މިހާތަނަށް ހުޅުމާލެ އިން 624 ގޯއްޗެއް ވަނީ ގޯތި ލިބުނު މީހުންނަށް ހަވާލުކޮށްފައި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން މިހާތަނަށް 624 ގޯތި ދޫކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
އެ ވުޒާރާ އިން މިރޭ ބުނީ "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ތެެރެއިން އިތުރު 18 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.
"ބިންވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލެ ފޭސް ދެއަކުން 1380 ގޯތި ދޫކުރުމަށް ވަނީ ސޮއިކޮށްފައެވެ. މިހާތަނަށް ހުޅުމާލެ އިން 624 ގޯއްޗެއް ވަނީ ގޯތި ލިބުނު މީހުންނަށް ހަވާލުކޮށްފައި ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ އިން ބުންޏެވެ.
ކުރީ ސަރުކާރުން ހުޅުމާލެއިން ދޫކުރި ވަރަށް ގިނަ ގޯތި ހުރީ މަގުތައް މަތިންނާއި، ނަރުދަމާއާއި ކަރަންޓު ވިއުގަތަކުގެ މަތިން ދޫކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ގޯތި ދޫކުރި ސަރަހައްދުގެ މަގުތައް ކަނޑައިގެން އަލުން ހަދަންޖެހުނެވެ. އެކަމަށް އެޗްޑީސީން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.
ނިމުނު ސަރުކާރުގައި މާލޭ ސަރަހަައްދުން ބަހަން ނިންމި ގޯތީގެ ތެރެއިން ހުޅުމާލެއިން ދޫކުރަން ނިންމި ގޯތިތައް ހިލޭ ދިނުމުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއްވެ، ކުރިއަށް އޮތް އަހަރުތަކުގައި ސަރުކާރަށް މާލީ ދަތިތައް އިތުރުުވާނެކަމަށް އޮޑިޓު އޮފީހުން ވަނީ ބުނެފަ އެވެ.
2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ރިވީއުކުރުމަށްފަހު އެ އޮފީހުން ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ހުޅުމާލެއިން ހިލޭ ބިން ދޫކުރަން ނިންމައި އެ ބިންތައް ސަރުކާރަށް ނެގުމުގެ ސަބަބުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އަށް ބޮޑު ގެއްލުމެއް ލިބި އެ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭންޖެހޭނެ އެވެ.
އެޗްޑީސީން އޮޑިޓު އޮފީހާ ހިއްސާކުރި ލިޔެކިޔުންތަކަށް ބަލާއިރު އެ ބިންތައް ހިލޭ ދިނުމަށް ނިންމުމާ ގުޅިގެން އެ ކުންފުންޏަށް 7.3 ބިލިއަން ރުފިޔާއާއި 10.5 ބިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބޭނެއެވެ.