"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގެ ސާދާ ސީދާ އަދި އެހާ ކޫލު ޕްރެސިޑެންޓެއް އަޅުގަނޑުމެން ނުދެކެން. ވަރަށް ފަސޭހަ ރައީސާކު މަސައްކަތް ކުރަން،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވަރުގެ ކޫލު ރައީސަކު މިހާތަނަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ލޯކަލް ސިޓީސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް މުއިއްޒަށް ހައްދެއްނެތް މިންވަރަށް ތައުރީފު ކުރައްވައިފި އެވެ.
ކޮންގްރެސްގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މުއިއްޒުއާ ވާދަކުރެއްވި އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައީސް މުއިއްޒާ އެކު އެ ބޭފުޅުން މަސައްކަތް ކުރައްވަނީ ވަރަށް ފަސޭހަ ކަމާ އެކު އެވެ. ރައީސަކީ މަޝްވަރާއަށް އިސްކަން ދެއްވާ ބޭފުޅެއް ކަމަށާ އަމިއްލަ ޒާތުފުޅަށް ނިންމެވޭވަރުގެ ކަންކަން ވެސް ވަޒީރުންގެ މަޖިލީހާއި ޕާޓީގެ ލީޑާޝިޕާ އަދި އާންމު މެންބަރުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު ނޫނީ ނުނިންމަވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގެ ސާދާ ސީދާ އަދި އެހާ ކޫލު ޕްރެސިޑެންޓެއް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެންނަށް ވަރަށް ފަސޭހަ ރައީސާކު މަސައްކަތް ކުރަން،"
ދެން ވިދާޅުވީ ރައީސް މުއިއްޒު ފަދަ ދީނަށް ލޯބި ކުރައްވާ ވެރިއަކު މިހާތަނަށް ރާއްޖެ ދެކެފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީނުގެ މައްސަލާގައި އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވީ ރައީސް މުއިއްޒު ކަމަށެވެ.
"ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރި ރައީސުންގެ ތެރެއިން ރައްޔިތުންގެ ކުރިމަތީގައި ސާބިތުކަމާ ވަރުގަދަ އަޒުމާ އެކީގައި އަދި ދިރިއުޅުމާ އަމިއްލަ މަސައްކަތުން އެމަނިކުފާނުގެ ދިރިއުޅުމުގެ ހުރިހާ ކަމަކުން ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރުގެ ދީނަށް ލޯބިކުރާ މީހަކު އައިސްފައި ނެތްކަން އެއީ ތިޔަ ހުރިހާ ބޭފުޅުން ވެސް ހެކިވާނެ ކަމެއް،" މުއިއްޒު ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ޕީއެންސީގައި އޮތީ އެންމެ މައްސަލަ އެކެވެ. އެއީ ރައީސް މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނާ އެކު މަސައްކަތް ކުރަން ބޭނުންވެގެން ތިބި އެންމެނަށް އެ ފުރުސަތު ނެތުމެވެ. އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރައީސަށް ރައްޔިތުންގެ އޮތީ އާދަޔާ ހިލާފު ބޮޑު ތާއީދެއް ކަމަށެވެ. ވަރަށް ހަރުއަޑުން ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޖަގަހަ ޖަލްސާއެއް ފުރިފައި އޮންނާނީ ސަރުކާރު ވަރުގަދަވެފައި ތާއީދު އޮތީމަ ކަމަށެވެ. އަދި ވިދާޅުވީ އެތައް ބަޔަކު ކޮންމެ ދުވަހަކު ސޮއިކޮށް ކޮންގްރެސްއާ ގުޅެން ފޯމްތައް ގެންނަ ކަމަށެވެ. އޭނާއާ ހަމައަށް ވެސް އެފަދަ ފޯމްތައް އަންނަ ކަމަށެވެ.
ކުރިއަށް އޮތްތާ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ވާނީ ކޮންގްރެސް ޕާޓީ ކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ ލީޑާޝިފަށް ވަރަށް ބޮޑަށް ތައުރީފު ކުރެއްވި އެވެ. ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވީތީވެ ކަންބޮޑުވެ ވަޑާއިގެންނަވައިގެން އުޅުއްވާނަމަ އެއީ ހަޖަމުގެ މައްސަލައެއް ކަމަށެވެ.