ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ނުދިނުން؛ މައްސަލަ ބާތިލު، ކޮޕީތައް ދޭން ލަފާ ދީފި

ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ އެެކު މައްސަލައިގެ އިސްތިއުނާފު ފޯމް ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިހާރު ހުށައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ހުރިހާ ހަރަދުތަކާ ގުޅޭ ރަސީދުތައް ހިއްސާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުން ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނިންމައިފި އެވެ.

ސޯލިހްގެ، ނިއުޔޯކު ދަތުރުފުޅުގެ ހުރިހާ ހަރަދުތަކާގުޅޭ ރަސީދުތައް ހޯދުމަށް އާންމު ފަރާތަކުން ހުށައެޅުމުން ސަރުކާރުން ނިންމީ އެ ތަފްސީލުތައް ނުދޭށެވެ. އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ ކޮމިޝަނުން ނިންމީ އެ މައުލޫމާތުތައް ދިނުމަށެވެ. 

ކޮމިޝަނަރުގެ އެ ނިންމުން ދައުލަތުން ވަނީ ހައިކޯޓަށް ގެންގޮސްފަ އެވެ. އެއީ ކޮމިޝަނަރުގެ ނިންމެވުމުން ބަދަލު ކުރަން އެދި ހުށައެޅި މައްސަލަ އެކެވެ. ނަމަވެސް މާޗް 20، 2022 ގައި ހުށައެޅި އެ މައްސަލައާ ގުޅިގެން ހައިކޯޓުން ނިންމީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަން ޖެހޭ ތަނެއް ނެތް ކަމަށެވެ. 

އެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓްގައި އިސްތިއުފާނު ކުރި އެވެ. އެއީ ޖުލައި 7، 2023 ގަ އެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެ އޮތެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަކާލާތު ކުރެއްވީ ކުރީ ސަރުކާރުގެ ދުވަސްވަރު ވެސް ދައުލަތުން ގެންގުޅުއްވި ސްޓޭންޑްގަ އެވެ. ވިދާޅުވީ ރަސީދުތައް ދިނުން ގާނޫނު ލާޒިމު ނުކުރާ ކަމަށެވެ.

އެކަމާ ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ހައިކޯޓްގެ ނިންމުން އެ އޮފީހުން އަލުން ދިރާސާކޮށްފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލަ އަނބުރާ ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އެ ނިންމުމާ އެެކު މައްސަލައިގެ އިސްތިއުނާފު ފޯމް ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މިހާރު ހުށައަޅާފައިވާ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ހައިކޯޓުން ނިންމާފައިވާ ގޮތުގެ މަތީން އެ މައުލޫމާތުތައް އެދުނު ފަރާތަށް ހިއްސާކުރުމަށް ރައީސް އޮފީހަށް ލަފާދީފައިވާ ކަމަށް ވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.