"ސަރުކާރުން ގެންގުޅެނީ ކުރީ ސަރުކާރާ އެއްގޮތް ހާރިޖީ ސިޔާސަތުތަކެއް"

އިތުރު ދައުރަކަށް އިންތިހާބުވުމުން މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެކަމަށް ވެސް ޝާހިދު ވަނީ މަރުހަބާ ދަންނަވާފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު --

މި ސަރުކާރުގެ ހާރިޖީ ސިޔާސަތުތައް ކުރީ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކާ ވަރަށް އެއްގޮތް ކަމަށާއި އެއީ ބަލައިގަންނަ ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ޕެނެލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުން ހާމަކުރި ހާރިޖީ ސިޔާސަތުތަކަކީ ކުރީ ސަރުކާރުގައި އެމަނިކުފާނު ވެސް ގެންގުޅުއްވި ސިޔާސަތުތައް ކަމަށެވެ.

"އިހަށްރޭ ޓީވީގަ ހާރިޖީ ސިޔާސަތު އެ ހާމަކުރީ، ހާމަކުރިއިރުގަ ފާހަގަކުރެވުނީ އަޅުގަނޑުގެ ބޮލުގަ ފަތް ނެތްކަން. މިހާރު ހުންނެވި ވަޒީރުގެ ބޮލުގަ ފަތް ހުރި، ދެއްކި ވާހަކަ އެކައްޗެއް،" މަޒާޖީ ގޮތަކަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން ގެންގުޅުއްވި ސިޔާސަތަކީ އިޒްރޭލު ފިޔަވާ ބައިނަލްއަގްވާމީ އުސޫލުތަކަށް ތަބާވާ، ރާއްޖެއާ ގުޅުން ބާއްވަން ބޭނުންވާ ކޮންމެ ގައުމަކާއެކު ގުޅުން ބޭއްވުން ކަމަށެވެ. މިހާރުގެ ސަރުކާރުން އެގޮތަކަށް ވިސްނުމަކީ ގައުމަށް ލިބޭނެ ރަގަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެ އުސޫލުތައް މިހާރު ވިސްނިވަޑައިގެންވިކަން، ވާހަކަދައްކަވަން ފެއްޓެވިކަން އެއީ ރަގަޅެއް. އެކަމަކު ނުދާށޭ އެހިސާބަށް، ވަޑައިނުގަންނަވާށޭ އެ ހިސާބަށް. ވެރިކަމަށް ވަޑައިގެންނެވީ ތަފާތުވާނެއޭ،" ޝާހިދު ވިދާޅުވި އެވެ.

"އެހިސާބަށް" ވަޑައިނުގަންނަވާށޭ ޝާހިދު ވިދާޅުވި މާނައަކީ، އިސިކޮޅުގައި ތިބިއިރު އިންޑިއާއާ ދެކޮޅަށް މިހާރުގެ ސަރުކާރުގެ އިސްވެރިން ހިންގި "އިންޑިއާ އައުޓް" ހަރަކާތެވެ. ޝާހިދު ވިދާޅުވީ އޭރު އެބޭފުޅުން އަމަލުކުރެއްވީ ވެރިކަމަށް އަންނަން ބޭނުންވާ ބަޔަކު ކަން ކުރާނެ ގޮތަކަށް ނޫން ކަމަށެވެ.

އޭގެ ނަތީޖާއަކީ، މިއަދު ވެރިކަމަށް އަށް މަސް ވެގެން ދިޔައިރު ހާރިޖީ ވަޒީރު ކުރައްވަން ޖެހިވަޑައިގެންވާ ކަމަކީ ގައުމުތަކާ ބައްދަލުކުރައްވައި އެ އަމަލުތައް ފޫބެއްދެވުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފޮޓޯފުޅުގެ މާލި ހަދައިގެން އޭރު ހިންގި ހަރަކާތްތަކުގެ ސަބަބުން އެހެން ގައުމުތަކުން ރާއްޖެއާމެދު ދެމެކުމުން އައި ގޮތް ވެސް ބަދަލުވަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.

"[ވެރިކަމަށް[ އަށް މަސް ދުވަސްވީ، ހަމަ މުޅިން ކުރައްވަން ޖެހިފަ އޮތް ކަމަކީ ވީދައިގެން ގޮސްފަ ހުރި ތަންތަނުގަ ފޮތި އެޅުން. ހަމަ ފޮތި އަޅަނީ ގައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގަ ހާރިޖީ ވަޒީރު މަސައްކަތް ކުރައްވަމުން އެގެންދަވަނީ ތިމަންނަމެން އޭރު ދެއްކެވި ވާހަކަަތައް ދެއްކެވީ އެހެން ދެއްކި ވާހަކައެއް ނޫނޭ ކިޔާފަ،" ޝާހިދު ވިދާޅުވި އެވެ.

އިތުރު ދައުރަކަށް އިންތިހާބުވުމުން މޯދީ ހުވާ ކުރެއްވި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެކަމަށް ވެސް ޝާހިދު ވަނީ މަރުހަބާ ދަންނަވާފަ އެވެ. ވިދާޅުވީ، އިދިކޮޅުގައި ތިބެ ކޮންމެ ވާހަކައެއް ދެއްކިޔަސް، ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުގައި އިށީންދެވަޑައިގަތުމުން ހުރިހާ ކަމެއް ވެސް ތަފާތު ވާނެ ކަމަށެވެ. އެކަން މިއަދު ފެންނަމުންދާ ކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.