ސަރުކާރާ ގުޅިގެން ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ހޯދައިދޭން މަސައްކަތް ކުރާނަން

ޖަނާ ވިދާޅުވީ ލޯކަލް އަދި އެފްޑީއައި ހުއްދަތައް ދޫކުރުން އަވަސް ކުރުން އަވަސް ކުރުން މިވަގުތު މުހިންމު ކަމަށެވެ.

މަސީގެ އަހަރީ އާއްމު ޖަލްސާގައި ރައީސް ޖަނާހު އަދި ނައިބް ރައީސް އަލާއު އަލީ

އިމާރާތް ކުރުމުގެ ދާއިރާގެ ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކޮށްދޭނެ ކަމުގެ ޔަގީންކަން ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަލީ ޖަނާހު ދެއްވައިފި އެވެ. 

މަސީން ރޭ ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި ޖަނާ ވިދާޅުވީ އެ ޖަލްސާ ހިންގަމުންދާ ވަގުތު ވެސް އެތަނުގައި ތިބި ކޮންސްޓްރަކްޝަން ކުންފުނިތަކަށް އޮތް އެންމެ ދަތި ވިސްނިވަޑައިގަންނަވާ ކަމަށާ އެ ކަމަކީ މަސައްކަތްކޮށް ނުލިބި ހުރި ފައިސާ ހުރުން ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށްޓަކައި ސަރުކާރާ ގުޅިގެން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާނެ ކަމަށެވެ. 

"މި ބައްދަލުވުމަށް އައިއިރު ގިނަ ކުންފުނިތަކުން ހަނދާކޮށްދިން ކަމެއް ލިބެން ހުރި ފައިސާގެ ކަންތައްތައް. މިކަން ބޯޑުގެ މެންބަރުންގެ އެހީތެރި ކަމާއެކު އަޅުގަނޑަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނަން،" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރުގެ މަގާމުގައި ވެސް ހުންނެވި ޖަނާ ވިދާޅުވި އެވެ. 

ރައީސް ގާތުވުމަކީ ދާއިރާއަށް އުފަލެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ

މަސީގެ ރައީސްކަން މިދިޔަ ދައުރުގައި ވެސް ކުރެއްވި ޖަނާ ވިދާޅުވީ ރައީސް މުއިއްޒުއަކީ ކޮންސްޓްރަކްޝަން ސިނާއަތާ ގާތް ބޭފުޅެއް ކަމަށާ އެހެންވެ ސަރުކާރާއެކު ވާހަކަ ދައްކައިގެން ބެލެންސެއް ގެނައުއުމުގެ އުންމީދު ބޮޑު ކަމަށެވެ. 

"މީގައި ބަލަންވީ ބެލެންސެއް ގެނެވޭތޯ. މިއަދު މަސައްކަތް ކުރަންވީ ސަރުކާރުން ލިބެންހުރި ފައިސާ ލިބޭނެ ގޮތް ހޯދައި، ކޮންޓްރެކްޓަރުންނަށް ލިބެންހުރި ލުއިތައް ހޯދުމަށް،" ޖަނާ ވިދާޅުވި އެވެ. 

ހުއްދަތައް ދޫކުރުން އަވަސްކުރުން މުހިންމު

ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓު ތަރައްގީ ކުރައްވައި ރާއްޖެއަށް ގިނަ އަދަދެއްގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެނެސްދެއްވަމުން ގެންދަވާ ޖަނާ ވިދާޅުވި ގޮތުގައި ސަރުކާރުން ތެރޭން ފޮރިން އިންވެސްޓަރުންނާއި ލޯކަލް އިންވެސްޓަރުންނަށް ލިބެން ޖެހޭ ހުއްދަތަކާއި ލިޔުންތައް ދޫކުރުން މިހާރަށްވުރެ އަވަސް ކުރުން މުހިންމު ކަމަށެވެ.

"ޕްރައިވެޓް ސެކްޓަރުގެ މަސައްކަތް ހަލުވިކުރަން ސަރުކާރުން ލިބެން ޖެހޭ ހުއްދަތަކާއި ލިޔުންތަކާއި ގަވައިދުތަކުގެ ތެރޭން އަވަސް ކުރުން މުހިންމު.  މި އަންނަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްތަކުން އިގްތިސޯދު މި ހިފެހެއްޓެނީ. ޕްރައިވެޓް ސެކްޓާގައި ކުރެވޭ މަސައްކަތަކީ އެންމެ މުހިންމު މަސައްކަތް،" ގަތަރުގެ ބަނާނާ އައިލެންޑުގައި ރިސޯޓެއް ތަރައްގީ ކުރި ވިޔަފާރިވެރިޔާ ވިދާޅުވި އެވެ. 

މަސީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވާހަކަ ދައްކަވަނީ -- މުހައްމަދު އަފްރާހު

ޖަނާ ވިދާޅުވީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކީ ރާއްޖޭގެ އިންޑަސްޓްރީތަކުގެ ތެރޭން އެންމެ ގޮންޖެހުން ބޮޑު އެއް ސިނާއަތް ކަމަށެވެ. އަދި ގައުމުގެ އިގްތިސޯދީ ހާލަތާއި ދުނިޔެ އަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އަސަރު މި ސިނާއަތަށް ކުރާވަރު ނިސްބަތުން ބޮޑުކަން ފާހަގަ ކުރެއްވި އެވެ. 

"އަޅުގަނޑުމެން އަބަދު ވެސް ތިބެން ޖެހެނީ ފްރަންޓްލައިންގަ ތިބެން. އިގްތިސޯދަށް ކުރާ އެންމެ ފުރަތަމަ އަސަރު ޓޫރިޒަމަށް ނަގާފަ އެންމެ ބޮޑު އަސަރެއް ކުރޭ އަަޅުގަނޑުމެންނަށް. ޖީޑީޕީގެ ކޮންޓްރިބިއުޝަން މަސްވެރި ކަމަށްވުރެ އަޅުގަނޑުމެންގެ ބޮޑު. ފުރަތަމަ ކަމަކަށް އިމާރާތް ކުރުމުގެ މަސައްކަތަކީ އެހާ ފަސޭހަ ކަމެއް ނޫން. މިއީ ޗެލެންޖިން މަސައްކަތެއް. އެހެން ގައުމުތަކާ ހިލާފަށް. ކޮންޓްރެކްޓަރުންނަށް އެހާ ފަސޭހައެއް ނޫން ފައިނޭންސް ހޯދާކަށް،" ޖަނާ ވިދާޅުވި އެވެ. 

މަސީގެ ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އާއްމުން މެންބަރުންގެ ހިޔާލަށް ހުޅުވާލުމުން ގިނަ ކުންފުނިތަކުގެ މައިގަނޑު ކޮންސާންއެއްގެ ގޮތުގައި ފާހަގަ ކޮށްފައި ވަނީ ނުލިބި ގިނަ އަދަދެއްގެ ފައިސާ ހުރުމުން ކުންފުނިތަކަށް ދަތިވުމެވެ. ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ އިން ވަނީ ކޮންޓްރެކްޓަރުންނަށް ނުލިބި ހުރި ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ މިނިސްޓްރީތަކާއެކު މަސައްކަތް ކުރަން ހާއްސަ ކޮމެޓީއެއް އުފައްދާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.