ނުލިބި ހުރި 13 ބިލިއަން ރުފިޔާ ހޯދަން ފަށައިފި، ފައިސާ އެބަ ލިބޭ

ރައީސް ޑރ. މުއިއްޒު ވިދާޅުވި ގޮތުގައި މި ފައިސާ ހޯދަން ސިޓީ ފޮނުވުމާއެކު ބައެއް ފަރާތްތަކުން ވަނީ ފައިސާ ދައްކަން ފަށާފަ އެވެ.

ރާއްޖޭގެ ރިސޯޓެއް : ނުލިބި ހުރި ފައިސާގެ ބޮޑު ބަޔަކީ ޓޫރިޒަމް ދާއިރާއިން ލިބެން ޖެހޭ ފައިސާ

ދައުލަތަށް ނުލިބި 13 ބިލިއަން ރުފިޔާ އެބަހުރި ކަމަށާ، އެ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

މިނިވަން ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޑރ، މުއިއްޒު ވިދާޅުވީ ދައުލަތަށް ނުލިބި ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށާ، އެހެން ސަރުކާރުތަކުން އެ ފައިސާ ހޯދުމުގެ މަސައްކަތުގައި އަތްލަން ނުކެރުނު ނަމަވެސް މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ. 

ރައީސް ވިދާޅުވި ގޮތުގައި ލޭންޑްރެންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) އަދި ޓީޖީއެސްޓީގެ ގޮތުގައި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިތުރުން ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.

އަދި ވިދާޅުވީ މި ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާ މި ފައިސާ ހޯދަން ސިޓީ ފޮނުވުމާއެކު ބައެއް ފަރާތް ތަކުން ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ.

"ބެލެނީ ގިނަ ބަޔަކު ފައިސާ ދައްކާނެ ކަމަށް. މިއީ ކުދި ވިޔަފާރިތަކެއް ނޫން ބޮޑެތި ވިޔަފާރިތައް. ގިނަ ވިޔަފާރިވެރިން ދައްކާނެ. ބާކީ ހުރިބައި ޑިސްޕިއުޓްގެ ތެރޭން ދައްކާނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ފައިސާގެ ތެރޭން ދެބައިކުޅަ އެއްބައި ލިބޭނެ ކަމަށް އުންމީދު އެބައޮތް ކަމަށެވެ.

"މި ފައިސާ އެކަނި ލިބުނު ނަމަވެސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ. ބޭނުންވަނީ ނިޒާމުގެ ތެރޭން މިކަން ކުރަން. މިކަން ކޮށްގެން ނޫނީ އަދުލުވެރިކަން ގާއިމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.