ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ހިންގި ތަހުގީގުގައި ހާމަކޮށްފައިވެ އެވެ.
ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓް އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ހާމަ ކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަަތަރުހާސް ފްލެޓް ދޫކުރުގެ މަސައްކަތުގެ ފަހުގެ އަޕްޑޭޓްތައް ހޯދުމަށް ހައުސިން މިނިސްޓްރީގެ އިސް ވެރިން ޕެޓިޝަން ކޮމެޓީއަށް ވަނީ ހާޒިރުކޮށްފަ އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަން އޮތް 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވާ ކަމަށް އޭސީސީން ހިންގި ތަހުގީގުގައި ހާމަކޮށްފައިވެ އެވެ. ލިސްޓުގައި ޝަރުތު ހަމަވުމާއެކު އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓެވެ. އަދި ޝަރުތު ފުރިހަމަ ވިޔަސް 19،7 ޕަސެންޓް ފޯމުގައި އެކި މައްސަލަތައް ހުއްޓެވެ.
އެހެން ކަމުން މި ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާ ކުރުމުގެ މަސައްކަތް ފަށާފަ އެވެ.
މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ މުޅި ލިސްޓް އުވާލަން ސަރުކާރުން ގަސްތު ނުކުރައްވާ ކަމަށެވެ. ނަމަވެސް ފްލެޓް ލިސްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް ކުރެއްވި އެވެ. ވިދާޅުވީ ލިސްޓް އާންމު ކުރާނީ ފްލެޓް ލިބެނީ އެންމެ ހައްގު މީހާއަށްތޯ ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު އިމާރާތް ކުރަން ފަށާފައިވާ 32 ޓަވަރުގެ ތެރެއިން ހަ ޓަވަރުގެ މަސައްކަތް އޮކްޓޫބަރުގެ ނިޔަލަށް މުޅީން ނިންމާލެވޭނެ ކަމަށެވެ. އެހާތަނަށް ލިސްޓް ފައިނަލްކޮށް އާންމު ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.