކަށީގެންވެ އެވެ. ނަމަވެސް ދެ ބިލިއަން ރުފިޔާއަކީ ވަރަށް ބޮޑު އަދަދަކަށްވުމާއެކު މި އަދަދުގެ ބަދަލެއް ދިން ފަރާތްތަކާއި އެކަން ކުރަން ޖެހުނު ސަބަބު ބަލައިލުން މުހިންމެވެ.
މި ވާހަކަފުޅާއެކު ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޝަމްހީދު ވަނީ ވާހަކަ ދައްކަމުން ގެންދިޔަ މައުލޫއު ބަދަލު ކުރަންވަން މަސައްކަތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މަސައްކަތް ފެށުނީ އިގްތިސޯދީ ކަންކަމުގައި ކަމަށާ ނަމަވެސް މިހާރު އެހެން ދިމާލަކަށްދާކަމަށް ފާހަގަ ކުރެވޭ ކަމަށެވެ. އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ބޭނުންވާ ހުރިހާ މައުލޫމާތެއް ފިނޭންސުގައި ހުންނާނެ ކަމަށެވެ. އަދި ޝަމްހީދު ވިދާޅުވީ އަބަދުވެސް ބަލަނީ ކުރީ ސަރުކާރުގެ ކަންކަން ކަމަށާ ކަން ނިމުމުން ބެލުމުގެ ބަދަލުގައި މިހާރު ހިންގާ ކަންކަންވެސް ބަލަން ޖެހޭ ކަމަށެވެ.
މި ވާހަކަފުޅާ ގުޅިގެން ކޮމެޓީގެ ނައިބް މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުވީ ގޯސްކޮށް ކަމެއް ހިންގާނަމަ ބަލާނެ ކަމަށެވެ. އަދި މިހާރުވެސް މައުލޫމާތު ސާފު ކުރަން އެތައް ވަޒީރުންނެއް މި ކޮމެޓީއަށް ހާޒިރު ކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.