އެ ނިންމުން މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދިނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.
ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވުމަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ފަހަރަކު ކޮމިޓީއަށް ވަޑައިގެންފައިނުވެ އެވެ.
އެހެން ކަމުން ކޮމެޓީން ނިންމީ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމަށެވެ. އެގޮތަށް ރިޕޯޓް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށައެޅުމުން އެ ރިޕޯޓަށް މިއަދު ވަނީ ވޯޓަށް އަހާފަ އެވެ. އެ ނިންމުން މަޖިލީހުން ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ.
ނުފެންނަ ކަމަށް ނުވަ މެންބަރުން ވޯޓު ދިނެވެ. އެއީ އިދިކޮޅު އެމްޑީޕީގެ މެންބަރުންނެވެ.
މައްސަލައާމެދު ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން އެ ދުވަހު ފާހަގަކުރެއްވީ ގަވަރުނަރު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައިނުވާ ކަމެވެ. ކުރިންވެސް މާލިއްޔަތު ކޮމިޓީގެ މެންބަރުކަން ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ގަވަރުނަރު ސަރުކާރުތަކަށް ލަފާދެއްވި ކަމުގައި ވިދާޅުވި ނަމަވެސް މާލީ ހާލަތު ގޯސްވެގެންދިޔައިރު އެކަން ހުއްޓުވަން އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާ ކަމަށެވެ.
ސަލީމު އިތުރަށް ވިދާޅުވީ ކޮމިޓީއަށް ވަޑައިނުގެންނެވޭ ސަބަބެއްގެ ގޮތުގައި އާލާސްކަންފުޅާ އުޅުއްވުން ފާހަގަކުރެއްވި ނަމަވެސް ގަވަރުނަރު ހުންނެވީ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ނޫންކަން އެހެން ގޮތްގޮތުން ކޮމިޓީއަށް އެނގިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމަށް ގަދަހެއްދެވުމަކީ ދެރަވަރު ކަމެއްކަމަށާއި، އެއީ ކުށެއް ކަމުގައި ސަލީމު ވިދާޅުވި އެވެ. އަދި މާލީ ހާލަތާ ގުޅިގެން ކުރީ ސަރުކާރަށް ދެއްވި ލަފައާއި އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުން އިސްތިއުފާދެއްވުމުގެ ފުރުސަތު އޮވެ އިސްތިއުފާނުދެއްވުމުން ގައުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ފާހަގަކުރެއްވި މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފަދަ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެމްއެމްއޭއިން ހަދާފައި ނެތުމެވެ. އެގޮތުން ޝައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުމުގެ އުސޫލުވެސް އެކުލަވައިލާފައިނުވާ ކަމަށް އަޒާން ވިދާޅުވި އެވެ.