އެމްއެމްޕީއާރުސީގެ އެމްޑީ ޝިއުރީ ވިދާޅުވި ގޮތުގައި ރަޝިއާ އާއި އެމެރިކާ މާކެޓަށް ފޯކަސް ކުރާނެ އެވެ. އަދި ރާއްޖޭން ބޭރުގައި ހުރި މިޝަންތައް މާކެޓިން ހަރަކާތްތަކުގައި ބައިވެރިކުރުމުގެ މަސައްކަތް ކުރާނެ އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ މާކެޓިން މަސައްކަތްތައް ޓޫރިޒަމް ސިނާއަތުގެ ހިޔާލު ހޯދައިގެން ޕްލޭނެއް ތައްޔާރު ކުރުމާއި މާކެޓިން ހަރަކާތްތަކުގައި ރާއްޖޭގެ ބޭރުގައި ހުރި މިޝަންތަކުގެ ބޭނުން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން އެމްޑީ ޝިއުރީ ވިދާޅުވި ގޮތުގައި އިންޑަސްޓްރީގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. އެ ކަންބޮޑުވުންތައް ސާފުކޮށް އެ ފަރާތްތަކުގެ ހިޔާލާއި ކަންބޮޑުވުންތައް ސާފު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"ބައިވަރު ކްރިޓިޒަންސްތައް އެބަހުރި. އެހެންވެ ސްޓޭކް ހޯލްޑަރުންނާއި އެންޖީއޯސްތަކާ ބައްދަލުކޮށް އެ ބޭފުޅުންގެ ހުރި ކްރިޓިޒަންސްތައް އަޑުއެހުމުގެ ގޮތުން ކުއެސްޓަނާއެއްވެސް ތައްޔާރުކޮށް ހުރިހާ ސްޓޭކް ހޯލްޑާސް އަށް ވާނީ އެ ފޮނުވާފަ. އޭގައި ހުންނާނެ ގޯސްކޮށް ކުރެވެނީ ކޮންކަމެއް ތޯ؟ ރަނގަޅު ކުރަން ޖެހެނީ ކޮން ކަމެއް ތޯ؟ އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އަޅުގަނޑުމެން ދެން އިތުރަށް ނަގަންވީ ކޮން ފިޔަވަޅުތަކެއް ތޯ؟ ކައުންސިލްތައް ވެސް ބައިވެރިކުރިން މިކަމުގައި މިހާރު ޑޭޓާތައް ކަލެކްޓްކޮށްފިން،" ޝިއުރީ ވިދާޅުވި އެވެ.
"އެ ހިޔާލުތަކުގެ މައްޗަށް ކޮންމެވެސް ވަރެއްގެ ޕްލޭނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ފަށައިފިން،"
ޝިއުރީ ވިދާޅުވީ އެމްޑީގެ މަގާމަށް އައުމަށްފަހު މުޅި ޓީމަށް ދިން ލަފާދީފައިވާނީ އިންޑަސްޓްރީގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އަޑު އެހުމުގެ ހިތްވަރު ޓީމުގައި ހުރުން ވަރަށް މުހިންމު ކަމަށެވެ.
"ކަންކަން ރަނގަޅު ކުރެވޭނީ އޭރުން. ސްޓޭޓް ހޯލްޑާރުންނާއި ހާއްސަކޮށް މަޓީއާއެކު ވެސް މިވަނީ ސޮއިކޮށްފަ. ގެސްޓްހައުސް އެސޯސިއޭޝަންއާއެކުވެސް އެމްއޯޔޫއެއް ހަދާނަން. މިހާރު ހުރީ އެންމެންގެ އަޑު އަހައިގެން ކުރިއަށް ދިއުމުގެ ވިސްނުން،" ޝިއުރީ ވިދާޅުވި އެވެ.
ޝިއުރީ ވިދާޅުވީ ޓޫރިޒަމް މާކެޓު މިހާރު ކުރާ ގޮތާ ހިލާފަށް އާ ހިޔާލުތަކާއެކު މާކެޓިން ހަރަކާތްތައް ހިންގުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭން ބޭރުގައި ހުރި އެމްބަސީ ތަކާއި އެމްބެސެޑަރުންނާ ބައްދަލުކުރަމުންދާ ކަމަށެވެ. އަދި ބޭރުގެ މިޝަންތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ރާއްޖެ މާކެޓު ކުރުމުގެ ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ.
ހާއްސަކޮށް ޓޫރިޒަމް އޮފް ސީޒަންއާ ދިމާކޮށް މާކެޓިންގެ އިތުރު ހަރަކާތްތަކެއް ހިންގަން ރާއްޖޭގައި ހުރި ބޭރުގެ މިޝަންއާއެކު މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީ ވިދާޅުވި އެވެ. މިގޮތުން އޮފް ސީޒަންގައި މިޝަންތައް މެދުވެރިކޮށް ބޭރުގެ ކޮލެޖްތަކާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމުގެ ވިސްނުން އެބަހުރި ކަމަށް ޝިއުރީ ވިދާޅުވި އެވެ.
އެމްޑީ ޝިއުރީ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީގެ މަސައްކަތުން ކުރިއެރުން ތަކެއް މިހާރުވެސް ލިބެމުންދެ އެވެ. އަދި ރަޝިއާ އާއި އެމެރިކާ މާކެޓަށް ފޯކަސް ކުރުމަކީ ކުރާނެ ކަމެއް ކަމަށް ޝިއުރީ ވިދާޅުވި އެވެ.
"މި އަހަރު އެއް މިލިއަން ހަމަމިވީ އެހެން އަހަރުތަކަށްވުރެ ދެ ހަފުތާކުރިން. މިއީ ފާހަގަކުރަން ޖެހޭކަމެއް. މިހާރު ޓޮޕްޓެންގައި އެބައޮތް ޕޮލެންޑް އަރާފަ. މިއީ އަލަށްވީކަމެއް. އަނެއް ސަޕްލައިޒިން މާކެޓެއް ބަންގްލަދޭޝްއަކީ. އާއްމުކޮށް 3،000 މި އޮންނަނީ. އެކަމަކު މިދިޔަ އަހަރު 22،000 މީހުން އައި. އެހެންވެ ގެސްޓްހައުސް އެސޯސިއޭޝަންއާ ގުޅިގެން އެބަ މާކެޓިން ހަރަކާތްތަކެއް ހިންގަން،" ޝިއުރީ ވިދާޅުވި އެވެ.