ރައީސް މުއިއްޒުގެ މި ނިންމެވުމަކީ / ތަންފީޒު ކުރައްވަން ފެއްޓެވި ފެއްޓުމަކީ ހިތްވަރު ގަދަ ނިންމެވުމެވެ. ގަޓް ހުރި ވަރުގަދަ ނިންމެކެވެ. އަދި މިއީ ކޮލެޓީ ބޭސް ދިވެހީންނަށް ޔަގީންވެ ބޭހަށް ކުރަމުން ދިޔަ ހޭދަ ކުޑަކުރެވި ނާޖައިޒު މަންފާ ހޯދުން ނިމުމަކަށް ގެނައުުމުގެ ބޮޑު ފިޔަވަޅެކެވެ.
ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ ނައުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ފަށައި އަސާސީ ބޭސްތައް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ގެނެސް ފޯރުކޮށް ދިނުމުގެ މަސައްކަތް މިއަދު ސަރުކާރުން ވަނީ ފަށާފަ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލިސްޓް ގައި އަސާސީ ބޭހުގެ 200 ބާވަތެއް ހިމެނެ އެވެ. މިއަދު ފެށި ބޮޑު މަސައްކަތަކީ މި ބޭސްތައް ދިވެހީންނަށް ލިބޭނެ ކަން ކަށަވަރު ކުރުމެވެ. ހާއްސަކޮށް ކޮލެޓީ ބޭސް ހެޔޮއަގުގައި ފޯރުކޮށް ދިނުމެވެ. ބޭހަށް ދައުލަތުން ކުރާ ހޭދަ ކުޑަކޮށް ނާޖައިޒު ގޮތުގައި ބަޔަކު ނަގަމުންދާ ބޮޑު ފައިދާ ހުއްޓުމަކަށް ވެސް ގެނައުމެވެ.
ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދާ "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން ސަރުކާރުން ވަނީ އާއްމުކޮށް ދިވެހިން ބޭނުން ކުރާ އަސާސީ ބޭހުގެ ހަތް ބާވަތެއްގެ ބޭސް ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ. މި ބޭސް އެތެރެކޮށް ރާއްޖޭގެ ބޭސް ފިހާރަތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނީ އެސްޓީއޯ އިން ނެވެ.
ފިޔަވަހިތަކަށް ބަހާލައިގެން 2026 ގައި ނިންމަން ކަނޑައަޅާފައިވާ މި މަސައްކަތުގެ ދަށުން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް ދެން ގެންނާނީ ޔޫރަޕުގެ ކޮލިޓީއަށް ފެތޭ ނަމަ އެވެ.
ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ސިއްހީ ދާއިރާއިން ވެވަޑައިގެންނެވި ވައުދެކެވެ. ހައްލެއް ނެތި ބޮއްސުންލާފައިވާ "މެޑިކަލް މާފިއާ" ގެ މި ވިޔަފާރީގެ ސަބަބުން ފެންވަރު ދަށް ބޭސް ދިވެހިންނާ ހަމައަށް ލިބެމުން ދިޔަ ދިއުން ހުއްޓުވުމަކީ ރައީސް އެންމެ ބޭނުންފުޅުވާ އެއް ކަމެވެ.
ބޭހުގެ ވިޔަފާރި ރާއްޖޭގައި ކުރާ އަމިއްލަ ކުންފުނި ތަކުން ބޭހަށް ބޮޑު ފައިދާއެއް ލައިގެން ވިއްކަ އެވެ. މިހާރު ގިނަ ކުންފުނިތަކުން ރާއްޖެ އަށް ބޭސް ގެންނަނީ ފަސް ވަނަ ޕާޓީގެ އަތުންނެވެ. އެކަމުގެ ސަބަބުން ބޭހުގެ ކަށަވަރު ކަމަށް އޮތް އިތުބާރަށް އޮތީ ބުރޫއަރާފަ އެވެ.
ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ނިސްބަތުން 15 ޕަސެންޓް ބޮޑެވެ. އަދި މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާނަމަ 70 ޕަަސެންޓް ބޮޑެވެ. ބައެއް ބޭސް ތަކަަށް ފައިދާގެ ގޮތުގައި 200 ޕަސެންޓާއި 4،000 ޕަސެންޓާ ދެމެދުގެ އަދަދެއް މިހާރު ލާފައިވެ އެވެ.
ދެތީން މިސާލެކެވެ. ހަކުރު ބަލީގެ މީހުން ބޭނުން ކުރާ އިންސިއުލިން މިހާރު ވިއްކަނީ ބައެއް ބާވަތްތައް 300 ވުރެ ބޮޑު އަގެއްގަ އެވެ. ބައެއް ބާވަތްތައް 200 ވުރެ ބޮޑުކޮށެވެ. ނަމަވެސް ބަލްކް ޕްރޮކިއުގެ ގޮތުގައި ގިނަ އަދަދެއްގެ ބޭސް އެއް ފަހަރާ ސީދާ ޔޫރަޕަށް ބޭސް އުފައްދާ ފެކްޓްރީ ތަކުން ގެނައުމުން ބޮޑު ތަނުން މާލިއްޔާ އަށް ލުއި ވެގެން ދާނެ އެވެ. އޭރުން މިފަދަ ބޭސްތައް 80 ވަރަކަށް ރުފިޔާއަށް ވިއްކޭނެ އެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމާއި ބޭހުގެ ކަށަވަރު ކަން ޔަގީން ކުރުމަށް އެޅި ވަރުގަދަ / ހަރުދަނާ ފިޔަވަޅެކެވެ.
މިފަދަ ސިޔާސަތެއް ތަންފީޒު ކުރެވޭތޯ ވޭތުވެދިޔަ ދެ ސަރުކާރުންވެސް މަސައްކަތް ކުރި އެވެ. އެކަމަކު ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރާކަށް ނުކެރުނެވެ. ސަބަބަކީ މިކަމުން ސިޔާސީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ ބޮޑު ކަމެވެ.
ރައްޔިތަކަށް އޮތް ފައިދާއާ މަންފާ ކިތަންމެ ބޮޑަސް / ދައުލަތަށް އޮތް މާލީ ބުރައަށް ކިތަންމެ ބޮޑު ލުޔެއް ލިބޭން އަޔަސް ބޭހުގެ ވިޔަފާރި "މާފިޔާ" އެއްގެ ގޮތުގައި ހިންގަމުންދާ ބާރުގަދަ މީހުންނާ އަރާ ހަަމަ ކުރަން ކެރިވަޑައިގަންނާ ވެރިއަކު ނެތީ އެވެ. އެހެންވެ އެކަމަށް ފިޔަވަޅު އަޅާކަށް ނުކެރުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނު ހިސާބުން ފެށިގެންވެސް މި ސިޔާސަތު ތަންފީޒު ކުރާނެ ކަމަށް އަޑެއް އިއްވާލި އެވެ.
އެކަމަކު ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅާއިރު ހިސާބުތަކެއް ކިޔުން ނޫން ކަމެއް އެ ވެރިކަމުގައި ވެސް ނުކުރި އެވެ.
ބޭހަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފަ އެވެ. އެގޮތުން 2014 ވަނަ އަހަރު 251 މިލިއަން ރުފިޔާ އަދި 2020 752 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މިދިޔަ އަހަރު މި ހަރަދު ބޮއްސުންލައި 700 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވެގެންވަނީ ގޮސްފަ އެވެ.
މި ހުރިހާ ސަބަބުތަކާ އެކު ރައީސް މުއިއްޒުގެ މި ނިންމެވުމަކީ / ތަންފީޒު ކުރައްވަން ފެއްޓެވި ފެއްޓުމަކީ ހިތްވަރު ގަދަ ނިންމެވުމެވެ. ގަޓް ހުރި ވަރުގަދަ ނިންމެކެވެ. އަދި މިއީ ކޮލެޓީ ބޭސް ދިވެހީންނަށް ޔަގީންވެ ބޭހަށް ކުރަމުން ދިޔަ ހޭދަ ކުޑަކުރެވި ނާޖައިޒު މަންފާ ހޯދުން ނިމުމަކަށް ގެނައުުމުގެ ބޮޑު ފިޔަވަޅެކެވެ.