"މިކަމުގައި މަނިކުފާނުގެ ދުއާފުޅުގައި އަޅުގަނޑުމެން ހުރިހާ ރައްޔިތުން، ހުރިހާ ދިވެހިން ބައިވެރިވަން. ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންނަށް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާށި،" މިނިސްޓަރު ވިދާޅުވި އެވެ.
ދުނިޔޭގެ އެއްވެސް ކަންކޮޅެއްގައި ހިނގާ އަނިޔާ އާއި ނާއިންސާފުގެ އަމަލުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް އިރެއްގައި ތާއީދު ނުކުރައްވާ ކަމަށް ބަހާ ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީރު ފާހަގަކުރެއްވީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ޔަހޫދީން ދެމުން ގެންދާ އަނިޔާތަކުގެ ވާހަކަ އެވެ.
އަނިޔާއާ ނާއިންސާފަށް ރައީސް ތާއީދު ނުކުރައްވާ ކަމުގެ އެންމެ އަލިގަދަ ހެއްކަކީ، ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނާމެދު ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މިކަމުގައި މަނިކުފާނުގެ ދުއާފުޅުގައި އަޅުގަނޑުމެން ހުރިހާ ރައްޔިތުން، ހުރިހާ ދިވެހިން ބައިވެރިވަން. ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންނަށް ނަސްރާ ކާމިޔާބު މިންވަރު ކުރައްވާށި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ދެން ފާހަގަކުރައްވާފައި ވަނީ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާ އޮންނަ، ގައުމީ ދިފާއީ ބާރުގެ މަސައްކަތަކަށް ކަމެވެ. އެ މަސައްކަތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި އިސް މަސްއޫލުވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ ޝުކުރު ދެންނެވި އެވެ.
އޭގެ އިތުރުން ރައީސް އޮފީހުގެ ކަމާ ބެހޭ އެކި އިދާރާތަކުން ދޭ އެހީތެރިކަމަށް ވެސް ޝުކުރު ދެންނެވި އެވެ. އަދި، މިނިވަން ދުވަހުގެ ރަސްމިއްޔާތުތައް ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ބާރުއަޅުއްވާ ރައީސް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ އެމަނިކުފާނަށް ވެސް ޝުކުރު ދެންނެވި އެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުން ގެންދާ އަނިޔާތަކުގެ ވާހަކަ މިނިސްޓަރު ފާހަގަކުރެއްވިއިރު، ރާއްޖޭގައި އިޒްރޭލު ޕާސްޕޯޓް މަނާކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. އެކަމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖޭން އަބަދުވެސް ވަކާލާތުކޮށް މަސައްކަތް ކުރާނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ރައީސް ވަނީ ވިދާޅުވެފަ އެވެ.