ފަންނާނުގެ މަސައްކަތްތައް ކުރިއެރުވުމަށް 25 މިލިއަން ކަނޑައަޅަނީ

ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްގީ ކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭގެ ހަފްލާގައި ވާހަކަފުޅު ދައްކަވަނީ

މިއަންނަ އަހަރުން ފެށިގެން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސްގެ ބަޖެޓުން އާޓިސްޓުންގެ މަސައްކަތްތައް ކުރިއެރުވުމަށް ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ގްރާންޓްގެ ގޮތުގައި ދޫކުރުމަށް 25 މިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން ބާއްވާ "އަންވެއިލިން ވިޒަންސް 2024" މައުރަޒު ބައްލަވައިލެއްވުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ނޭޝަނަލް އާޓް ގެލަރީގައި ކުރިއަށްދިޔަ މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އާޓިސްޓުންގެ ހުނަރު ކުރިއެރުވުމަށް ފުރިހަމަ އެއްބާރުލުންދެއްވައި މެނިފެސްޓޯގައިވާ ގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އާޓިސްޓުންގެ ކުރެހުންތައް ވިއްކޭނެ މަގުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

އަދި ސަރުކާރުން އާޓިސްޓުންގެ ހުނަރު ތަރައްގީ ކުރުމަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ދެއްވިއެވެ. މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ދައްކާލުމަށާއި އެ ހުނަރު ތަރައްގީ ކުރުމަށް ޖާގައިގެ ގޮތުން ތަނަވަސް ވަކި ތަނެއް ހުޅުމާލޭގައި ތަރައްގީ ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވެސް މައުރަޒުތައް ބޭއްވޭނެ ގޮތްތައް ތަނަވަސް ކޮށްދެއްވާނެ ކަމަށެވެ. ބައިނަލްއަގްވާމީ ފޯރަމް ތަކުގައިވެސް އާޓިސްޓުންގެ ހުނަރު ދެއްކުމަށް މިސަރުކާރުން މަގުފަހިކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"އަންވެއިލިން ވިޒަންސް 2024" މައުރަޒުގައި ކުރެހުމެއް ރައީސް ބައްލަވާލައްވަނީ

"އަންވެއިލިން ވިޒަންސް 2024" މައުރަޒަށް، އެކި ކުރެހުންތެރިން 200 އަށް ވުރެ ގިނަ ހުށަހެޅުން ފޮނުވާފައިވެއެވެ. އޭގެތެރެއިން މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (އެމްއޭސީ) އިން ބެއްލުމަށްފަހު މި މައުރަޒަށް ހޮވާފައިވަނީ 105 ކުރެހުންތެރިންގެ މަސައްކަތްތަކެވެ.

ނޭޝަނަލް އާޓް ގެލަރީގައި މިހިނގާ ޖުލައި މަހުގެ ނުވަވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މަރުރަޒުގައި ރާއްޖޭގެ މަޝްހޫރު ބައެއް ކުރެހުންތެރިންގެ އިތުރުން އަލަށް މިދާއިރާގައި ހަރަކާތްތެރިވާ މީހުން ބައިވެރިވެފައިވެ އެވެ.

ރާއްޖޭގެ ކުރެހުންތެރިންގެ ހުނަރު ދައްކާލުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ މި މައުރަޒު ބާއްވާތާ މިއީ ހަތް ވަނަ އަހަރެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.