އާ ގަވަރުނަރު ވިދާޅުވީ ބޭންކުންތަކުން އިންވެސްޓަރުންނަށް އިތުރު އިންސެންޓިވްތައް ދީގެން ފައިސާ ބަހައްޓަން ހިތްވަރު ދޭން ޖެހެ އެވެ. އަދި ރާއްޖޭގެ ރިސޯޓުތައް ރާއްޖޭގެ ބޭންކުތަކުން ހެދޭނެ ކެޕޭސިޓީ އުފައްދަން ޖެހެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓު މީހާ ހަދާ ބުކިންގެ ފައިސާ ރާއްޖެއަށް އެކަށީގެންވާ ގޮތެއްގައި ނުލިބޭކަމުގެ ޝަކުވާ އަބަދު ވެސް ކުރެ އެވެ. އެކަމަކު އެ ވާހަކަ ދައްކަނީ މަދު ބައެކެވެ. މިހެން ވަނީ ކިހިނެތް ވެގެން ހެއްޔެވެ ؟
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރައްވަން ނިންމަވާފައިވާ އަހުމަދު މުނައްވަރު މިއަދު ވިދާޅުވެ ދެއްވީ ޓޫރިޒަމް ބުކިންގެ ފައިސާ ރާއްޖެ އަށް ނުވަދެ "ލީކްވާ" ސަބަބާއި ބޭރު ފައިސާ ރާއްޖޭގައި ހިފައްޓަން ހުރި ދަތިތަކުގެ ވާހަކަ އެވެ.
މާލިއްޔަތު ކޮމެޓީގައި މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ފައިނޭންޝަލް އިންސްޓިއުޓްތަކާއެކު ޖުމްލަ އަށް ބޭންކެއް ހަރަކާތްތެރިވި ނަމަވެސް އެއްވެސް ބޭންކަކަށް ރާއްޖޭގެ ރިސޯޓެއް ހަދަން އިންވެސްޓް ކުރެވޭނެ ކެޕޭސިޓީއެއް ނެތެވެ.
"ބޭންކުތަކުގެ ޖުމްލަ އެސެޓް މިހުރީ 6 ބިލިއަން ޑޮލަރުގަ. އެކަމަކު ކޮންމެ އަހަރަކު ޓޫރިޒަމްގައި ހަތަރު ބިލިއަންގެ އާމްދަނީއެއް ލިބޭ. މީގެން އެބަ އެނގޭ ވަންނަ ފައިސާގެ ބޮޑު ބައެއް ކޮންމެވެސް ސަބަބަބާ ހުރެ ބޭރުގައި ބަހައްޓަމުންދާކަން،" މުނައްވަރު ވިދާޅުވި އެވެ.
ކުރިން ފިނޭންސް މިނިސްޓަރުކަން ވެސް ކުރެއްވި މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޭންކެއްގައި ރިސޯޓެއް ހަދާނެ ކެޕޭސިޓީއެއް ނެތުމުން ބޭރުގެ ބޭންކް ތަކުން ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ސިންޑިކޭޓްކޮށްގެން ޓޫރިޒަމް ރިސޯޓް ހަދަ އެވެ.
"މިހެން ހެދީމަ ކޮންމެ ލޯނެއްގެ ކަވާއަޕް [ލޯނު ދައްކަން ޖެހޭ ފައިސާ] މި ހުންނަނީ ބޭރުގެ ބޭންކްތަކާއެކު ވިޔަފާރި ކުރަން މަޖުބޫރުވާ ގޮތަށް. އެކަމަކީ ކޮންމެހެން އެ ބޭފުޅުން ބޭނުންނުވާ ކަމަކަށްނުވިނަމަވެސް އެކަން ވާނީ އެހެން،" މުނައްވަރު ވިދާޅުވި އެވެ.
ކޮމެޓީގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް ވަނީ ރާއްޖޭގައި ޑޮލަރު ހިފައްޓަން އާ ގަވަރުނަރު އަޅުއްވަން ގަސްތު ކުރައްވާ ފިޔަވަޅުތަކާ ބެހޭ ގޮތުން ސުވާލު ކުރައްވާފަ އެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭނީ ބޭންކިން ނިޒާމުން ފޮރިން އިންވެސްޓްމަންޓް (އެފްޑީއައި) ތަކަށް އިންސެންޓިވް ދީގެން އެމީހުން ޝައުގުވެރި ކުރުވައިގެންނެވެ.
"ރާއްޖެއަކީ ޓޫރިޒަމަށް އިންވެސްޓްމަންޓަށް ބިނާވެފައިވާ ގައުމެއް. އަޅުގަނޑުމެން ގެންނަ ބަދަލެއް ގެންނަން ޖެހޭނީ ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކައިގެން. އިންޑަސްޓްރީއަށް ވެސް ގެއްލުނުވާނެ ގޮތަކަށް. އިންވެސްޓްމަންޓް އަންނާނެ ގޮތަކަށް. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ހަރުކަށި ގަވައިދުތަކެއް ހަދައިގެން އެކަން ކުރުމުގެ ބަދަލުގައި އިންސެންޓިވައިޒް އިންވެސްޓަރުންނަށް އިނާޔްތަކެއް ދީގެން. ޝައުގުވެރި ކުރުވުން،" ކޮމެޓީގައި މިއަދު ބޭއްވި އިންޓަވިއު ޕްރޮސެސްގައި މުނައްވަރު ވިދާޅުވި އެވެ.
"މިކަން އިސްލާހު ކުރެވޭނީ ބޭންކިން ނިޒާމު އިސްލާހު ކުރެވި ރާއްޖޭގައި ހުރި ބޭންކްތަކުން ލޯނުތަކެއް ދެވިގެން. އިތުރު ބޭންކުތަކެއް އައިސްގެން."
މި މައްސަލަތައް ހައްލު ކުރުމަށްޓަކައި މާކެޓް ޕްރޯ ސިޔާސަތު ތަކެއް ބޭނުން ކުރަން މި ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. މިސާލެއްގެ ގޮތުން މުނައްވަރު ފާހަގަ ކުރެއްވީ ޓޫރިޒަމް ކުރިއަރާފައިވާ ޖޯޖިއާ އެވެ.
"މިފަދަ ސިޔާސަތުތަކުގެ ސަބަބުން ވިޔަފާރިވެރިން އިންވެސްޓަރުން ރީއިން ވެސްޓް ކުރީމަ އިންސެންޓިވްތަކެއް ލިބޭ ގޮތަށް. މިފަދަ ނިޒާމުތަކެއް ދީގެން މި ފައިސާ ވައްދަން،" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭރު ފައިސާ ހިފަހައްޓަން ހަރުކަށި ގާނޫނުތަކެއް ހަދައިގެން "މުރަނަކޮށް" އެކަން ކުރަން އުޅެފިނަމަ ގާނޫނަކުން ރެކޭނެ ގޮތް ތަކެއް ހޯދާނެ އެވެ. އެހެންވެ ކުއްލިއަކަށް ނިޒާމު ފުށުން ޖަހާލުމުގެ ބަދަލުގައި ސްޓޭކް ހޯލްޑަރުންނާ ވާހަކަ ދައްކައިގެން ހިކުމަންތެރިކަމާއެކު މަސައްކަތްކޮށް ގާނޫނުތައް ތަންފީޒު ކުރުމާއި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމަކީ މި ވަގުތު އެންމެ މުހިންމު ކަންތައް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ބަލަންވީ އެހެންވީމަ އިންވެސްޓަރުން ގެނެވޭނީ ކިހިނެއް ތޯ. ބޭންކް ތަކަށް ހިދުމަތް ތަކެއް ދެވޭނަމަ ބޭންކުތަކުގައި ފައިސާ ބަހައްޓަން ބޭނުން ވާނެ. މިހާރުވާ ގޮތަކީ ބޭންކިން ނިޒާމުގައި ނެތް ރިސޯޓެއް ހަދާ ވަރަށް ފައިސާ ދެވޭނެ ބޭންކެއް ވެސް. ރަނގަޅު ރޭޓެއް ވެސް ނުދެވޭ. ވިޔަފާރިވީމަ އެ ބޭފުޅުން ވެސް ބަލާނެ ރަނގަޅު ރޭޓް ލިބޭ ބޭންކްއެއްގައި ފައިސާ ބަހައްޓަން،" މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ޑޮލަރުގެ މައްސަލަ ގޯހުން ގޯހަށް ދިޔަ ސަބަބަކީ މިދިޔަ ފަސް އަހަރު އަށް ބިލިއަން ރުފިޔާ ޗާޕުކޮށް އިގްތިސޯދުގެ ތެރޭގައި އެ ފައިސާ ހުރުމެވެ. ނަމަވެސް މިހާރު ފައިސާ ޗާޕު ނުކުރުމަކީ އެކަން ހައްލުވާން ފުރުސަތު ހުޅުވޭނެ ސަަބަބެކެވެ. ސަރުކާރުން އަންނަ މަހު އުފައްދަން މަސައްކަތް ކުރާ ޑިވްލޮޕްމަންޓް ބޭންކާ ބެހޭ ގޮތުން މުނައްވަރު ވިދާޅުވި ޑޮލަރުގެ މައްސަލަ އާއި ރާއްޖޭގައި ބޭރު ފައިސާ ހިފެހެއްޓުމަށްޓަކައި މޯލްޑިވްސް ޑިވްލޮޕްމަންޓް ބޭންކެއްގެ މުހިންމުކަން ބޮޑެވެ.