އެމްޑީޕީގެ ނައިބުރައީސަކަށް ހިސާން ހަމަޖައްސަވައިފި

ފާއިތުވި ދައުރުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ ހިސާނެވެ.

ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން: އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ވަނީ އައްޔަނު ކޮށްފައި

އެމްޑީޕީގެ ނައިބުރައީސްގެ މަގާމަށް ތުޅާދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ހިސާން ހުސައިން ހަމަޖައްސަވައިފި އެވެ.

އެމްޑީޕީގެ ނާއިބު ރައީސްގެ މަގާމު ހުސްވެފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. ކުރީން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް ވަނީ މިދިޔަ އަހަރު އެ މަގާމުންނާއި ޕާޓީން ވެސް ވަކިވެވަޑައިގެންފަ އެވެ. އޭނާ އަކީ މިހާރު ދަ ޑިމޮކްރެޓްސްގެ ނާއިބު ރައީސެވެ.

އެމްޑީޕީގެ ނައިބުރައީސްގެ މަގާމަށް ހިސާން ހަމަޖެއްސުމަށް ހުށައެޅުއްވީ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދެވެ. އެ ޕާޓީގެ މިރޭ އޮތް ގައުމީ މަޖިލީހުގެ ބައްދަލްވުމުގައި އެ ހުށައެޅުން ފާސްކޮށް ހިސާން ވަނީ އެ މަގާމަށް ހަމަޖައްސަވާފަ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނާ ގޮތުން އެ ޕާޓީގެ ނައިބުރައީސަކީ ޕާޓީގެ ރައީސް އައްޔަންކުރާ މަގާމެކެވެ. ޕާޓީގެ ރައީސަށް އެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ޕާޓީގެ ގައުމީ މަޖިލީހުގެ ރުހުން ހޯދައިގެން ކަމަށްވެސް އަސާސީ ގަވާއިދުގައި ބަޔާންކުރެ އެވެ.

ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސެއިން: އެމްޑީޕީގެ ނައިބް ރައީސްގެ މަގާމަށް ވަނީ އައްޔަނު ކޮށްފައި

އެމްޑީޕީއަށާއި އެ ޕާޓީގެ އާންމު މެންބަރުންނަށް ހިސާން ކޮށްދެއްވާފައިވާ އިހުލާސްތެރި ހިދުމަތްތަކަށް ބައްލަވާއިރު، އޭނާއަކީ ޕާޓީގެ ނައިބުރައީސަ ކަމަށް އެންމެ އެކަށީގެންވާ ބޭފުޅެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވި ގޮތުގައި ހިސާން އެ މަގާމަށް އައްޔަންކުރެއްވުމަށް ހުށަހެޅުއްވުމުގައި އިތުރަށް ބެއްލެވީ އެމްޑީޕީގެ އިސް މަގާމުތަކުގައި އަންހެން ބޭފުޅުން މަދު ކަމަށެވެ.

ހިސާނަކީ 2008 ވަނަ އަހަރު ގާއިމުވި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް ކައުންސެލްގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވެއްޓުމަށްފަހު އެ ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި އެ ޕާޓީގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރެއްވި ވަކީލެކެވެ.

ފާއިތުވި ދައުރުގައި ތުޅާދޫ ދާއިރާގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމުގައިވެސް ހުންނެވީ ހިސާނެވެ. އެ މަގާމުގައި ހުންނެވިއިރު ޖުޑީޝަރީއަށް ނުފޫޒު ފޯރުއްވިކަމުގެ ތުހުމަތު އެއިރުގެ އިދިކޮޅު ފަރާތްތަކުން ހިސާނަށް އަމާޒުކޮށްފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.