އަލީއަކީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވެ ފުލުހުން ބޮޑު ތަހުގީގެއް ހިންގައި ޕްރޮސެކިއުޓާ ޖެރަލް އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލި މީހެއް
އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިކުރެއްވުމުން އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެމްޑީޕީގެ ލީޑާޝިޕުން ނުރުހުން ފާޅުކޮށްފި އެވެ.
ޝާހިދުގެ ދަތުރުފުޅުގެ ވީޑިއޯއެއް އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން ޝާއިއުކުރިއިރު އަރިހުގައި އަލީ ވަހީދު އުޅޭ މަންޒަރު ފެނުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ފާޑުކިޔަމުންނެވެ.
އަލީ ވަހީދަކީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވެ ފުލުހުން ބޮޑު ތަހުގީގެއް ހިންގައި ޕްރޮސެކިއުޓާ ޖެރަލް އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލި ބޭފުޅެކެވެ.
އެ މައްސަލަަ ފެންމަތިވުމާއެކު އަލީ ވަހީދު ހުންނެވި މަަގާމުން އޭނާ ވަކިކުރި އެވެ. ދައުވާ އުފުލާފައިވަނިކޮށް އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ކަމަށް ވިދާޅުވެ ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ގޮތަށް އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އަނބުރާ ރާއްޖެއަށް އަލީ ވަޑައިގަތީ ދައުވާ އަނބުރާ ގެންދިއުމުންނެވެ.
ޝާހިދުގެ ދަތުރުފުޅުގައި އަލީ ވަހީދު ބައިވެރިކުރެއްވިއިރު އޭނާއަކީ ޕާޓީގެ ރަސްމީ މަގާމެއްގައި ހުންނެވި ބޭފުޅަކަށްނުވާތީ އޭނާ އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ހައިސިއްޔަތާމެދު ސުވާލު އުފައްދަވައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ)ވަނީ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ކުރައްވާފަ އެވެ.
އަލީ ވަހީދު އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ޕާޓީ ތަމްސީލު ކުރެއްވުމަށްތޯ ސުވާލުކުރެއްވުމާއެކު، ޕާޓީގެ މަގާމެއްގައި ނެތް ބޭފުޅަކު ޕާޓީ ތަމްސީލު ކުރައްވާނަމަ އެއީ މައްސަލައެއްކަމަށް އިބުރޭ ވިދާޅުވި އެވެ. އަދި އެކަން ބަލައިނުގެންނެވޭނެ ކަމުގައިވެސް ފާހަގަަކުރެއްވި އެވެ.
ޝާހިދުވަނީ ރައްދުގައި އޭނާއަށް ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ލިބިދޭ ބާރުތަކާމެދު ސުވާލުކުރައްވައި އޭނާގެ ބައްދަލުވުންތަކުގައި ބައިވެރިކުރައްވާނެ ބޭފުޅުން ކަނޑައަޅާނީ ޕާޓީގެ ސެކްރެޓޭރިއޭޓުންތޯ ސުވާލު ކުރައްވާފަ އެވެ. އަދި އަލީ ވަހީދު ދިފާއު ކުރައްވައި އޭނާއަކީ އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެއްކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އިބުރޭގެ ސުވާލަށް ޖަވާބުދެއްވަމުން ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ އެ ދަތުރުފުޅަކީ ޝާހިދުގެ އަމިއްލަފުޅު ދަތުރުފުޅެއްކަމަށާއި، އެއީ ޕާޓީގެ ދަތުރެއް ނޫންކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި އަލީ ވަހީދު މަޖިލިސް އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް އެ ޕާޓީގެ އިސްވެރިން އޭނާގެ ކެމްޕެއިނުގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. ހދ އަތޮޅުގެ ބައެއް ރަށްތަކަށް ކެމްޕެއިނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވިއިރު ކުޅުދުއްފުށި ސިޓީއަށް ވަޑައިނުގަތީވެސް އަލީ ވަހީދުގެ ކެމްޕެއިނުގަައި ބައިވެރިވެވަޑައިނުގަތުމަށް ކަމުގައި އެއިރު އަޑު ފެތުރުނެވެ.