ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވުމަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ފަހަރަކު ކޮމިޓީއަށް ވަޑައިގެންފައިނުވެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަަތު ކޮމިޓީން ފާސްކޮށްފައިވާ ރިޕޯޓް މާދަމާގެ ޖަލްސާއަށް ހުށައަޅަން އެޖެންޑާ ގައި ހިމަނައިފި އެވެ.
ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީގެ މެންބަރުން ސުވާލުކުރެއްވުމަށް ގަވަރުނަރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ އެއިން އެއްވެސް ފަހަރަކު ކޮމިޓީއަށް ވަޑައިގެންފައިނުވެ އެވެ.
އެންމެ ފަހުން އޮތް ކޮމިޓީއަށް ވަޑައިނުގަތުމުން ކޮމިޓީން ނިންމީ ފަހު ފުރުސަތެއްގެ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހު ބޭއްވި ކޮމިޓީއަށް ވަޑައިގަތުމަށް ފުރުސަތު އަރުވާށެވެ. ނަމަވެސް އެ ދުވަހު ވެސް ކޮމިޓީއަށް ވަޑައިނުގަތުމުން އޭނާ މަގާމުން ވަކިކުރަން ލަފާ ދިނުމުގެ މައްސަލައާމެދު ގޮތެއް ނިންމަން ހުށަހަޅައި ކޮމިޓީން ފާސްކުރީ ގަވަރުނަރު ވަކިކުރުމަށެވެ.
މާދަމާގެ ޖަލްސާއަށް އެ ކޮމެޓީގެ ނިންމުން މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ. މަޖިލީހުގައި އޮތީ ސަރުކާރުގެ ސުޕަ މެޖޯރިޓީ ކަމުން ސަރުކާރުން ބޭނުން ނަމަ އަލީ ހާޝިމް މަގާމުން ވަކި ކުރެއްވުމަކީ ދާދި ފަސޭހަ ކަމެކެވެ.
މައްސަލައާމެދު ވާހަކަދައްކަވަމުން ކޮމިޓީގެ މެންބަރުން އެ ދުވަހު ފާހަގަކުރެއްވީ ގަވަރުނަރު މަގާމުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރައްވާފައިނުވާ ކަމެވެ. ކުރިންވެސް މާލިއްޔަތު ކޮމިޓީގެ މެންބަރުކަން ކުރެއްވި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ ގަވަރުނަރު ސަރުކާރުތަކަށް ލަފާދެއްވި ކަމުގައި ވިދާޅުވި ނަމަވެސް މާލީ ހާލަތު ގޯސްވެގެންދިޔައިރު އެކަން ހުއްޓުވަން އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވާ ކަމަށެވެ.
ސަލީމު އިތުރަށް ވިދާޅުވީ ކޮމިޓީއަށް ވަޑައިނުގެންނެވޭ ސަބަބެއްގެ ގޮތުގައި އާލާސްކަންފުޅާ އުޅުއްވުން ފާހަގަކުރެއްވި ނަމަވެސް ގަވަރުނަރު ހުންނެވީ ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާ ގޮތަށް ނޫންކަން އެހެން ގޮތްގޮތުން ކޮމިޓީއަށް އެނގިފައިވާ ކަމަށެވެ. އަދި މަޖިލީހަށް ހާޒިރުވެވަޑައިނުގަތުމަށް ގަދަހެއްދެވުމަކީ ދެރަވަރު ކަމެއްކަމަށާއި، އެއީ ކުށެއް ކަމުގައި ސަލީމު ވިދާޅުވި އެވެ. އަދި މާލީ ހާލަތާ ގުޅިގެން ކުރީ ސަރުކާރަށް ދެއްވި ލަފައާއި އިރުޝާދަށް ސަރުކާރުން އަމަލުނުކުރުމުން އިސްތިއުފާދެއްވުމުގެ ފުރުސަތު އޮވެ އިސްތިއުފާނުދެއްވުމުން ގައުމުގެ ހާލަތު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމުގެ ވިސްނުންފުޅެއް ނެތް ކަން އެނގޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ފާހަގަކުރެއްވި މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފަދަ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް އެމްއެމްއޭއިން ހަދާފައި ނެތުމެވެ. އެގޮތުން ޝައްކުކުރެވޭ މުއާމަލާތްތައް ރިޕޯޓުކުރުމުގެ އުސޫލުވެސް އެކުލަވައިލާފައިނުވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އެހެން މެންބަރުންވެސް ފާހަގަކުރެއްވީ ގާނޫނުތަކުގެ ދަށުން ހަދަންޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހަދާފައި ނެތުން ފަދަ މައްސަލަތަކެވެ. އެ މައްސަލަތައް ފާހަގަކުރައްވައި ކޮމިޓީގެ އަޣުލަބިއްޔަތުން ފާސްކުރީ އޭނާ ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ލަފާ ދިނުމަށެވެ.