އެސްއެމްއީތަކަށް ބޭންކުތަކުން ލޯނު ދޫނުކުރާތީ މުނައްވަަރުގެ ކަންބޮޑުވުން

މަސްވެރިކަން ފަދަ މުހިއްމު ދާއިރާތަކުން ރާއްޖޭގެ ބޭންކުތަކުން ލޯނުތައް ނުލިބޭކަން ފާހަގަކުރައްވައި ކޮންޒަމްޕްޝަން ލޯނުތަކަކީ ގިނަ ފަހަރަަށް އަނބުރާ ނުދެއްކޭ ލޯނުތަކެއްކަމުގައި އޭނާ ވިދާޅުވި އެވެ.

ކުރީގެ ފިނޭންސް މިނިސްޓަރު އަދި އަލަށް ގަވަރުނަރު ކަމަށް ވަޑައިގަންނަވާ އަހުމަދު މުނައްވަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ބޭންކު އުފެއްދި ފަހުން ވިޔަފާރި ބޭންކުތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުން ހުއްޓާލާފައިވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރުކަމަށް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ހުށަހަޅުއްވާފައިވާ ކުރީ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ފާހަގަކުރައްވައިފި އެވެ. 

އެމްއެމްއޭގައި ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވައި، އަދި މި ސަރުކާރުގައި ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި މުނައްވަަރާ އިންޓަވިއުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން، މިއަދު ބޭއްވި ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުނައްވަރު ފާހަގަކުރެއްވި ގޮތުގައި ބޭންކުތަކުން ފަރުދުންގެ އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނުތަކުގެ އަަދަދު ފާއިތުވި ހަތް ވަރަކަށް އަހަރު ވަރަަށް ބޮޑަށް އިތުރުވެފައިވެ އެވެ. 

މުނައްވަރު ވިދާޅުވީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ފަރުދުންގެ އަމިއްލަ ބޭނުންތަަކަށް ބޭންކުތަކުން ދޫކުރާ ލޯނުތަކަކީ ބޭންކުތަކުގެ ލޯނުތަކުގެ ދެތިން ހަތަރު އިންސައްތަ ކަމަށެވެ. ނަމަވެސް ފާއިތުވި ހަތް ވަރަކަށް އަހަރު ތެރޭގައި އެ ނިސްބަތް 10 އިންސައްތައަށް އެ ލޯނުތައް އިތުރުވެފައިވާ ކަމަށެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ އެ ބޭފުޅުންނަށް ލޯނު ލިބެންޖެހޭ މިންގަނޑުތައް ހަރުދަނާކުރަންޖެހޭ ކަމުގައި. މިސާލަކަށް މިހާރު ވެދާނެ އެ ބޭފުޅުންނަށް ވަރަށް ފަސޭހައިން ލޯނު ލިބޭތީވެ ނަގާފައި ހަރަދުކޮށްލަނީ. ކޮންޒަމްޕްޝަން ޕާޕޯސްއަށް އެހައި ބައިވަރު ލޯނުތައް ދިއުމަކީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ކަންނޭނގޭ. ބޭންކުތަކުން ބޮޑަށް ލޯނު ދޭންޖެހެނީ ޕްރޮޑަކްޓިވް ކަންކަމަށް،" މުނައްވަރު ވިދާޅުވި އެވެ. 

މުނައްވަރު އިތުރަށް ފާހަގަކުރެއްވީ އެސްއެމްއީ ބޭންކު އުފެއްދި ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އާންމު ބޭންކުތަކުން ލޯނު ދިނުން މަދުވެފައިވާ ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ބޭންކުތަކުން އެއްގޮތަކަށްވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ނުދެއެވެ. 

އެއީ ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުތަކުން ލޯނު ދޫކުރާ އިންޓަރެސްޓު ރޭޓުތަކާއި، ލޯނު ދޫކުރާ ދާއިރާތަކާމެދު މަރުކަޒީ ބޭންކުގެ ހައިސިއްޔަތުން އެމްއެމްއޭއިން ބޭންކުތަކާއެކު މަޝްވަރާކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. 

މަސްވެރިކަން ފަދަ މުހިއްމު ދާއިރާތަކުން ރާއްޖޭގެ ބޭންކުތަކުން ލޯނުތައް ނުލިބޭކަން ފާހަގަކުރައްވައި ކޮންޒަމްޕްޝަން ލޯނުތަކަކީ ގިނަ ފަހަރަަށް އަނބުރާ ނުދެއްކޭ ލޯނުތަކެއްކަމުގައި އޭނާ ވިދާޅުވި އެވެ. އަދި މިހާރު އެފަދަ ލޯނުތައް ވަރަށް ފަސޭހައިން ލިބޭ ކަމަށާއި އެކަމާ ގުޅިގެން ބޭންކުތަކާ މަޝްވަރާކޮށް ހައްލުތަކެއް ހޯދަންޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.