މަސީން ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާއާއެކު މަސައްކަތް ކުރަން ރާއްޖޭގެ ބޮޑެތި ހުރިހާ ކޮންޓްރެކްޓަރުން ބައިވެރިވެފައިވެ އެވެ. ބޯޑުގައި 26 މެންބަރުން ތަމްސީލް ކުރައްވާނެ އެވެ.
ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ރައީސް އަކަށް މިހާރުގެ ރައީސް މުހައްމަދު އަލީ ޖަނާހު ހޮވައި، އަލަށް އަންހެން ހަތަރު މެންބަރުންނާއި މަޖިލީސް ހަތަރު މެންބަރުން ހޮވިވަޑައިގެންފި އެވެ.
މީރުމާގައި ރޭ ބޭއްވި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ނުވަތަ ކުރީގެ މަސީގެ އަހަރީ އާއްމު ޖަލްސާގައި އެ ޖަމިއްޔާގެ ބޯޑަށް 26 މެންބަރުން އައްޔަން ކުރުން ހިމެނެ އެވެ. މި ފަހަރުގެ ބޯޑުގައި ރާއްޖޭގެ ކޮންސްޓަކްޝަން ސިނާއަތުގެ ނަގާކިޔާ ހުރިހާ ކުންފުނިތަކެއްގެ އެންމެ އިސްވެރިން ހިމެނެ އެވެ. މީގެ އިތުރުން ކުދިމެދުފަންތީގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުންނާއި މި ސިނާއަތުގެ ޕްރޮފެޝަނަލުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން މަސީން އަލަށް ވަނީ ކުރީގެ ރައީސުންގެ ގޮތުގައި ވެސް އިސް މަގާމު ތަކެއް ހޮވާފަ އެވެ. މި މަގާމަށް ހޮވިވަޑައިގަތީ އެފްޑަބްލިއު ކޮންސްޓްރަކްޝަންގެ ވެރިޔާ އިބަރާހީމް ވަހީދު އާއި އަމީން ކޮންސްޓަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު އެވެ. މީގެ އިތުރުން އެންމެ ފާހަގަކޮށްލެވެނީ ޖަމިއްޔާގެ ކަންކަން ހިންގުމުގައި މުހިންމު ރޯލެއް އަދާކުރާ ހިންގާ ކޮމެޓީ އަށް އަންހެން ހަތަރު މެންބަރުން އައްޔަން ކުރުމާއި ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރަކު ހޮވިގެން ދިއުމެވެ.
މި ފަހަރު ހިންގާ ކޮމެޓީގެ މަގާމުތަކަށް ހުޅުވާލުމުން ރައްޔިތުން މަޖިލީހުގެ ހަތަރު މެންބަރު ކުރިމަތިލައްވައި އެ މަގާމަށް ވަނީ ހޮވިވަޑައިގެންފަ އެވެ.
މަސީއަކީ 190 ކުންފުނި ހިމެނޭ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާއަކީ މިހާރު ދުނިޔެ ގަބޫލު ކުރާ ރާއްޖޭގެ އެންމެ ބޮޑު ޖަމިއްޔާ އެވެ.