އެސްޑީއެފް ބިލިއަނަކަށް | ޑޮލަރު ޖަމާ ބޭންކިން ސިސްޓަމުން އިތުރު ކުރެވޭނެ

ވެހޭއިރު ފެންނަގާ ފަންޑުގައި ޑޮލަރުން ނަގުދު ފައިސާއިން މިހާރު 65 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާ އެބަހުއްޓެވެ. އަދި ފަންޑުގެ ޖުމްލަ ސައިޒު އަށް ބިލިއަން ރުފިޔާއަށްވުރެ ވަނީ ބޮޑުވެފަ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. ޝަފީގު ވާހަކަ ދައްކަވަނީ

ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް ނުވަތަ އެސްޑީއެފްއަކީ ފެވޭއިރު ފެންނަގާ ފަންޑެވެ. އާމްދަނީ ލިބޭ ދުވަހު ފަހަށް ރައްކާ ކުރާ ފަންޑެވެ. މި ފަންޑު 2017 ވަނަ އަހަރު ވުޖޫދުކުރީ ލޯނު ދެއްކުމުގެ ގާބިލްކަން އިތުރު ކުރާށެވެ. ފަހަށް ރައްކާކޮށް ގައުމުގެ މިނިވަންކަން ޔަގީންކުރާށެވެ. ބޮޑެތި މަޝްރޫއުތައް ހިންގަން ލޯނު ނަގަމުންދާއިރު ބޭރުގެ "ދަރަނި މަޅި" ން ސަލާމަތްވާނެ ކަމުގެ ޔަގީންކަން ހޯދާށެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ނމިގެން ދިޔައިރު ފަންޑުގައި ހަތް ބިލިއަން ރުފިޔާ ހުރިކަމަށް ދެއްކިނަމަވެސް މުޅިފަންޑު އޮތީ ޓީބިލް ވިއްކައި ހުސްކޮށްފަ އެވެ. ފަންޑުގައި މިވެނިވަރެއް ހުންނާނެއޭ ބުންޏަސް އެ ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ވެސް ހުރީ ދިގު މުއްދަތުން ނޫނީ އަނބުރާ ނުލިބޭ އިންވެސްޓްމަންޓުތައް ކޮށްފަ އެވެ. މާނައަކީ އެ ފަންޑުގައި ހުރި ފައިސާއަކީ ލޯނެއް ދައްކަން ޖެހޭ ހާލަތެއްގައި ވެސް އަތްލެވޭ ގޮތަކަށް ހުރި އެއްޗެއް ނޫނެވެ. އަދި ނުވިތާކަށް މަޖިލީހުގެ ފުލް މެޖޯރިޓީ އޮތްނަމަވެސް ފަންޑަށް ގާނޫނީ ބާރުވެރިކަން ދޭކަށް އޭރުގެ ސަރުކާރަކުން ނުވިސްނި އެވެ. ސަބަބަކީ އެ ބާރުވެރިކަން ދީފިނަމަ އޭރުގެ ފިނޭންސް މިނިސްޓަރަށް ބޭނުން ވަގުތެއްގައި އޭގައި ހުރި ފައިސާގައި އަތް ނުލެވުމެވެ. ނަތީޖާއަކީ ފަންޑުގައި ނަގުދު ފައިސާ އިން ޑޮލަރުގެ ގޮތުގައި ހުރި އަދަދު ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ގައި ހުރުމެވެ. ނަމަވެސް މިހާރު ޖަމާކުރަން ފެށުމުން ފަންޑު 65 މިލިއަން ޑޮލަރު ނުވަތަ އެއް ބިލިއަން ރުފިޔާއަށް އިތުރު ވެގެން ދިޔަތަން މިވަނީ ފެނިފަ އެވެ. މިހާރު ކުރަން ޖެހޭ ކަމަކީ މި ފަންޑު އަވަހަށް ބޮޑުވާނެ ގޮތްތަކެއް ވިސްނުމެވެ. އެގޮތް ތަނަކީ ކޮބައި ހެއްޔެވެ؟ 

ފިނޭންސް މިނސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި ސަރުކާރުގެ އުންމީދަކީ މި އަހަރު މި ފަންޑު 100 މިލިއަން ޑޮލަރަށް މަތިކުރުމެވެ. އަދި ފަންޑު އަވަހަށް ގްރޯކޮށް ބޮޑުކަމެއް ކުރިމަތިވާން ވާއިރަށް އެކަމަށް ތައްޔާރު ވެގެން ތިބުމެވެ.

"އެ މަގުސަދުގައި އެސްޑީއެފް ގާނޫނު މަޖިލީހަށް ފޮނުވީވެސް. މިނިސްޓަރަށް ހަމަ ބޭނުންވާ ވަގުތެއްގައި އޭގައި ހުރި ޑޮލަރު ނަގާ މާރު ނުކުރެވޭނެ ގޮތެއް ހެދުމަށް،" ޝަފީގު ވިދާޅުވި އެވެ.

މި ފަންޑު މިހާރު އޮތް ސައިޒުން ޑޮލަރުގެ ޖަމާ މިވަގުތު އިތުރު ކުރެވެނެ އެއް ގޮތަކީ ފަންޑުން ބައެއް ބީއެމްއެލްގެ ފިކްސްޑް ޑިޕޮސިޓުގައި އިންވެސްޓް ކުރުމެވެ. މި ވިސްނުން ފުޅަށް ފިނޭންސް މިނިސްޓަރު ޝަފީގުވެސް ތާއީދު ކުރައްވަ އެވެ. އަދި މިކަމަކީ ގާނޫނަށް މިހާރު ގެންނަ ބަދަލުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ. މިގޮތަށް ފިކްސްޑް ޑިޕޮސިޓެއްގެ ތެރެއަށް މި ފަންޑުން ވަކި ޕަސެންޓެއް ލެވިދާނެ އެވެ. މިއީ ވަރަށް ކުރު މުއްދަތުން ފައިދާ ލިބޭނެ އިންވެސްޓްމަންޓަކަށް ވާނެ އެވެ.

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ބޭރުގެ އިތްޒަތްތެރިޔަކާއެކު

އެސްޑީއެފް ފަންޑުން ފަހަރު 20 މިލިއަން ރުފިޔާ ބީއެމްއެލް ފިކްސްޑް ޑިޕޮސިޓުގައި މިވަގުތު އިންވެސްޓްކުރިނަމަވެސް 2 ޕަސެންޓާ ކައިރިކުރާ މިންވަރެއްގެ ފައިދާއެއް ލިބޭނެ އެވެ. އޭރުން އަހަރަކަށް ބެލިނަމަވެސް 20،000 ޑޮލަރު ފަންޑަށް އިތުރުވަމުންދާނެ އެވެ.

ޑރ. ޝަފީގު ވިދާޅުވި ގޮތުގައި މިގޮތަށް ބޭންކިން ސިސްޓަމްގެ ތެރެއަށް ޑޮލަރު އިންވެސްޓް ކުރުމުން ލިބޭނެ އަނެއް ފައިދާއަކީ ބޭންކްއަށް ޑޮލަރު ލިބުން އިތުރުވުމެވެ.

"މިއީ އަޅުގަނޑުމެންގެ ވިސްނުމެއް. އެކަމަކު މިކަން ކުރާނީ ގާނޫނީ އިމުގެ ތެރޭން. މިއީ ފަންޑު ގްރޯވާނެކަމެއް،" ޝަފީގު ވިދާޅުވި އެވެ.

މި ބަދަލު ގެނެސްފިނަމަ ބޭންކިން ނިޒާމަށް ކުރިމަތިވެފައިވާ ޑޮލަރުގެ މައްސަލައަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދާނެ އެވެ. 

އެސްޑީއެފް ފަންޑު އިތުރު ކުރަން ސަރުކާރުން އިތުރު ކަންކަން ކުރަން ވަނީ ނިންމާފަ އެވެ. މިގޮތުން މިހާރު ހަމައެކަނި އެއާޕޯޓް ޑިވްލޮޕްމަންޓް ފީއިން ފަންޑަށް ޖަމާވިނަމަވެސް ކުރިއަށް އޮތްތަނުގައި ކްރޮސް ސަބްސިޑީންގެ ބައެއްވެސް މި ފަންޑަށް ޖަމާ ކުރާނެ އެވެ. ކްރޮސް ސަބްސިޑީއަށް ކްރޮސް ސަބްސިޑީ އަށް ބިން ދޫކުރުމުގެ ކުރިން އިންވެސްޓަރު ދޭންޖެހޭ ފައިސާގެ އަދަދު މައްޗަށް ޖެއްސުމުގެ އެއް މަގުސަދަކީ ވެސް މި އެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު މިހާރު ގެނައި އިސްލާހުގެ ދަށުން ރަށް ނުވަތަ ފަޅުގެ ޖުމްލަ އަގު ދިހަ މިލިއަން ރުފިޔާ އަށް ވުރެ މަތިވާނަމަ އެ އަގުގެ 50 އިންސައްތަ ރަށް / ފަޅު ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދައްކަންޖެހޭނެ އެވެ.

މީގައި ދެރަ ކަމަކީ މި ފަންޑަށް ބަރާބަހަށް ފައިސާ ޖަމާ ކުރަމުން މިހާތަނަށް ނުދިއުމެވެ. އެކަން ގަވަނަރު އަލީ ހާޝިމްވެސް ކުރިން ފާހަގަ ކުރެއްވި އެވެ. ރައީސް ސޯލިހުގެ ސަރުކާރުން މި ފަންޑަށް ފައިސާ ޖަމާ ނުކުރާތީ މާލިއްޔަތު ކޮމެޓީގައި ހާޝިމް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. 

މި ފަންޑު އުފެއްދީ ލޯނުތައް ޑީފޯލްޑް ވިޔަ ނުދިމަށާއި ސަރުކާރުން ލޯނުގެ ސަބަބުން އަންނަ ހާސްކޮށް ނައްތާލުމަށެވެ. މި ފަންޑު 2027 ގައި އުފެއްދި ގޮތަށް ފައިސާ ޖަމާ ކުރިނަމަވެސް 2026 ގައި ދައްކަން ޖެހޭ 9 ބިލިއަން ރުފިޔާގެ ލޯނު ދައްކައި ބާކީވާހާ ފައިސާ މިހާރު ހުންނާނެ އެވެ.

ޓޫރިސްޓުންތަކެއް ޗުއްޓީ ހޭދަ ކުރަން ރާއްޖޭގައި -- މިރާ

އެސްޑީއެފަށް ގާނޫނީ ގޮތުން ރައްކާތެރިކަން ދޭން ބިލެއް މިދިޔަ ދައުރުގައި ވެސް މަޖިލީހަށް ސަރުކާރުން ފޮނުވި އެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެ ބިލް ބޭރު ކޮށްލީ އެވެ. އެސްޑީއެފް ފަންޑުގެ ބިލްގައިވާ ގޮތުން މި ފަންޑު އުފައްދަނީ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އަންނަ އޮތް ޖީލުތަކަށް ފޯރު ކޮށް ދިނުމަށެވެ. މި ފަންޑު ބަލަހައްޓާނީ އެމްއެމްއޭއިންނެވެ. އެ ފަންޑު ބޭނުން ކުރެވޭނެ ކަންކަމާއި ފަންޑު ހިންގައި މެނޭޖު ކުރުމުގައި ބަލަހައްޓާނެ ކަންކަން ބިލްގައި ބަޔާން ކޮށްފައި ވެ އެވެ. އެ ފަންޑުގެ ކަންކަން ބެލެހެއްޓުމަށް ގަވަނިން ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސެވެ. ކައުންސިލްގެ ރިޔާސަތު ބަހަލައްޓަވާނީ ފިނޭންސް މިނިސްޓަރެވެ. ދޭންޖެހޭ އުޖޫރަ ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ.

ގާނޫނު ފާސް ވުމުން ޖަމާ އިތުރުވާނެ

  •  އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ލިބޭ ފައިސާ
  •  ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީގެ 10 ޕަސެންޓް
  •  ސޮވަރިން ގެރެންޓީ ފީ
  •  ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާ ކުރަން ރައީސް ކަނޑައަޅާ ފައިސާ

މި ފަންޑަކީ ގައުމުގެ މުސްތަގުބަލާ ގުޅުންހުރި ފަންޑެކެވެ. އެހެންވެ މި އަށް ފައިސާ ޖަމާ ކުރުން އިތުރު ކުރަން ޖެހެ އެވެ. ކޮންމެ ފަހަރު ލޯނެއް ކައިރިވުމުން ގައުމުތަކުގެ ފައިބުޑަށް ވެއްޓި ލޯނު ރޯލްއައުޓް ކުރަން އެދުން މިއީ ހައްލެއް ނޫނެވެ. ގައުމެއް ވިއްޔާ އަމިއްލަވަންތަކަމެއްވެސް ހުންނަން ޖެހެ އެވެ. ލޯނު ފަސްކޮށް ދިނުމަކީ އެ ލޯނު ދައްކަން ނުޖެހުމެއް ނޫނެވެ. އެ ލޯނު ދައްކަން ޖެހެ އެވެ. އަދި ލޯނެއް ފަސްކޮށްދޭ ކޮންމެ ފަހަރަކު ޑިމާންޑު ތަކެއް ވެސް އަންނާނެ އެވެ. އެހެންވެ މި ފަންޑު ބޮޑުކޮށް އޮވެއްޖެނަމަ ލޯނު ދައްކަން އިތުރުވިސްނުމަކަށް ދާކަން ނުޖެހޭނެ އެވެ. ނުރައްކާ ވަގުތު ބޭނުން ކުރެވޭނެ އެވެ. 

ކޮމެންޓް

1
450
އިގުތިސޯދުބެ
1 month ago

އެސްޑީއެފް ފަންޑް ބީއެމްއެލްގެ ފިކްސްޑް ޑިޕޮޒިޓަށް ލާފައި ވަލު ދޮރާށިން ބީއެމްއެލް ލައްވާ ޓީބިލަށް އިންވެސްޓް ކުރުމުން ނުވަތަ އެމްއޭސީއެލްއަށް އެ ފައިސާ ލެންޑްކުރުމަށްފަހު އެމްއޭސީއެލް ލައްވާ އިންވެސްޓްކުރުމުން، ރިސްކު އޮޅުވާލައިގެން މި ކުރެވެނީ އެއްކަމެއް ނޫންތަ؟ އެސްޑީއެފް ގައި އަތް ނުލައި ނުވާނެތަ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.