"ކުޅުދުއްފުށި އިންޖީނުގޭ 4 ފާރު ރާނަން 45 މިލިއަން ހަރަދުކުރި"

މެންބަރުން ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގދ. މަޑަވެލީގެ އިންޖީނުގެ އަޅަން ކޮނެފައި އޮތީ ހަމައެކަނި ވަޅުގަނޑެއް ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް: ކުރީ ސަރުކާރުގައި ފެނަކައިން ހިންގާފައިވާ މަޝްރޫއުތަކުގެ އޮޑިޓެއް ހަދައި ފިޔަވަޅު އަޅާނެ ކަމަށް ވަނީ ވިދާޅުވެފައި --

ހދ. ކުޅުދުއްފުށީގައި މިދިޔަ ސަރުކާރުން އަޅަން ފެށި އިންޖީނުގޭގެ ހަތަރު ފާރު ރާނާލަން 45 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިއަދު ފާހަގަކުރައްވާފައި ވަނީ ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން އަޅަން ފަށާފައިވާ އިންޖީނުގެތައް ނިމިފައި ނުވާ މައްސަލަ އެވެ. އަދި އާބާދީ ބޮޑެތި ސިޓީތައް ކަމަށްވާ އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތުނަދޫ ފަދަ ތަންތަނުގެ އިންޖީނުގެތަކުގެ މެއިންޓެނެންސް މަސައްކަތް ވެސް ކޮށްފައި ނުވާ ކަމަށެވެ.

އެގޮތުން، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެނަކައިން އޭރު އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރީ 15 މިލިއަން ރުފިޔާއަށް ކަމަށެވެ. ނަމަވެސް އެކަން ނުހިނގާތީ އެމީހުން އަތުން އެ މަސައްކަތް އަތުލުމަށްފަހު މީހުން ހޯދައިގެން އެ މަޝްރޫއު ހިންގަން ފެށީ ފެނަކައިން އަމިއްލައަށް ކަމަށެވެ. ފެނެކައިން އަމިއްލައަށް އެތަނުގެ މަސައްކަތް ފެށީ 30 މިލިއަން ރުފިޔާއަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ސަރުކާރު ބަދަލުވިއިރު އެތަނުގައި ހުރީ ހަތަރު ފާރާއި ޓްރަސްތަކެއް ކަމަށާއި، ހަމައެކަނި އެ މަސައްކަތަށް 45 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި މަސައްކަތްތައް ކޮށްފަ މިއޮތީ އަމިއްލަ މީސްމީހުންގެ ލާރިންނާ ދަރަނި ނަގައިގެން. އެހެންވީމަ މިކަންތައްތައް އަޅުގަނޑުމެން އިތުރަށް، ކުޅުދުއްފުށި ސިޓީއަކީ މުހިންމު ސިޓީއަކަށްވާތީ އެތަނުގެ ކަރަންޓުގެ ހާލަތު ރަގަޅު ކުރަން މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މެންބަރުން ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ 26 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގދ. މަޑަވެލީގެ އިންޖީނުގެ އަޅަން ކޮނެފައި އޮތީ ހަމައެކަނި ވަޅުގަނޑެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގައި ވެސް މިހާރު އަވަސް އަވަހަށް ކަރަންޓު ދަނީ އެތަންތަން ރަގަޅަށް ނުބެލެހެއްޓުމުން ކަމަށެވެ. އެ ސިޓީގައި 20 ޖަނަރޭޓަރު ބަހައްޓާފައި ހުރިއިރު ފަސް ޖަނަރޭޓަރު ހުރީ ހަލާކުވެފަ އެވެ. ސަރުކާރުން މިހާރު ވަނީ އެ ސިޓީއަށް 1.5 މެގަވޯޓްގެ ޖަނަރޭޓަރެއް ގަނެފަ އެވެ. އަދި ހަލާކުވެފައިވާ ޖަނަރޭޓަރުތަކަށް ސްޕެއާޕާޓްތައް ވެސް ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުންވާ ހަކަތަ ނުވަތަ ކަރަންޓު އުފެއްދުމަށް ބޭނުންވާ ސިސްޓަމްތައް، ރަގަޅަށް އެކަން ކޮށްފަ އޮތިއްޔާ މިއަދު އޮންނާނީ ގާއިމްކުރެވިފަ. އެހެންވީމަ ރަގަޅަށް މެނޭޖް ނުކުރެވި ހުރީމަ މިހާރު ފެނަކައިން އެކުރާ މަސައްކަތަކީ ކޮބާތޯ ޕްރައިވަޓައިޒް ކޮށްގެން މިވަގުތު އެންމެ ބޮޑަށް ރަށްރަށަށް ބޭނުންވެފަ ހުރި ޕަވާ ފޯރުކޮށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ [ބަލަމުންދަނީ]،" މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ މި މަޝްރޫއުތަކުގެ އޮޑިޓް ހަދައި މައްސަލަތައް ބައްލަވާނެ ކަމަށެވެ. މިވަގުތު އިންޖީނުގެތައް ނޭޅުނު ނަމަވެސް 24 ގަޑިއިރު ރަށްރަށަށް ކަރަންޓު ލިބޭނެ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސަވަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.