ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ހާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައިވެ އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވުން

މިނިސްޓާ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޗައިނާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ވަން ޔީ އާ ބައްދަލު ކުރައްވައި، ދެ ގައުމު ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.

ޗައިނާގެ ސްޓޭޓް ގެސްޓް ހައުސް ގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމު ގައި މިނިސްޓަރު ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ހާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މި މަޝްވަރާތަކު ގައި ފޮރިން މިނިސްޓަރު ޒަމީރު ވަނީ ދިވެހިރާއްޖެ އިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއް ގައި މަޝްވަރާ ކޮށްފައިވެ އެވެ.

މިނިސްޓަރު ޒަމީރުގެ ވާހަކަފުޅު ގައި ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމު ކަން ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި ޗައިނާ އަކީ ދިވެހިރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވި އެވެ.

މިގޮތުން ދިވެހިރާއްޖޭގެ އިގްތިސާދީ މުހިއްމު ބޮޑެތި މަޝްރޫއު ތައްކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ފޮރިން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާހުތަކާގުޅޭ މައުލޫމާތު މިނިސްޓަރު ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާ ހިއްސާކުރައްވައި، މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުންވެސް ވަނީ ދެ ގައުމު ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަގީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފަ އެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ ޗައިނާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަން ފާހަގަ ކުރައްވާފަ އެވެ.

ފޮރިން މިނިސްޓަރުގެ އަރިހުގައި މިނިސްޓާ އޮފް ފިނޭންސް، ޑރ. މުހައްމަދު ޝަފީގު އާއި މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް އާއި، ދިވެހިރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބޭޖިން ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.