މަހްމޫދުގެ ގާތިލް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

ތިން ފަނޑިޔާރުން ބައްލަވާ ނިންމެވި މައްސަލާ ގައި ބުނެފައި ވަނީ ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޝާ އޮލަމް މިއާ: މަރުގެ ހުކުމް ވަނީ ދަމަހައްޓާފައި

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) މެރުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވެސް ދަމަހައްޓައިފި އެވެ.

މަހުމޫދު މަރައިލި މައްސަލައިގައި ސާލިމް މަރަން ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 22، 2022 ގައި ހުކުމްކޮށްފައިވެ އެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅީ އަމިއްލަ އިއުތިރާފުންނެވެ. ކުށަށް އިއުތިރާފްވުމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށް އޭނާ ދަށު ކޯޓުގައި ބުނެފައިވެ އެވެ.

ހައިކޯޓުން މިއަދު ވަނީ ދަށު ކޯޓުން އިއްވި މަރުގެ ހުކުމް ކަށަވަރުކުރަން ކްރިމިނަލް ކޯޓުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިންމާފަ އެވެ. ތިން ފަނޑިޔާރުން ބައްލަވާ ނިންމެވި މައްސަލާ ގައި ބުނެފައި ވަނީ ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. 
 
މަހުމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވި އެވެ. ނަމަވެސް ފަހުން ހައިކޯޓްގައި ސާލިމް ބުނީ އެއްބަސްވީ އޭނާއަށް ބަސް ތަރުޖަމާ ކޮށްދޭ ތަރުޖަމާނު އެހެން ބުނަން އެދުމުން ކަމަށެވެ. އަދި ތަރުޖަމާން ބަދަލުކޮށްދޭން ވެސް އެދުނެވެ.

ސާލިމްގެ އެ ވާހަކަތައް ތަރުޖަމާން ހަލީމް ދޮގުކުރި އެވެ. އޭނާ ބުނީ އެެފަދަ ވާހަކައެއް ނުބުނާ ކަމަށެވެ. ހަލީމަކީ ދަށު ކޯޓުގަ އާއި ތަހުގީގުގައި ވެސް މި މައްސަލައިގައި މަސައްކަތްކުރި މީހާ އެވެ. އޭނާ އަކީ ބަންގްލަދޭޝް މީހުން ހިމެނޭ ވަރަށް ގިނަ މައްސަލަތަކުގައި ތަރުޖަމާނު ކުރި މީހެކެވެ.

މަހުމޫދު މަރާލުން؛

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި ވަނީ އޭނާ ކައިރިން ސާލިމް ފައިސާއަށް އެދުމުން އެކަމަށް އިންކާރުކުރުމުން ހިނގި ކުރިމަތިލުމެއްގެ ތެރެއިންނެވެ. މި ހާދިސާގައި މަހުމޫދުގެ ކަރަށާއި، ބޮލުގެ އިތުރުން މެޔަށް ވަޅިޔަކުން އަދި ކޮޅު ތޫނު ދަގަނޑުބުރިއަކާއި އިތުރު ދެ ދަގަނޑު ބުރިން ހަމަލާދީފައިވެ އެވެ.

މަހުމޫދު މަރާލާފައި އޮއްވާ ފެނުނީ އޮކްޓޯބަރު 13، 2021 ވަނަ ދުވަހު އެރަށު ގެއެއްގައި ހުރި ވަޅަކުންނެވެ. މަހުމޫދު މަރާލުމަށްފަހު ހަށިގަނޑު ވަޅަށް ވައްޓާލަން ގެންގޮސްފައި ވަނީ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ސާލިމްގެ ކޮނޑަށް ލައިގެންނެވެ. ފުލުހުން ވަނީ ވަރުގަދަ ހެކިތައް ސާލިމްއާ ދެކޮޅަށް ހޯދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.