ތިންހާހުގެ އާބާދީތަކަށް ތިން ކައުންސިލަރުން ފުދޭނެ: ރައީސް

"އެހެންވީމަ އަޅުގަނޑު ހިތުން ތިންހާސް މީހުންނަށް ވުރެ ގިނަ ނޫން އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ބޭފުޅުން އިންތިހާބު ކުރީމަ ފުދޭނެ،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ

ތިންހާހަހަށް ވުރެ އާބާދީ މަދު ރަށްތަކުގެ ކައުންސިލުތަކަށް ތިން ކައުންސިލަރުން އިންތިހާބު ކުރުމަށް ކަނޑައެޅުމަކީ ފުދޭނެ އަދަދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ "ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު މީގެ ކުރީން ވެސް ހަރަދުކުޑަކުރުމުގެ ދެމެހެއްޓެނިވި ފިޔަވަޅެއްގެ ގޮތުން ކައުންސިލަރުންގެ އަދަދު މަދު ކުރައްވަން ގާނޫނަށް އިސްލާހު ގެންނަވަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ފުރަތަމަ އެ އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަަލްސާއެއްގަ އެވެ.

ރައީސް މިރޭ ވަނީ ތަފްސީލުކޮށް އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ވިދާޅުވީ ތިންހާހުގެ އާބާދީތަކަށް / އެއަށް ވުރެ މަދު އާބާދީތަކަށް ތިން ކައުންސިލަރުން ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބު ކުރާ ބޭފުޅެއް ކަމަށާ ދެން ހިމެނިވަޑައިގަންނަވާނީ އަންހެނުންގެ ފަރާތުން އިންތިހާބު ކުރާ ބޭފުޅަކާއި ޒުވާނުންގެ ފަރާތުން އިންތިހާބު ކުރާ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އެ ގޮތަށް ކަނޑައެޅުމުން ކައުންސިލްތަކުގައި ޒުވާނުންނާއި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތު

އަދި ވިދާޅުވީ ނާއިބު ރައީސެއް ކަނޑައަޅާނީ އެ ދެ ބޭފުޅުންގެ ތެރެއިން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ހިތުން ތިންހާސް މީހުންނަށް ވުރެ ގިނަ ނޫން އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ބޭފުޅުން އިންތިހާބު ކުރީމަ ފުދޭނެ،" ރައީސް ވިދާޅުވި އެވެ.

އާބާދީ ބޮޑެތި ރަށްރަށު ގައި ފަސް ކައުންސިލަރުން އިންތިހާބު ކުރާ ގޮތަށް އޮތުން ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ތިންހާހާއި ދިހަހާހުގެ އާބާދީތަކަށެވެ.

މީގެ އިތުރުން ވެރިރަށް -- މާލެ ސިޓީ ކައުންސިލަށް މެންބަރުން ހޮވާއިރު ކޮންމެ ތިންހާސް މީހަކަށް ކައުންސިލަރެއް ހުރުން ރަނގަޅު ކަމުގައި ވިދާޅުވި އެވެ. 

"ނާރެސް ޕޯޓަލް" އަދި "އޮޕަރޭޝަން ކުރަނގި" ފޭސް 2 އިފުތިތާހު ކުރުމުގެ ގޮތުން މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތު

ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތް ކަމަށާ އެ ބަދަލުތައް ގެންނަވާނީ އިތުރަށް ބަލާ ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ. އަދި ވިދާޅުވީ ހަރަދު ކުޑަކުރުމުގެ އެ ފިޔަވަޅުގެ ސަބަބުން އިތުރު ފައިދާތައް ވެސް ލިބޭނެ ކަމަށެވެ.

ކައުންސިލްތަކަށް ލިބޭ ބަޖެޓް އިތުރުވުމާއި ކައުންސިލްތަކުގައި މަސައްކަތް ކުރާ ސިވިލްސާވިސް މުވައްޒިފުންނަށް ރަނގަޅު މުސާރައެއް ދިނުމަށް ވެސް ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

މިހާރު އޮންނަ ގޮތުން ކިތަންމެ އާބާދީ މަދު ނަމަވެސް ފަސް ކައުންސިލަރުން އިންތިހާބު ކުރެ އެވެ. އެއީ ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. ބައެއް ރަށްރަށުން އެ އަދަދަށް ކުރިމަތިލާނެ ތައުލީމީ / ގާބިލް މީހުން ނުވެސް ލިބެ އެވެ. އެހެން ކަމުން ތައުލީމީ ގޮތުން ފެންވަރަށް ދަށް / ގާބިލް ކަމެއް ނެތް މީހުން ރަށްރަށުގެ ވެރީންގެ ގޮތުގައި ތިބުމުގެ ފުރުސަތު ތަނަވަސް ވެ އެވެ. އެކަމުގެ ސަބަބުން ރަށްރަށުގެ އުމްރާނީ ތަރައްގީ ހުއްޓި އެތައް މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.