އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތު ކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފަ އެވެ.
އިރުމަތީ ގުދުސް ހިމެނޭ ގޮތަށް އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް ހިންގާ ސިޔާސަތުތަކާއި އަމަލުކުރާ ގޮތްތަކުގެ ސަބަބުން ޤާނޫނީގޮތުން ނުކުންނަ ނަތީޖާތަކާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިއްޔެ ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަމަށް މަރުޙަބާ ވިދާޅުވެފައި ވަނީ އެކްސްގައި ހިއްސާ ކުރެއްވި މެސެޖެއްގަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ޤަވާއިދާ ޚިލާފަށް ދެމިތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ހައިސިއްޔަތު ހޯދުމަށް މަސައްކަތްކުރުމުގެ ހައްޤު ލިބިދޭކަން އައިސީޖޭގެ އެޑްވައިޒަރީ އޮޕީނިއަންގައި ފާހަގަ ކޮށްފައި ވާތީ އެކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ.
މީގެއިތުރުން އެމަނިކުފާނު ވަނީ ފަލަސްޠީނުގެ ބިންތަކުގައި ޤަވާއިދާ ޚިލާފަށް އިސްރާއީލުން ވަޒަންވެރި ކުރުވަމުން ދިއުމުގެ ސިޔާސަތުތައް ވަގުތުން ހުއްޓާލުމަށާ އަދި އިސްރާއީލުގެ ނާއިންސާފު ޢަމަލުތަކާ އަދި ތަފާތު ކުރުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށްވެސް ގޮވާލައްވާފަ އެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ރާއްޖެއިން ކުރާ އުންމީދުތައް އިއްޔެ އައިސީޖޭ އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންއާއެކު، އިތުރަށް އައުވެގެން ދިޔަކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަ ކުރައްވަފައި ވެއެވެ.