"ރައީސް ޑރ. މުއިއްޒުވެސް ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ނުކުރައްވާނޭ. ހުރިހާ ކަމެއްވެސް ކުރައްވާނީ އަދިވެސް ރައްޔިތުން ކައިރިއަށް ދާންޖެހޭނެ ކަން އެނގިގެން،"
އްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ ގައި ވާހަކަ ދައްކަވަމުންނެވެ. ހަރަދު ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ރައްޔިތުންނަށް އެކަމުގެ އަސަރު ކުރާނެ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ ހަރަދު ކުޑަކުރަން އަޅާ ފިޔަވަޅަކުން އެއްވެސް ރައްޔިތަކަށް ދެރައެއް / ގެއްލުމެއް ނުލިބޭނެ ކަމަށެވެ.
އެއީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގެން ރައީސް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކެއް ކަމަށާ ނަމަވެސް އަޅުއްވާ ކޮންމެ ފިޔަވަޅެއް ވެސް އަޅުއްވަމުން ގެންދަވަނީ ހަރުދަނާ ގޮތެއްގައި ކަމަށެވެ. އެ ގޮތުން އެއް ކަމަށް ފާހަގަ ކުރެއްވީ އެންމެ އަވަހަށް ނިންމެން އޮތް މަޝްރޫއުތައް ނިންމޭނެ ގޮތަށް ކަންކަން ފަހި ކުރެއްވުމެވެ.
އަދި ބޭނުން ޖެހިފައިވާ ރައްޔިތުންނަށް ކަންކަން ފުރިހަމަވުމުގައި ކުރިއެކޭ އެއްވެސް ތަފާތެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައި ކަމަށާ ހުރިހާ ދާއިރާއަކުން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. މިސާލެއްގެ ގޮތުން ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު އާސަންދައިން އެކަނި ވެސް 1.1 ބިލިއަންގެ ބިލު ނުދައްކާ އޮތް އޮތުމެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރުން މިހާތަނަށް 1.3 ބިލިއަން ރުފިޔާ އާސަންދައަށް އެކަނި ހަރަދުކޮށްފައިވާ ކަމަށެވެ.
އެހެން ކަމުން ނާޒިމް އެދިވަޑައިގަތީ ރައްޔިތުން ސަރުކާރާއެކު ތިއްބެވުމަށެވެ. ޔަގީންކަން ދެއްވެވީ ރައްޔިތަކަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ރައީސް މުއިއްޒު ނުކުރައްވާނެ ކަމެވެ.
"ރައީސް ޑރ. މުއިއްޒުވެސް ރައްޔިތަކާ ހަތަރުކަޅި ހަމަކޮށް ނުލެވޭވަރުގެ ކަމެއް ނުކުރައްވާނޭ. ހުރިހާ ކަމެއްވެސް ކުރައްވާނީ އަދިވެސް ރައްޔިތުން ކައިރިއަށް ދާންޖެހޭނެ ކަން އެނގިގެން އަދި މިއަށްވުރެ މާއުފާވެރި ހާލަތެއްގައި އޮންނާނެ ކަން ދެނެގެން،" ނާޒިމް ވިދާޅުވި އެވެ.