ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއިން ކެނޑިނޭޅި ގުޅުން ބަދަހި ކުރަން ބާރު އަޅައިދީ ފަތުރުވެރިން ފޮނުވާ އެންމެ މުހިންމު މަންޒިލަކަށް ވެސް ޗައިނާ ވެފައިވެ އެވެ.
ސިނަމާލެ ބްރިޖަކީ ރާއްޖެ އާއި ޗައިނާގެ ބަދަހި ގުޅުމުގެ ފުރިހަމަ ރަމްޒެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
މާދަމާގެ ނިޔަލަށް ޗައިނާގެ ކުންމިންގައި ކުރިޔަށްދާ ޗައިނާ - ސައުތު އޭޝިއާގެ އަށްވަނަ އެކްސްޕޯ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ނާޒިމް ވަނީ މިއަދު ވާހަކަފުޅު ދައްކަވާފަ އެވެ.
ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ތާރީހީ އަދި ޒަމާންވީ ގުޅުމަށް އަލިއަޅުވާލައްވާ ނާޒިމް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު ބިންވަޅު ނެގިފައިވަނީ 50 އަހަރުގެ ޑިޕްލޮމެޓިކް ގުޅުމެއް ކަމަށާއި އެ ގުޅުމަށް ތައުރީފު ކުރައްވާ ކަމަށެވެ. ދެން ވިދާޅުވީ ރާއްޖޭގެ އުމްރާނީ، އިގްތިސޯދީ ތަރައްގީއަށް ޗައިނާއިން ދޭ އެއްބާރުލުން ފާހަގަ ކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ސިނަމާލޭ ބްރިޖު ފެނިގެންދޭ، އެ ބްރިޖުން ވަނީ [ރާއްޖޭގެ] ދަތުރުފަތުރާއި އިގްތިސޯދީ ހަރަކާތަކަށް ހަލުއި ކަމެއް ގެނަސްދީފައި" ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސޯދަށް ބައްލަވާލައްވާ ނާޒިމް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރި ކަމުގެ ދާއިރާއިން ކެނޑިނޭޅި ގުޅުން ބަދަހި ކުރަން ބާރު އަޅައިދީ ފަތުރުވެރިން ފޮނުވާ އެންމެ މުހިންމު މަންޒިލަކަށް ވެސް ޗައިނާ ވެފައިވާ ކަމަށެވެ.
"ޗައިނާގެ ފަތުރުވެރިންނަކީ އަޅުގަނޑުމެންގެ ޓޫރިޒަމް މާކެޓުގެ ބޮޑު ހިއްސާއެއް. އަދި ޗައިނާއަކީ އަދިވެސް އަޅުގަނޑުމެންގެ ގައުމަށް ފަތުރުވެރިން ފޮނުވާ އެންމެ މުހިންމު އެއް މަންޒިލް،" ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ނާޒިމްގެ ވާހަކަފުޅުގައި ދެކުނު އޭޝިއާގެ ގައުމުތަކާއި ޗައިނާއާ ދެމެދު ސިޔާސީ އަދި އިގްތިސޯދީ ގުޅުން ބަދަހިކުރުމަށާއި ސަގާފީ ގުޅުން ބަދަލުކުރަން ޗައިނާ - ސައުތު އޭޝިއާ އެކްސްޕޯގެ ބޭނުން ކުރަން ގޮވައިލެއްވިއެވެ. އަދު ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް އިޝާރާތް ކުރައްވާ މޫސުމީ ބަދަލުތަކާއި އިގްތިސޯދީ ތަފާތު ކުރުމާ ދެކޮޅަށް، ގައުމުތަކުން ގުޅިގެން އެއްސަފެއްގައި މަސައްކަތް ކުރެއްވުމަށް ބާރު އަޅުއްވާފައި ވެއެވެ.