މި މައްސަަލަ އަނބުރާ ނަގަން ވެސް ޕޮލިސް ބޯޑުން ވަނީ އެދިފަ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން ވެސް މި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން އެދިފައެއް ނުވެ އެވެ.
ޕޮލިސް ބޯޑުން ދީފައިވާ ލަފަޔާ އެއްގޮތަށް ފުލުހުންގެ ހިދުމަތުން ވަކިކުރެއްވި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދުގެ މައްސަލަ އަނބުރާ ގެންނަން ނިންމާފައިނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަށް ހައިކޯޓްގައި އޮތް މައްސަލަ އަނބުރާ ނެގުމަށް އެ ދެ ބޭފުޅުންގެ ފަރާތުން ގާނޫނީ ވަކީލު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހަށް ސިޓީވެސް ފޮނުވި އެވެ. އެނގިފައިވާ ގޮތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް އެ މައްސަލާ ގައި އެ ބޭފުޅުންނާއި ގާނޫނީ ވަކީލާ ވެސް ބައްދަލު ކޮށްފަ އެވެ.
ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން މިހާރު ވަނީ އެކަމަށް އެދި އެ ބޭފުޅުން ފޮނުވި ސިޓީއަށް ޖަވާބު ދީފަ އެވެ. ބުނެފައި ވަނީ މި މައްސަލާގައި ދައުލަތުގެ ފަރާތުން އިސްތިއުނާދީ މަރުހަލާ ގައި ގޮތެއް ކަނޑައަޅަން ބޭނުންވާ މުހިންމު ގާނޫނީ ނުކުތާތަކެއް ހައިކޯޓަށް ހުށައަޅާފައިވާ ކަމަށާ މި މައްސަލާ ގައި ހުށައަޅާފައިވާ ކަންކަމާ ގުޅޭ ގޮތުން ހައިކޯޓުން ގޮތެއް ކަނޑައެޅުން މުހިންމު ކަމަށެވެ.
އެހެން ކަމުން އެ މައްސަލާ ގައި ވީ އެންމެ އަވަހަށް ގޮތެއް ކަނޑައަޅައި ދިނުމަކީ މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް ވެސް އެންމެ މަސްލަހަތު އޮތްް ގޮތް ކަމަށް ފެންނާނީ އަޑުއެހުންތައް އަވަސްކޮށްދޭން އެ އޮފީހުން ހައިކޯޓްގައި އެދޭނެ ކަމަށެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އެހެން ބުނި ނަމަވެސް މި މައްސަލާގައި މިދިޔަ ދެ އަހަރުތެރޭ ބޭއްވިފައިވަނީ އެންމެ އަޑުއެހުމެކެވެ.
ޓޫފޯއާ ޖަމްޝީދުގެ ފަރާތުން ވަނީ މައްސަލަ އަނބުރާ ނަގަން އެދޭ ވަރަށް ގިނަ ސަބަބުތައް އޭޖީއަށް ފޮނުވި ސިޓީގައި ހިމަނާފަ އެވެ. އެ ގޮތުން މުޅި މައްސަލައިގެ ހާލަތު މިހާރު ބަދަލުވެފައި ވުމާއި ޕޮލިސް ބޯޑުން ކަނޑާލަން ނިންމި އޮފިސަރުންނާއިމެދު ތަފާތުކޮށް ކަންކަން ކޮށްފައި ވުމާއި ވަކިކުރަން ނިންމި އެއް އޮފިސަރަކަށް އޭގެ ފަހުން ފުލުހުންނަށް ދެވޭ ދެވަނަ އަށް އެންމެ ޝަރަފުވެރި މެޑަލް ދީފައިވުމާއި އެއް އޮފިސަރަކަށް ޝަރަފުވެރިކަމާ އެކު މަގާމުން ވަކިވުމުގެ ފުރުސަތު ދިނުމާއި ދެ އޮފިސަރަކަށް މަގާމުގެ ކުރިއެރުން ދިނުން ހިމެނެ އެވެ.
މި ދެ ބޭފުޅުންގެ މައްސަލަ ޕޮލިސް ބޯޑުން ބަލަން ފެށީ އޭސީސީން އެ ބޭފުޅުންގެ މައްސަލަތަކެއް ބަލާ ކަމަށް ބުނުމަށް ފަހު ނަމަވެސް އޭސީސީން ވަނީ އެެ ބޭފުޅުންގެ އެއްވެސް މައްސަލައެއް އެއްވެސް އިރަކު އެ ކޮމިޝަނުން ނުބަލާ ކަމާއި އެފަދަ މައުލޫމާތެއް ވެސް އެއްވެސް އިދާރާއަކަށް ހިއްސާ ކޮށްފައި ނުވާ ކަން އަންގާފަ އެވެ.
މީގެ އިތުރުން މި ބޭފުޅުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާ އަދި އެކަމަށް އަމަލު ކޮށްފައި ވަނީ މައުލޫއީ އެއްވެސް އަދުލުވެރި ކަމެއް ނެތި އެވެ.
އަނެއްކޮޅުން މި މައްސަލާ ގައި ދައުލަތުން އަމަލުކުރަން ނިންމާފައި ވަނީ ވެސް ދައުލަތުން އާންމުކޮށް / އެއްވެސް ތަފާތެއް ނެތި އަމަލު ކުރަމުންދާ އުސޫލާއި ހިލާފަށެވެ. ދާދި ފަހުން ވެސް ސިޔާސީ ދެ ބޭފުޅެއްގެ މައްޗަށް ކޯޓްތަކުގައި އޮތް މިފަދަ ދެތީން މައްސަލަ އެއް ދައުލަތުން ވަނީ އަނބުރާ ނަގާފަ އެވެ.
އަދި މި މައްސަަލަ އަނބުރާ ނަގަން ވެސް ޕޮލިސް ބޯޑުން ވަނީ އެދިފަ އެވެ. އަދި ދިވެހި ފުލުހުންގެ ހިދުމަތުން ވެސް މި މައްސަލަ ހައިކޯޓްގައި އިސްތިއުނާފު ކުރަން އެދިފައެއް ނުވެ އެވެ.