މެމޯގައި ވަނީ ކަސްޓަމަށް ދިނުމަށް ކަނޑައަޅާފައިވާ 100 ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުން ކަސްޓަމުގެ މުވައްޒިފުންނަށް ހާއްސަކުރި ފްލެޓްތައް ލިބޭނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ދެއްވާފައިވާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިނިސްޓަރު ވަނީ މިހާރު އިމާރާތް ކުރަމުންދާ 4000 ފްލެޓްގެ ތެރެއިން ކަސްޓަމްސްގެ މުވައްޒިފުންނަށް 100 ފްލެޓް ހާއްސަކޮށްފައިވާ ކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އަދި ކަސްޓަމްސްގެ ވެރީން އެ ފްލެޓްތައް ހޯދުމަށް ޝައުގުވެރިވެ މަސައްކަތް ކުރައްވާފައިނުވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ކުރީގެ ސަރުކާރުގައި ކަސްޓަމްސް ހިންގެވި ވެރީންނަށް އަމާޒު ކުރައްވާ ކަމަށް ބެެލެވެ އެވެ.
އެކަމާއި ގުޅިގެން ކަސްޓަމްސްގެ މުވައްޒިފުންގެ މެދުގައި ކަންބޮޑުވުން އުފެދި ޝަކުވާ ބޮޑުވެފައިވެ އެވެ. އެހެން ކަމުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ މިއަދު ވަނީ އުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާ ބައްދަލު ކުރައްވާފަ އެވެ.
އަދި އެ ބައްދަލްވުމަށް ފަހު ކަސްޓަމުގެ މުވައްޒިފުންނަށް ހާއްސަ "އޮފީސް މެމޯ" އެއް ނެރެ އެކަން އޮތްގޮތް ވަނީ ސާފުކޮށްދީފަ އެވެ. ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ސޮއިކުރައްވާ ނެރުއްވި މެމޯގައި ވަނީ ކަސްޓަމަށް ދިނުމަށް ކަނޑައަޅާފައިވާ 100 ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ. އަދި މުވައްޒިފުންނަށް ބޯހިޔާވަހިކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާއި އެއްގޮތަށް ކަސްޓަމަށް ފްލެޓް އިމާރާތް ކުރަން ބޭނުންވާނެ ބިން މާލެ ސަރަހައްދުން ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ބައްދަލްވުމުގައި މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
އެކަންކަމާއި ގުޅޭގޮތުން ކަސްޓަމާއި ދައުލަތުގެ ކަމާގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް މެމޯގައި ވެ އެވެ.