ބޭކާރު ވާހަކަ ނުދައްކާ | ޔޫރަޕް މޮޅު ބޭސް ކުރިން ދޭން ބޭނުންނުވީ، ނުވެސް ކެރުނީ

މިހާރު ބައެއް ބޭސްތައް 4،000 ޕަސެންޓުގެ ފައިދާގައި ވިއްކެ އެވެ. މިކަން ހައްލުވާނެ އެވެ. މިހާރު ލިބޭނެ އެންމެ ބޮޑު ޔަގީން ކަމަކީ ޔޫރަޕަށް އެތެރެވާ ބޭހުގެ ޝިޕްމަންޓާއެކު ދިވެހިންނަށް ޔޫރަޕް ކޮލިޓީގެ ބޭސް ލިބުމެވެ.

ހުން އައިސްގެން ޕެނަޑޯލް ގުޅައެއް ކެޔަސް ވާކަމެއް ނޯވެ އެވެ. ދެ ގުނަ އެއް ފަހަރާ ކައިލިޔަސް ވާކަމެއް ހަރާމެވެ. އެކަމަކު ދުބާއީ ޕެނަޑޯލްގެ އެންމެ ގުޅައެއް ކައިލާއިރަށް އެނގުންވެ އެވެ. މި ވާގޮތް ނޭނގެނީއެއް ނޫނެވެ. މި ވާގޮތް އެންމެންނަށް ވެސް އެނގެ އެވެ. އެކަމަކު އެކަން ރަނގަޅު ކުރާނެ ހިތްވަރެއް، އެކަން ކުރުމުގެ އިހުލާސްތެރިކަމެއް މިހާތަނަށް ނެތީ އެވެ. 

ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ބޮޑުކަމާއި ބޭހުގެ ފެންވަރާމެދު ސުވާލު އުފައްދަނީ މިއަދަކު އިއްޔެއަކު ނޫނެވެ. އެ ސުވާލެއްގައި ތިބޭތާ ރާއްޖެއަށްވީ ދުވަހެއް ވެއްޖެ އެވެ. އެތައް ޖީލު ތަކެއް މި ބޭހުގެ ވާހަކަ ދައްކައިނިކޮށް ބަލި ވެގެން ލޯ މަރާލައިފި އެވެ. އެކަމަކު ދިވެހިންނަށް މޮޅު ބޭސް ދޭން ކެރޭނެ އެއްވެސް ވެރިއަކުނަ އެވެ. ދިވެހިރާއްޖެ އަށް ގެންނަ ބޭހުގެ ފެންވަރު ރަނގަޅު ކުރަން މިހާތަނަށް އައި ކޮންމެ ވެރިއަކު ވެސް މަސައްކަތް ކުރި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ޔޫއެންޑީޕީއާ ގުޅިގެން ދިވެހިންނަށް މޮޅުބޭސް ދިވެހިންނަށް ދެވޭ ތޯ އުޅުނެވެ. ބޭސް ފެކްޓަރީއެއް ރާއްޖޭގައި އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު ނުވި އެވެ. މިދިޔަ ފައިސާ ޗާޕުޖެހި ރައީސް އިބްރާހިމް ސޯލިހުގެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. ޔޫއެންޑީޕީއާއެކު އެމްއޯޔޫއެއްގައި ސޮއިވެސް ކުރި އެވެ. އެކަމކު ޔޫރަޕުން މޮޅު ބޭސް ދިވެހިންނަށް ގެނެސްދޭކަށް ނުކުރުނެވެ. މި މަސައްކަތުގެ ކަރުދާހެއްގައި ސޮއި ކުރުން ފިޔަވައި އަމަލީ ކަމެއް ނުކުރެވުނެވެ. އަމަލީ މަސައްކަތާ ހަމަ އިން މެޑިކަޕް މާފިއާގެ އާނުގައި ޖެހި އާނު ކަނޑާލަން ނުކެތި ލަސް ކުރީ އެވެ. ދެން ބޭހުގެ އަގު ހެޔޮކުރަން ފެށީ ބޭސް އެތެރެކުރާ މީހުން ރުއްސައިގެން ކަމެއް ކުރެވޭތޯ އެވެ. އެކަން ކުރަން ސޯލިހު ސަރުކާރުން އަގު ބޮޑު ބޭހުގެ ލިސްޓެއް ވެސް ހެދި އެވެ. މި ލިސްޓުގައި 300 ބޭސް ހުއްޓެވެ. އެ ސަރުކާރުން އުޅުނީ މި ލިސްޓު ހިފައިގެން ގޮސް ބޭސް އެތެރެކުރާ މީހުންނާ "ޑީލެއް" ހަދައިގެން ބޭސް އަގުހެޔޮ ކުރެވޭ ތޯ އެވެ. ކޮލިޓީ ބޭހެއް ހޯދާކަން ނޫޅެ އެވެ. އެކަމަކު 200 ޕަސެންޓުގެ އަގުގައި ވިއްކަމުން ބޭހުގެ އަގު 80 ޕަސެންޓް ފައިދާއަށް ކުޑަކުރަންވެސް ބޭސްވެރިން ބޭނުމެއް ނުވި އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޯޝަލް މީޑިއާއެކު މަގު މައްޗަށް ނުކުމެވަޑައިގެން އެ ދައްކާ ޔޫއެންޑީޕީ ފިނޭންސް އެމްއޯޔޫ ފޮޓޯގަނޑުގެ ހަގީގަތަކީ މިއީ އެވެ. ދިވެހިންނަށް ޔޫރަޕް ކޮލިޓީގެ ބޭސް ފޯރުކޮށްދޭން އަމަލީ މަސައްކަތެއް ކުރަން ނުކެރި ތިބެފަ މިއަދު މޮޅު ވާހަކަ ދެއްކުމަކީ ހަޑި ކަމެކެވެ. 

"ހަމައެކަނި އެމްއޯޔޫއެއްގައި ސޮއިކޮށްލާފަ އޮތީ. އަމަލީ މަސައްކަތެއް ނެތް. ފަހުން މި ސަރުކާރުން އައިސް ޔޫއެންޑީޕީ އާއި އެސްޓީއޯ އަދި ފިނޭންސާއެކު އަމަލީ މަސައްކަތް ފަށާފައި މި ވަނީ،" ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ބޭސް އެތެރެ ކުރުމުގެ އަމަލީ މަސައްކަތުގައި އުޅުވި ފިނޭންސުގެ އިސް ވެރިއަކު ވިދާޅުވި އެވެ. 

ބަލްކް ޕްރޮކިއުމަންޓު އުސޫލުން ރާއްޖެ އަަށް ބޭސް ގެންނަން ފެށުމަކީ ދިވެހިންގެ އާއްމު ސިއްހަތަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުވި ހަރުދަނާ ފިޔަވަޅަކެވެ. ހިތްވަރުގަދަ ނިންމެވުމެވެ. މިކަމުގައި ސަރުކާރަށް އޮތް ޕްރެޝަރާއި ދުއްތުރާތައް އެނގިހުރެ ކުރައްވަން ފެށި މަސައްކަތެވެ. މިކަމުގައި އެންމެ ބޮޑު ދުއްތުރާލެއް ކުރިމަތިވާ ނީ މެޑިކަލް މާފިއާގެ ގޮތުގައި މި ވިޔަފާރި ކުރާ ބާރުގަދަ ވިޔަފާރިވެރިނާ ގުޅިގެން ނުކުންނަ ސިޔާސީ މަދު ބައެކެވެ. އެކަމަކު މިކަން އެނގި ހުންނަވައި ބަލްކް ޕްރޮކިއުމަންޓުގެ ދަށުން އަސާސީ ހަތް ބޭހެއް މިވަނީ ރާއްޖެ އެތެރެކޮށްފަ އެސްޓީއޯ އިން ސަޕްލައި ކުރަން ފަށާފަ އެވެ. 

މި ބޭހަކީ ދިވެހިންނަށް ބޭނުންވާ އަސާސީ ބޭހުގެ ގޮތުގައި ބޭނުން ކުރާ 200 ބޭސް ރާއްޖެ ބަލްކްކޮށް ގެންނަން ކުރާ މަސައްކަތުގެ މުހިންމު ފެށުމެކެވެ. ސަރުކާރުގެ އަމާޒަކީ 2026، ޖަނަވަރީގެ ނިޔަލަށް މި ހުރިހާ ބޭސްތަކެއް / މުހިންމު އަސާސީ ހުރިހާ ބޭހެއް މި ނިޒާމުގެ ތެރެއިން ގެެނެވޭނެ މަގު ފަހިކޮށް ނިންމުމެވެ.

ސިޔާސަތު ތަންފީޒު ކުރުން ފިޔަވަހިތަކަށް

  •  ފުރަތަމަ ގެނެސް ފޯރުކޮށްދޭން ފެށީ އަސާސީ ހަތް ބާވަތެއްގެ ބޭސް
  •  އަމަލު ކުރަން ފަށާނީ އޮކްޓޫބަރުން ފެށިގެން
  •  އަންނަ މަހު އިތުރު ތިން ބާވަތެއްގެ ބޭސް ގެންނާނެ
  •  ހުރިހާ ބޭހެއް ޕްރޮކިއުކޮށް ނިމޭނީ 2026 ގައި

ސަރުކާރުގެ ފީޗް ސްޕޯސް ޕާސަން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައީސްގެ ހިތްވަރުގަދަ މި ނިންމެވުމާއެކު ހުރި ގޮންޖެހުންތައް ސަރުކާރަށް އެނގެ އެވެ. އެކަމަކު ރައީސް އިސްކަން ދެއްވީ އާއްމުންގެ ސިއްހަތަށް ކަމަށް ހީނާ ވިދާޅުވި އެވެ. 

"މިފަދަ ނިޒާމެއްގެ ތެރޭން ކޮލިޓީ ބޭސް ބޭނުންވާތާ ވަރަށް ދުވަސްވެއްޖެ. މި ފޯރުކޮށްދެނީ ފެންވަރު ރަނގަޅު ރައްކާތެރި. ޕޫލްޕްރޮކިއުމަންޓުގެ ތެރޭން،" ގައުމީ ޓީވީގައި ހީނާ ވިދާޅުވި އެވެ. 

ރައީސް އޮފީހުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވާހަކަ ދައްކަވަނީ: ހީނާ ވިދާޅުވީ މި ސަރުކާރުން ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ދިވެހިންނަށް އޮތް މޮޅަކީ ކޮބާ ؟ - ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ބޭސް ގެނައުމުން އެންމެ ބޮޑު ފައިދާއެއް ކުރާނީ ބޭހުގެ ކޮލިޓީ ޔަގީން ވުމެވެ. މިހާރު ބޭސް ގެންނަ ގޮތުން ބައެއް ބޭސްތަކުގެ ޔަގީންކަން ކަށަވަރު ކުރުމަކީ އެމްއެފްޑީއޭ އަށް ފަސޭހަ ކަމަށް ނުވެ އެވެ. ސަބަބަކީ މި ބޭސް އަންނަނީ ތިން ނުވަތަ ފަސް ޕާޓީއެއް މެދުވެރިކޮށް ކަމަށްވުމެވެ. މިހެންވުމުން ބޭރުގައި ހުންނަ ބޭސް ރައްކާ ކުރުމާއި އުފެއްދުމުގެ ނިޒާމު ޔަގީންކަން ކަށަވަރު ކުރުމުގެ ފުރުސަތު ސަރުކާރަށް ކުޑަވެ އެވެ. ނަމަވެސް ބަލްކްކޮށް ބޭސް ގެނައުމުން ލިބޭނެ މަންފާއަކީ ޔޫއެންޑީޕީ އާއި ޑަބްލިއުއެޗްއޯ އިން ވެރިފައިކޮށްފައި ހުރި ބޭސް އުފައްދާ ޝެންގެން ނުވަތަ ޔޫރަޕުގެ ގައުމުތަކަށް ބޭސް ސަޕްލައި ކުރާ ޗެއިންއެއްގެ ތެރެއަށް ވަނުމެވެ. މި ބޭހަކީ ޔޫރަޕުގެ ގައުމުތަކުގެ ސިއްހީ މިންވަރުތަކާއި ސެޓިފިކެޓްތައް ލިބިފައިވާ އެއްޗަކަށް ވެގެން ދާނެ އެވެ. އެހެންވެ ކޮންމެ ގައުމެއްގައި އުފައްދާފައި ހުރި ބޭހަކަށްވީ ނަމަވެސް މި ބޭހަކީ ކޮލިޓީ 100 ޕަސެންޓް ޔަގީން ކުރެވިގެން ދިވެހިންނާ ހަމައަށް އަންނާނެ އެއްޗަކަށް ވާނެ އެވެ. 

އެމްއެފްޑީއޭގެ ޗީފް ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވި ގޮތުގައި ބަލްކް ޕްރޮކިއުމަންޓުގެ ނިޒާމުން ގެނައުމުން ލިބޭނެ އެންމެ ބޮޑު ފައިދާއަކީ ކުދި ފޮލިއުމްގެ ބޭސްތައް ވެސް ހުސްނުވެ ރާއްޖޭން ލިބެން ފެށުމެވެ.

"ބައެއް ބޭސްތައް ވަރަށް ކްރިޓިކަލީ ނުލިބޭ ހާލަތްތައް އެބައާދެ މިހާރު. ރާއްޖޭގެ ފާމަސޫޓިކަލް ދާއިރާ މިއޮތީ ޕްރައިވެޓް ސެކްޓަރުގަ. އެހެންވެ ކިތަންމެ ވަރަކަށް އަސާސީ ބޭސްތައް އެންފޯސް ކުރަން ބޭނުންވިޔަސް ކުރަން އެކަން ކުރަން ދަތިވޭ. އެކަމަކު ބޭސް މެދުނުކެނޑި ލިބެން ޖެހޭ. އެކަމަކު އެކަމެއް ނުވޭ. ނަމަވެސް ސަރުކާރާއި ޔޫއެންޑީޕީ ގުޅިގެން މިގޮތަށް ބްލަކް ޕްރޮކިއުމަންޓު އުސޫލުން ގެނައީމަ އެކަން ހައްލުވޭ. ބައެއް ބޭސްތައް އެބަހުރި އަހަރަކަށް 400 ޑޯސްގެ ކުދި އެމައުންޓް ބޭނުންވާ. މި އުސޫލުން ބޭސް ގެނައުމުން މިވަރުގެ ކުދި އަދަދު ވެސް ލިބޭނެކަމުގެ ޔަގީންކަން އޮންނާނެ،" ޖަލީލާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ދުނިޔޭގައި ބޭސް އުފައްދާ މަލްޓި ނޭޝަނަލް ކުންފުނިތަކުން ރާއްޖެ އަށް ބޭނުންވާ މަދު ބޭސްކޮޅު ފޯރުކޮށްދިނުމުގެ ޝައުގުވެރިކަން ނުހުންނަ ކަމަށާ، ނަމަވެސް ބަލްކް ޕްރޮކިއުމަންޓުގެ އުސޫލާއެކު އެކަން ހައްލު ވެގެންދާނެ ކަމަށެވެ. 

"ބޭހެއް ރަޖިސްޓްރީ ކުރުމުގެ ކުރިން މުހިންމު ޑޮކިއުމަންޓްތަކެއް ހަމަވާން ޖެހޭ. އެ ބޭފުޅުންގެ ނުހުރެ އެހާ ޝައުގުވެރިކަމެއް ކުޑަ ވޮލިއުމެއްވީމަ އެކަން ފުރިހަމަ ކުރާކަން. މިހެންވުމުން ބޭސް އެތެރެކުރާ ފަރާތް ތަކަށް ވެސް ދަތިވޭ. މިއީ ވަރަށް ޗެލެންޖިން ކަމެއް. އެހެންވީމަ ބައެއް ފަހަރު އަޑުއިވޭނެ އެމްއެފްޑީއޭގެ ހަރުކަށި އުސޫލުގެ ސަބަބުން ބޭސް ރަޖިސްޓްރީ ނުކުވިގެން އުޅޭ ވާހަކަ. ހަގީގަތުގައިވާ ގޮތަކީ ބޭހުގެ ރައްކާތެރިކަން ޔަގީންކުރަން ހުންނަން ޖެހޭ ރިކުއާމަންޓު ފުރިހަމަ ނުކޮށް ބޭސް އެތެރެކުރަން ހުދައެއް ނުދެވޭނެ. އަޅުގަނޑުމެންނަށް ބޭސް އެވޭލަބަލް ކުރަން ބޭހުގެ ސޭފްޓީ ކޮމްޕްރޮމައިޒެއް ނުކުރެވޭނެ،" ޖަލީލާ ވިދާޅުވި އެވެ. 

"މި އުސޫލުން އެކަން ހައްލުވާނެ." 

މިކަމަކީ މިހާރު ރާއްޖެ އަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ހަގީގަތުގައި ބޭހުގެ އަގު އުފުލުމުގައި ވެސް މިކަން މުހިންމު ދައުރެއް އަދާ ކުރެ އެވެ. އަމިއްލަ ކުންފުނިތަކުން ބޭސް ގެންނައިރު ކުދި އަދި މަދު ބޭސްކޮޅެއް ގެންނަން ޖެހުމުން ބޭސް ނުލިބުމާއި އެކަށީގެންވާ އަގުގައި ބޭސް ނުލިބުމަކީ މިހާރު އާއްމު ކަމެކެވެ. ނަމަވެސް ބަލްކް ޕްރޮކިއުމަންޓު ނިޒާމާއެކު އެކަން ނިމުމަކަށް އަންނާނެ އެވެ. ދެން މަދުން ބޭނުންވާ ބޭސް ވެސް ޕްރޮކިއުކުރަނީ ގިނަ ގައުމު ތަކެއް އެކުގައި ކަމަށްވުމުން ރާއްޖެ އަށް ބޭނުންވާ ވަރު ކުޑަ އަގެއްގައި ބޭހުގެ ބޮޑު ޝިޕްމަންޓާއެކު ލިބިގެން ދާނެ އެވެ. 

އެސްޓީއޯ ހެންވޭރު ފާމަސީ

ބައެއް ބޭސް 4،000 ޕަަސެންޓް ފައިދާލާއިގެން ވިއްކާ

ދެން އޮތީ މި އުސޫލާއެކު ބޭހުގެ އަގަށް އަންނާނެ ބަދަލެވެ. ޔޫރަޕުގެ މޮޅު ބޭސް ބަލްކްކޮށް ގެނައުމުން ދައުލަތުގެ މާލިއްޔަތަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ. ފުރަތަމަ ގެނައި ބޭހުގެ ތެރޭގައި ހަކުރު ބަލީގެ ބޭހަކާއި އެންޓިބައިޓިކެއް އިތުރުން ގިނަ ބޭސް ތަކެއް ވެސް ހިމެނެ އެވެ.

ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ގިނަ ގައުމުތަކަށްވުރެ 15 ޕަސެންޓް ބޮޑެވެ. މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާނަމަ 70 ޕަސެންޓް ބޮޑެވެ. ބައެއް ބޭސްތަކަަށް ފައިދާގެ ގޮތުގައި 200 ޕަސެންޓާއި 4،000 ޕަސެންޓާ ދެމެދުގެ އަދަދެއް މިހާރު ލާފައިވެ އެވެ. ނަމަވެސް ބަލްކް ޕްރޮކިއުގެ ގޮތުގައި ގިނަ އަދަދެއްގެ ބޭސް އެއް ފަހަރާ ސީދާ ޔޫރަޕަށް ބޭސް އުފައްދާ ފެކްޓްރީ ތަކުން ގެނައުމުން ބޮޑު ތަނުން މާލިއްޔާ އަށް ލުއި ވެގެން ދާނެ އެވެ.

އެމްއެފްޑީއޭގެ ޗީފް ފާމަސިސްޓް ޖަލީލާ ބައެއް ބޭސް ފިހާރަ ތަކުން 15ރ. އަށް ވިއްކާ ބޭސްގުޅަ އަނެއްގައި ފިހާރަތަކުން ދެ ރުފިޔާއަށް ވިއްކަމުންދާ ކަމަށެވެ.

"އެކަމަކު މި އުސޫލުން [ބަލްކް ޕްރޮކިއުމަންޓް] އުސޫލުން ގެނައުމުން އަގު ތަފާތު ވާނެ. މިސާލަކަށް ޑައިކްނޯފެނިކް 50 އެމްއެލްގެ ގުޅައެއް މިވަގުތު އާސަންދައިން ކަވަރު ކުރާނީ 6ރ. އަށް ގުޅައެއް. އެކަމަކު މި ނިޒާމުން ހައިކޮލިޓީގެ މި ބޭސް ލިބޭ 1.1ރ. އަށް. ހެލްތް ސިސްޓަމްގައި ލިބުން އުނދަގޫ ބޭސް. މެރޮޕެނަމިކްއަކީ އާސަންދަ ޕްރައިޒްއަކީ 428ރ. ނަމަވެސް މި ބަދަލުން 10ރ. އަށް ކުޑަ ކުރެވޭ،" ޖަލީލާ ވިދާޅުވި އެވެ. 

ސަރުކާރުން އެޅި މި ފިޔަވަޅާއެކު ދައުލަތުގެ މާލިއްޔާ އިން ބޭހަށް ކުރާ ހަރަދު އެތައް މިލިއަނެއް ކުޑަވެގެންދާނެ އެވެ. މި ބަދަލާއެކު ސޭވްވާ މިންވަރު ސިއްހީ ދާއިރާ ތަރައްގީ ކުރަން ހުންނާނެ އެވެ. މި ފިޔަވަޅަކީ ދުނިޔޭގެ މާލީ އިދާރާތަކުން ވެސް އެދެމުން ދިޔަ ކަމެކެވެ. މިކަމާއެކު ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮލިޓީ ބޭސް ލިބިގެން ދިއުމެވެ. މިއީ އެންމެ ބޮޑު ޔަގީން ކަމެވެ. 

ކޮމެންޓް

3
450
ޕައްޅަންބެ
1 month ago

ނިކަން ތި މޮޅު ބޭސް ގެނެސްބަލަ، މީހަކު ލޮލަކަށް ނުފެންނާނެ، މޮޅު ބޭހުގެ ނަމުގައި މިސަރަހައްދުގެ ޤައުމުތަކުގެ ބޭހުގެ ލޭބަލް ބަދަލުކޮށްގެން ގެންނާނީ. މުއިޒުއަކީ ބޮޑު -- ބެއް. މިރާއްޖެ ކައިހުސްކޮށްލާނެ މި-- ގެ.

ޢަހުމަދު ނަޢީމް
1 month ago

ލަންކާ ގެ އެކި ފާމަސީ ތަކުންވެސް ބައެއް ޔޫރަޕް ޕްރަޑޯލް ލިބެން ހުރޭ! ލަންކާ އިން ގަންނަ ޕެނެޑޯލް ކާލިއަސް، ވަރަށްއަވަހަށް އެގުންވޭ! ނަމަވެސް، މި ރާއްޖެއިން ގަންނަ ޕެނެޑޯލް 7 ދުވަހު ކެއުމުންވެސް، އެއްވެސް އަސަރެއް ނުކުރާކަމަށް ވަނީ! މޮޅު ބޭސް ދިވެހިންނަށް ރާއްޖެއިން ގަންނަން ލިބެން ހުރުން ވަރަށް އެދެން!

ޢަލި
1 month ago

ޢެންމެ އަގުބޮޑުކޮށް ބޭސް ވިއްކަނީ ޕޮއިންޓް ފާމަސީ ތަކުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.