ދަރަނި ދެއްކުން ފަސް އަހަރަށް ފަސްކޮށްދޭން ޗައިނާއާ ޔޫއޭއީން ފެހި ސިގްލަން ލިބިއްޖެ: ރައީސް

ޗައިނާގެ އެގްޒިން ބެންކުން ނަގާފައިވާ ކުރިއަށް ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލޯނާއި އިންޓްރެސްޓް ދެއްކުން ފަސްކޮށް ދިނުމަށް ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިރޭގެ ޖަލްސާއަށް ވަޑައިގެންނެވުން

ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާއާ ޔޫއޭއީ އިން ނަގާފައިވާ ލޯނުތައް ފަސް އަހަރުގެ މުއްދަތަށް ފަސްކޮށްދޭން އެ ދެގައުމުން ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ރަސްމިީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަށް މަސް ދުވަސް ނިމިގެންދިޔަ އިރު އެ ދެ ގައުމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ހާއްސަކޮށް ދަރަނި ދެއްކުމުގައި ވަރަށް ބޮޑު އެހީތެރިކަމެއް ޗައިނާއާ އިންޑިއާ އިން ދެއްވަމުން ގެންދާ ކަމަށް ވިދާޅުވި އެވެ. އެ ގޮތުން އިންޑިއާއަށް ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ކާބޯތަކެތީގެ ކޯޓާ ދެ އަހަރަށް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ޗައިނާގެ އެގްޒިން ބެންކުން ނަގާފައިވާ ކުރިއަށް ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ލޯނާއި އިންޓްރެސްޓް ދެއްކުން ފަސްކޮށް ދިނުމަށް ނިންމާނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ފަންނީ މަސައްކަތް މިވަގުތު ހިނގަމުންދާ ކަމަށް ވިދާޅުވި އެވެ.

އަދި ޔުނައިޑެޓް އަރަބް އެމިރެޓްސް އިން ވެސް އެ އެހީތެރިކަން ލިބޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

"ޔޫއޭއީގެ ސަރުކާރު ވެސް ވަރަށް ހެޔޮފުޅު. އެ ގައުމަށް ދައްކަން އޮތް ލޯނު ވެސް ފަސްކޮށްދޭން އެ ގައުމުގެ ފެހި ސިގްނަލް ވަނީ ލިބިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ލުޔާއެެކު ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިގްތިސާދު މެނޭޖުކޮށް ދިވެހީން އެދޭފަދަ އިގްތިސާދު ދުޅަހެޔޮ ގައުމަކަށް ރާއްޖެ ބަދަލުކުރެވޭނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މި ލުއިތަކުގެ އިތުރުން މިދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ދަރަނި ދެއްކުމަށް މި ސަރުކާރުން 3.8 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެއްވެސް ލޯނެއް ޑީފޯލްޓެއް ނުވާ ކަމަށެވެ. އިގްތިސާދު ދުޅަހެޔޮ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.