ޝެޑޯޕާމް އިން މި ވީޑިއޯ ނަގަން ތިން ދުވަހު މަސައްކަތް ކުރި އެވެ. ވީޑިއޯ ވަނީ އެމެރިކާގެ އޭބީސީ ނިއުސް ޓުނައިޓް ޝޯވްގައި ވަގުތުން ދައްކާފަ އެވެ.
ކަނޑުގައި އުޅޭ ކަމަށް މިހާތަނަށް ބެލެވޭ އެންމެ ބިޔަ މަހުގެ ލިސްޓުގައި ބްލޫވޭލް އޮންނަނީ އެއް ވަނާގަ އެވެ. މި ބިޔަ މަސް 90 ފޫޓަށް ބޮޑުވާ ކަމަށްވެ އެވެ. އެކަމަކު މިހާތަނަށް ބްލޫވޭލްއަކާއެކު ފީނައި ވީޑިއޯއެއް ދުނިޔޭގައި ވެސް ނެގިކަން އެނގޭކަށް ނެތެވެ. ނަމަވެސް ދިވެހި ކުންފުންޏެއް ކަމަށްވާ ޝެޑޯޕާމް ޓުއާސް އިން ނެގި ބްލޫވޭލްއާއެކު ފީނާ ވީޑިއޯ ދުނިޔޭގައި މަޝްހޫރުވެ ރާއްޖެ އަށް މިވަނީ މަގުބޫލުކަން ލިބިފަ އެވެ.
މި ވީޑިއޯ ނެގި މާފުށީ ޝެޑޯޕާމް ޓުއާސް ކުންފުނީގެ ވެރިޔާ އަލީ ރައްޒާން ވިދާޅުވި "މިރާ" އަށް ވިދާޅުވި ގޮތުގައި ބްލޫވޭލްގެ ވީޑިއޯ ނަގައި އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމާއެކު ދުނިޔޭގެ ބޮޑެތި މީޑިއާ ތަކުން ވަނީ ގުޅަން ފަށާފަ އެވެ.
"އޭބީސީ ނިއުސް އިން މިހާރު އެ ވީޑިއޯ ވަނީ އެ މީހުންގެ ޝޯވްއެއްގައި ލައިވްކޮށް ދައްކާފަ. މިއީ ރާއްޖެ އަށް ލިބުނު ވަރަށް ބޮޑު އިސްތިހާރެއް. އެމީހުން ބުނޭ މި ވީޑިއޯގެ ރީޗް އެތައް މިލިއަނަކަށް ކައިރިއަށްދާނެ ކަމަށް،" ރައްޒާން ވިދާޅުވި އެވެ.
ޝެޑޯޕާމް އިން މި ވީޑިއޯ ނަގާފައިވަނީ ބުރަ މަސައްކަތް ތަކެއް ކޮށްގެންނެވެ. ވީޑިއޯ ނަގާފައިވަނީ ވ. އަތޮޅާއި މާފުއްޓާ ދިމާ ކަނޑުންނެވެ. އެމެރިކާ އާއި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު އެއް ޗެނަލް ކަމަށްވާ އޭބީސީ ނިއުސް ޗެނަލް އިން ދެއްކި މި ވީޑިއޯ އިން ފެންނަނީ ޝެޑޯޕާމްގެ ގައިޑެއް މި ބިޔަ މަހާއެކު ފީނާ ތަނެވެ. އަދި މަސް ފެން މައްޗަށް އަރައި ފެންކަނޑު މައްޗަށް ބުރުއްސާލާ މަންޒަރު ވެސް ދައްކަ އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އެކްސްކާޝަންގެ ހިދުމަތް ދެމުން ގެންދާ އެއް ކުންފުނީގެ ވެރިޔާ ރައްޒާން ވިދާޅުވި ގޮތުގައި ވާވަށް ދަނިކޮށް އެއް ދުވަހު އެ މަސް ފެނުމާއެކު ވީޑިއޯ ނެގުމުގެ ހިޔާލު އައިސް އެ މަސައްކަތް ފެށީ އެވެ.
"ތިން ދުވަހު އެ މަސައްކަތް ކުރިން. ވަރަށް ގިނަ ތެޔޮ ހަރަދުކޮށް ގިނައިރު ދުއްވިން. ބްލޫވޭލް ފެނުނީމަ ޑްރޯން އުދުއްސާލައިގެން ނެގީ. އަދި އެނގޭ މީގެ [ބްލޫވޭލ]އަކާއެކު ފީނަނަކިކޮށް މިހާތަނަށް މި ވަރުގެ ރީތި ވީޑިއޯއެއް ފެނިފައި ނެތްކަން. އެހެންވެ ބެލީ އެފަދަ ވީޑިއޯއެއް ނަގަން. އެކަން ކުރީ އަޅުގަނޑުމެންގެ ގައިޑެއް. ވަރަށް ބުރަ މަސައްކަތެއް މިއީ،" ރައްޒާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ވީޑިއޯގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި އަށް ވެސް ހެޔޮ ފައިދާ ތަކެއް ދަނީ ކުރަމުންނެވެ. ބައެއް މެރިން ބަޔޮލޮޖިސްޓުންގެ ގްރޫޕްތަކުން ރާއްޖެ އައިސް މިކަމުގެ ދިރާސާތަށް ކުރަން ޝައުގުވެރިކަން ފާޅު ކުރަމުންދާ ކަމަށް ރައްޒާން ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް ރަނގަޅު ކޮށް ފެންނަނީ. މީގައި އެންމެ ރަނގަޅު ވާނީ މުޅިރާއްޖެއަށް. އެންމެ ބޮޑު އުފަލަނީ އެއީ،"