އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައި ވަނީ މިއަދު އެވެ. ހުޅުމާޅެ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފަ އެވެ.
ހުޅުމާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފި އެވެ.
ހިނގަމުންދާ ޖުލައި މަހުގެ އަށްވަނަ ދުވަހު ހުޅުމާލޭގައި ހިނގި ގުރޫޕު މާރާމާރީގައި ޒުވާނަކަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އޭނާއަށް އައިޖީއެމްއެޗްގައި މިހާރުވެސް އަންނަނީ ފަރުވާދެމުންނެވެ. އެ މާރާމާރީގައި އަނިޔާވި ޒުވާނާގެ ލޯ ދުޅަވެ ބޯ ފަޅައިގެންގޮސްފައިވެ އެވެ. އަދި ސިކުނޑިއަށް ލޭ އެޅި ވަރަށް ބޮޑަށް ހާލު ދެރަވި އެވެ.
ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޝިފާނު މިއަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފަހުން ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ދީފައިވާ ކަމަށެވެ.
އަނިޔާވި ޒުވާނާގެ އާއިލާއިން ބުނެފައިވަނީ އޭނާގެ ހާލު މިހާރު ރަނގަޅުވަމުންދާ ކަމށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ސަބަބުން ހިނގުމަށް ދަތިވެފައިވާ ކަމަށް އާއިލާއިން ބުނެ އެވެ. އާއިލާއިންވަނީ އެ މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ނޭނގުމާއި، މާރާމާރީ ހިންގި ގުރޫޕުން ދެވަނަ ފަހަރަށް އެ ޒުވާނާއަށް ހަމަލާއެއް ދީފާނެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.