ތާރީހީ ދުވަހެއް؛ ޔޫރަޕް ކޮލިޓީގެ ބޭސް ދިވެހިންނަށް ލިބޭ ގޮތް ހަދައިފި

މި އުސޫލުގެ ދަށުން ފުރަތަމަ ގެނެސްފައި ވަނީ ހަތް ބާވަތެއްގެ ބޭހެވެ. ބަލްކް ޕްރޮކިއުމަންޓުގެ ދަށުން ގެންނަ ބޭހަކީ ޔޫރަޕް ކޮލެޓީގެ ޔޫރަޕަށް ބޭސް އެތެރެކުރާ ފެކްޓްރީތަކުގެ އުފެއްދުން ތަކެވެ.

ބޭސް ފިހާރަތަކެއް ކައިރީން މީހަކު ހިނގާފައި ދަނީ -- މިހާރުގެ ފޮޓޯއެއް

ޔޫރަޕް ކޮލިޓީގެ ބޭސް ރާއްޖެ ގެނައުމުގެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ފަށައި އަސާސީ ބޭސްތައް "ބަލްކް ޕްރޮކިއުމަންޓް" އުސޫލުން ގެނެސް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށައިފި އެވެ. 

ދިވެހި ސަރުކާރާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް ގެންދާ "ބަލްކް ޕްރޮކިއުމަންޓް" ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން ސަރުކާރުން ވަނީ އާއްމުކޮށް ދިވެހިން ބޭނުން ކުރާ އަސާސީ ބޭހުގެ ހަތް ބާވަތެއްގެ ބޭސް ވަނީ ލިބޭނެ ގޮތް ހަމަޖައްސާފަ އެވެ. މި ބަދަލާއެކު އަގުހެޔޮކޮށް ކޮލެޓީ ބޭސް ލިބޭނެ މަގު ފަހިވީ އެވެ. 

އަސާސީ މި ބާވަތްތަކުގެ ބޭސް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ލިބުނީ އެވެ. ސީދާ ބޭސް އުފައްދާ ފަރާތުން ގަނެ މިންގަނޑުގައި ބޭސް އެތެރެކުރެވި ރައްކާކުރެވި ދިވެހީންނަށް ލިބޭނެ ގޮތް ފަހިވީ އެވެ. މިހުރިހާ ބޭހެއް އެތެރެކޮށް ރާއްޖޭގެ ބޭސް ފިހާރަތަކަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރާނީ ވެސް އެސްޓީއޯ އިން ނެވެ. ފިޔަވަހިތަކަށް ބަހާލައިގެން 2026 ގައި ނިންމަން ކަނޑައަޅާފައިވާ މި މަސައްކަތުގެ ދަށުން ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ހުރިހާ ބޭހެއް ދެން ގެންނާނީ ޔޫރަޕުގެ ކޮލިޓީއަށް ފެތޭނަމަ އެވެ. ޑަބްލިއުއެޗްއޯގެ އަސާސީ ބޭހުގެ ލިސްޓުގައި 200 ބޭހެއް ހިމެނެ އެވެ. 

ސަރުކާރުގެ އަމާޒަކީ 2026، ޖަނަވަރީގެ ނިޔަލަށް މި ހުރިހާ ބޭސްތަކެއް / މުހިންމު އަސާސީ ހުރިހާ ބޭހެއް މި ނިޒާމުގެ ތެރެއިން ގެެނެވޭނެ މަގު ފަހިކޮށް ނިންމުމެވެ.

ސިޔާސަތު ތަންފީޒު ކުރުން ފިޔަވަހިތަކަށް

  •  ފުރަތަމަ ގެނެސް ފޯރުކޮށްދޭން ފެށީ އަސާސީ ހަތް ބާވަތެއްގެ ބޭސް
  •  އަންނަ މަހު އިތުރު ތިން ބާވަތެއްގެ ބޭސް ގެންނާނެ
  •  ހުރިހާ ބޭހެއް ޕްރޮކިއުކޮށް ނިމޭނީ 2026 ގައި

ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ސިއްހީ ދާއިރާ އިން ވެވަޑައިގެންނެވި އެންމެ މުހިންމު އެންމެ ވައުދުފުވެ. ހައްލެއް ނެތި ބޮއްސުންލާފައިވާ "މެޑިކަލް މާފިއާ" ގެ ވިޔަފާރީގެ ސަބަބުން ފެންވަރު ދަށް ބޭސް ދިވެހިންނާ ހަމައަށް ލިބެމުން ދިޔަ ދިއުން ހުއްޓުވުމަކީ ރައީސް އެންމެ ބޭނުންފުޅުވާ އެއް ކަމެވެ. 

ކޮލިޓީ ބޭހުގެ ޔަގީންކަން - ބަލްކް ޕްރޮކިއުމަންޓުގެ ދަށުން އެތެރެ ކުރާނީ ޔޫރަޕުގެ ކޮލިޓީގެ ބޭހެވެ. ބޭސް އުފައްދާ ދުނިޔޭގެ މަޝްހޫރު ފެކްޓަރީ ތަކުން މެދުވެރިއެއް ނެތި ގެންނަ މި ބޭހަކީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ކޮލިޓީގެ ބޭހަށް ވާނެ އެވެ.  

މިސާލަކަށް ދުނިޔޭގައި ބޭސް އުފައްދާ ބޮޑެތި ފެކްޓްރީތައް ހުންނަ އިންޑިއާ ނޫނީ ޕާކިސްތާނު ނުވަތަ އެހެން ގައުމެއްގެ ފެކްޓްރީއެއްގެ އުފެއްދުމަކަށްވީނަމަވެސް ރާއްޖެ އަަށް ގެންނަ ބޭސް ވާނީ ޔޫއެންޑީޕީގެ ބަލްކް ޕްރޮކިއުމަންޓުގެ ތެރޭން އަންނަ ބޭހަށެވެ. އެ ބޭހެއް ވެގެންދާނީ ޔޫރަޕުގެ ގައުމުތަކުގެ އިދާރާ ތަކުން ހުއްދަ ދީފައިވާ ބޭހަކަށެވެ. މި ބޭސް ބަލްކް ޕްރޮކިއުކުރަނީ ޔޫރަޕަށް ބޭސް ގެންދާ ގައުމުތަކާއެކުގައިވާތީ އޮންނާނެ ޔަގީން ކަމަކީ ކޮލިޓީ ބޭސް ރާއްޖެއަށް ލިބުމެވެ. އަދި އަސާސީ ހުރިހާ ބޭހެއް ދިވެހިންނަށް ލިބޭނެކަމުގެ ޔަގީންކަން ލިބުމަކީ ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ. 

މި ސިޔާސަތު ތަންފީޒު ކުރަން ފެށުމުން ވަކި ބްރޭންޑެއްގެ ބޭހެއް ޑޮކްޓަރަށް ލިޔެ ދިނުން ނިމުމަކަށް އަންނާނެ އެވެ. ނަމަވެސް ޑޮކްޓަރު ވަކި ބްރޭންޑެއްގެ ބޭހެއް ކާން ބުނެފިނަމަ އެ ބޭހެއް ލިޔެދެވޭނެ އެވެ. އަދި އެ ބޭހެއް އާސަންދައިން ލިބެން ހުންނާނެ އެވެ. 

ރާއްޖެއަކީ ބޭހުގެ އަގުބޮޑު ގައުމެއް

މިހާރު މެޑިކަލް މާފިއާގެ ތެރޭން ބޭހުގެ ވިޔަފާރި ރާއްޖޭގައި ކުރަމުންދާ ގޮތުގެ ސަބަބުން އަމިއްލަ ކުންފުނި ތަކުން ބޭހަށް ބޮޑު ފައިދާއެއް ލައިގެން ވިއްކަ އެވެ. މިހާރު ގިނަ ކުންފުނިތަކުން ރާއްޖެ އަށް ބޭސް ގެންނަނީ ފަސް ވަނަ ޕާޓީގެ އަތުންނެވެ. 

ރާއްޖޭގައި ބޭހުގެ އަގު ދުނިޔޭގެ ނިސްބަތުން 15 ޕަސެންޓް ބޮޑެވެ. އަދި މި ސަރަހައްދުގެ ގައުމުތަކާ އަޅާ ބަލާނަމަ 70 ޕަަސެންޓް ބޮޑެވެ. ބައެއް ބޭސް ތަކަަށް ފައިދާގެ ގޮތުގައި 200 ޕަސެންޓާއި 4،000 ޕަސެންޓާ ދެމެދުގެ އަދަދެއް މިހާރު ލާފައިވެ އެވެ. ނަމަވެސް ބަލްކް ޕްރޮކިއުގެ ގޮތުގައި ގިނަ އަދަދެއްގެ ބޭސް އެއް ފަހަރާ ސީދާ ޔޫރަޕަށް ބޭސް އުފައްދާ ފެކްޓްރީ ތަކުން ގެނައުމުން ބޮޑު ތަނުން މާލިއްޔާ އަށް ލުއި ވެގެން ދާނެ އެވެ. 

ކުރަން ނުކެރުނު ކަމެއް - މި ސިޔާސަތު ތަންފީޒު ކުރަން ވޭތުވެދިޔަ ދެ ސަރުކާރުންވެސް މަސައްކަތް ކުރި އެވެ. އެކަމަކު ރައްޔިތުންނަށް ކޮލިޓީ ބޭސް ފޯރުކޮށް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރާކަށް ނުކެރުނެވެ. ސަބަބަކީ މިކަމުން ސިޔާސީ ގޮތުން ކުރިމަތިވާނެ ގޮންޖެހުންތަކުގެ ބޮޑު ކަމެވެ. ބޭހުގެ ވިޔަފާރިއަކީ "މާފިޔާ" އެއްގެ ގޮތުގައި ބާރުގަދަ ބަޔަކު ހިންގާ ވިޔަފާރި އެކެވެ. އެހެންވެ އެކަމަށް ފިޔަވަޅު އަޅާކަށް ނުކެރުނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު އުފެދުނު ހިސާބުން ފެށިގެންވެސް މި ސިޔާސަތު ތަންފީޒު ކުރާނެ ކަމަށް އިއުލާނު ކުރި އެވެ. އެކަމަކު ދައުރު ނިމުނީ އެކަން އަޑެއްގެ ގޮތުގައި އޮވެގެނެވެ. ކޮންމެ އަހަރަކު ބަޖެޓު ހުށަހަޅާއިރު ހިސާބުތަކެއް ކިޔުން ނޫން ކަމެއް އެ ވެރިކަމުގައި ނުވި އެވެ. ނުކުރި އެވެ. ކުރާކަށް ނުކުރެނެވެ. ބޭހަށް ކުރާ ހަރަދު ބޮޑުވުމުގެ ސަބަބުން ސިއްހީ ނިޒާމު ވަނީ ބޮއްސުންލާފަ އެވެ. އެގޮތުން 2014 ވަނަ އަހަރު 251 މިލިއަން ރުފިޔާ އަދި 2020 752 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އަދި މިދިޔަ އަހަރު މި ހަރަދު ބޮއްސުންލައި 700 މިލިއަން ރުފިޔާއަށްވުރެ ބޮޑު ވެގެންވަނީ ގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.