"ކެތްތެރިކަމާ ހިތްވަރާ އެކު ހަވާލުވާ ކޮންމެ ޒިންމާ އަދާކުރަމުން ގެންދިއުމަށް އަބަދު ވެސް ހަނދާން ކޮށްދެން. އަބަދުވެސް އެދެނީ އިތުރު ކާމިޔާބީއާ ކުރި އެރުމަށް،"
ކެތްތެރިކަމާ ހިތްވަރާއެކު ހަވާލުވާ ކޮންމެ ޒިންމާ އަދާކުރަމުން ގެންދިއުމަށް ދަރިކަލުން، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް، އޭނާގެ ބައްޕާފުޅު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިލްތިމާސް ކުރައްވައިފި އެވެ.
އަބްދުއްރަހީމްގެ މި އިލްތިމާސް، ދަރިކަލުން ފައިސަލަށް ކުރެއްވީ ފައިސަލްގެ އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ. ފައިސަލަކީ އަބްދުއްރަހީމްގެ ދޮށީ ދަރިކަލުންނެވެ.
އަބްދުއްރަހީމްގެ ފޯސްޓް ގައި ފައިސަލަށް މުހާތަބު ކުރައްވާފައި ވަނީ އެއީ ލޯބިވާ ދަރިފުޅުގެ ގޮތުގަ އެވެ. ވިދާޅުވީ ފައިސަލާމެދު މުޅި އާއިލާ ވެސް މިއަދު ފަހުރުވެރިވާ ކަމަށެވެ.
"އުފާވެރި އުފަން ދުވަހަކަށް ލޯބިވާ ދަރިފުޅު ފައިސަލަށް މަރުހަބާ ކިޔަން. ދަރިފުޅަށްޓަކައި ބައްޕައާ މަންމަ އަދި މުޅި އާއިލާ ވެސް މިއަދު ފަހުވެރިވަމު،"
އަދި ނަސޭހަތެއްގެ ގޮތުން ވިދާޅުވެފައިވެ އެވެ؛
"ކެތްތެރިކަމާ ހިތްވަރާ އެކު ހަވާލުވާ ކޮންމެ ޒިންމާ އަދާކުރަމުން ގެންދިއުމަށް އަބަދު ވެސް ހަނދާން ކޮށްދެން. އަބަދުވެސް އެދެނީ އިތުރު ކާމިޔާބީއާ ކުރި އެރުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.