ރާއްޖޭގެ އިކޯސިސްޓަމް އެޓްލަސް އެކުލަވާލަން ޖީއީއޯއެކު އެމްއޯޔޫއަށް

މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެއެވެ.

ޖީއީއޯ އާއި މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރުމަށްފަހު އެއްބަސްވުން ބަދަލު ކުރަނީ

ދިވެހިރާއްޖޭގެ އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލުމަށްޓަކައި ގްރޫޕް އޮފް އާރތް އޮބްޒަވޭޝަންސް (ޖީއީއޯ) އާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފި އެވެ. 

މި މަޝްރޫޢުގެ ނަމަކީ "ދަ ގްލޯބަލް އިކޯސިސްޓަމް އެޓްލަސް އެކްސެލެރޭޓަރ ފޮރ ދަ މޯލްޑިވްސް" އެވެ.

މި އެމްއޯޔޫގައި ސޮއިކުރުމާއެކު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިކޯސިސްޓަމް އެޓްލަސްއެއް އެކުލަވާލެވޭނެއެވެ. މި އެޓްލަސްގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތަކާ ގުޅޭ ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެއެވެ. އަދި ތިމާވެށި ރައްކާތެރިކުރުމުގެ ރޭވުންތަކަށާއި، ސަރުކާރުން ފަހަކަށްއައިސް އިޢުލާންކޮށްފައިވާ ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލުކުރުމަށްވެސް މި އެޓްލަސް މުހިންމު ދައުރެއް އަދާކުރާނެއެވެ.

ޤައުމީ ފެންވަރުގައި ގުދުރަތީ ޕާކުތަކާއި، ބަޔޯސްފިއާ ރިޒާވްތަކާއި އިކޯ ޓޫރިޒަމް ކުރިއެރުވުމަށް ކަނޑައަޅާފައިވާ އަމާޒުތަކުގެ އިތުރުން، ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވާސިޓީ ފްރޭމްވާކްގެ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ނޭޝަނަލް ބަޔޯޑައިވަރސިޓީ ސްޓްރެޓެޖީ އެންޑް އެކްޝަން ޕްލޭންގެ ދަށުން އިތުރު އަމާޒުތަކެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބަޔާންކޮށްފައިވެ އެވެ. 

މި އެޓްލަސްގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫޢުގެ ދަށުން އެކުލަވާލެވޭ އެޓްލަހުގައި ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ ބާވަތްތަކާއި އެ ސަރަހައްދުތަކުގެ މަޢުލޫމާތު އަދި ފަންނީ ލިޔެކިޔުންތައް ހިމެނޭނެކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. މި މަޝްރޫޢު ކުރިއަށްގެންދާނީ ޔޫ.އެސް.އޭ.އައި.ޑީގެ އެހީގައި ރީޖެނެރޭޓް ޕްރޮޖެކްޓްގެ ދަށުން އައި.ޔޫ.ސީ.އެން އާއި ގުޅިގެން ކުރިން ދެނެގަނެފައިވާ ރާއްޖޭގެ ތިމާވެށީގެ ވައްޓަފާޅިތަކުގެ މައްޗަށް ބިނާކޮށެވެ.

މިނިސްޓްރީން ވިދާޅުވީ ގޮނޑުދޮށާއި ކަނޑުގެ ވެށްޓަށް ބަރޯސާވާ މިންވަރު ބޮޑު ޤައުމަކަށްވާތީ، މިފަދަ އެޓްލަހެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށެވެ. އަދި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާއި، މުހިންމު ސަރަހައްދުތައް ހިމާޔަތްކޮށް ބެލެހެއްޓުމާއި، ގެއްލުން ލިބިފައިވާ ސަރަހައްދުތައް އާރާސްތުކުރުމަށް މި އެޓްލަސް އެހީތެރިވެދޭނެކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ޕައިލެޓް ޤައުމެއްގެ ގޮތުގައި ރާއްޖެ ހޮވި ކަމަށްޓަކައި ޖީ.އީ.އޯ އަށް މިނިސްޓަރޝުކުރު އަދާކުރެއްވިއެވެ. އަދި މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ޖީ.އީ.އޯ އާއެކު ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.