މީރާއިން އާންމުކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ޖަނަވަރީން ފެށިގެން ފާއިތުވި ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ނިމުނު އަހަރަށްވުރެ %17 އިތުރުވެފައިވެ އެވެ.
މި އަހަރުގެ ޖަނަވަރީން ފެށިގެން ޖޫން މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17 އިންސައްތައިން އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން ކޮންމެ މަހެއް ނިމުމުން އާންމުކުރާ އެ މަހުގެ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ޖަނަވަރީން ފެށިގެން ފާއިތުވި ޖޫން މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 14.7 ބިލިއަން ރުފިޔާ އެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނީ 12.5 ބިލިއަން ރުފިޔާ އެވެ.
އަހަރުން އަހަރަށް ބަލާއިރު ދައުލަތަށް ޖޫންގެ ނިޔަލަށް ލިބުނު އާމްދަނީ 17.45 އިންސައްތައިން އިތުރުވި އެވެ.
އެ ހިސާބުތަކަށް ބަލާއިރު ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރާ އަޅާބަލާއިރު އިތުރުވެފައިވެ އެވެ. އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި ޓެކުހުގެ ގޮތުގައި ލިބުނީ 10.6 ބިލިއަން ރުފިޔާ އެވެ. މި އަހަރު 12.5 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި ލިބުނެވެ. އެއީ ގާތްގަނޑަކަށް %17 ގެ އިތުރުވުމެކެވެ.
ޓެކުސް ފިޔަވައި އެހެނިހެން ގޮތް ގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރަށްވުރެ މި އަހަރު އިތުރުވި އެވެ. އެގޮތުން 2.2 ބިލިއަން ރުފިޔާ މި އަހަރު ލިބުނުއިރު މިދިޔަ އަހަރު ލިބުނީ 1.89 ބިލިއަން ރުފިޔާ އެވެ.
އޭގެ އިތުރަށް ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީވެސް ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރު އިތުރުވެފައިވެ އެވެ. ނިމުނު އަހަރު ޑޮލަރުން ލިބުނީ 488 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 560 މިލިއަނަށް އަރާފަ އެވެ.
ޑޮލަރުން ލިބުނު އާމްދަނީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 400 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 458 މިލިއަން ޑޮލަރު ލިބުނެވެ.